"ހަލާލު ރިސޯޓެއް" ތަރައްގީ ކުރުމަށް އެމްސީއައިއެފްއާ ހަވާލުކޮށްފި

މިބްފީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ޖިހާދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ހަލާލު ފަތުރުވެރިކަން ރާއްޖޭގައި ފެށުމަށް ޓަކައި ހަލާލު ރިސޯޓެއް ތަރައްގީ ކުރުމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފިނޭންސް (އެމްސީއައިއެފް) އާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް، އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފިނޭންސް އިންޑަސްޓްރީ ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ހަލާލު ފަތުރުވެރިކަމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޤާއިމުވެފައިވާ ފައިދާ ބޮޑު ބާވަތެއް ކަމަށެވެ. އަދި އެބާވަތުގެ ފަތުރުވެކަމާއި އޭގެ ބާޒާރަށް ވަނުމުގެ މުޙިއްމުކަން އަދުގެ ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"ވީމާ އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ހަލާލް ރިސޯޓެއް ތަރައްޤީ ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެމްސީއައިއެފަށް ރަށެއް ހަވާލުކޮށްފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މާޒީގައި މުޅިން އަލަށް ކުރާ ކަމެއްގެ ގޮތުގައި، މި މަޝްރޫއުއިން ލިބޭ ފައިދާ ބޭނުންކުރާނީ ދިވެހި މުޖްތަމަޢުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ޚަރަދުކުރުމަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިމަޝްރޫއުގެ ހުރިހާ ފައިދާއެއް ޖަމާކުރަމުންދާނީ ފަޤީރުކަން ނައްތާލުމަށް ޤާއިމުކުރާ މުސްތަގިއްލު ފަންޑަކަށް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ސައްތައިންސައްތަ ދައުލަތުގެ މިލްކު އޮންނަ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް، އެމްސީއައިއެފް ވުޖޫދަށް ގެނެސްފައިވަނީ ގައުމުގެ ތަރައްޤީއަށް ޚަރަދުކުރުމުގައި އާއި ފައިސާ ހޯދުމުގައި އިސްލާމީ އިޤްތިޞާދުގެ މުހިއްމުކަން ގަބޫލު ކުރެވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބް ރައީސް ޖިހާދު ވިދާޅުވީ އެ ސެންޓަރުގެ މަގްސަދަކީ ރާއްޖޭގެ އިސްލާމީ ފައިނޭންސް އާއި ހަލާލް ސިނާޢަތް ކުރިއެރުވުމުގެ އިތުރުން އިސްލާމީ ފައިނޭންސްގެ ދާއިރާއިން ސަރަޙައްދީ މަރުކަޒަކަށް ރާއްޖެ ހެދުން ކަމަށެވެ.

"އިސްލާމީ ފައިނޭންސާއި ހަލާލް ސިނާޢަތް ރާއްޖޭގައި ކުރިއެރުމަށް އެކި ދިމަދިމާލުން ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން. އިސްލާމީ އިޤްތިޞާދުގެ ދާއިރާގެ މާހިރުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ ވަރަށް މަދު ބޭފުޅުން. މިދާއިރާގެ އިންސާނީ ވަސީލަތުގެ ހީނަރުކަމާއި، ފަންނާއި ހުނަރު މަދުކަމީ މިސިނާޢަތްތައް ކުރިއަރާދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްސީއައިއެފް އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މެދުވެރިކޮށް، ހުނަރާއި ފަންނު ތަރައްޤީކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީމަހު މެލޭޝިއާގެ ޔުނިވާސިޓީއެއްގައި ފަށާ ޑޮކްޓްރޭޓް ޕްރޮގްރާމްތަކަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް އެމްސީއައިއެފް އިން މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އިސްލާމީ ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ޕްރޮގްރާމްތަކެއް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަންވެސް އެމަނިކުފާނު ވަނީ މިއަދު އިއުލާންކުރައްވާފައެވެ.

"ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ކިޔެވުމަށް ޚަރަދުކުރާނެ ސްކީމެއް ޤާއިމުކުރުމަށް އެމްސީއައިއެފްއިން ވަނީ މަގުފަހިކޮށްދީފައި. ހަލާލް ސިނާޢަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގައި ތަރައްޤީކޮށް ކުރިއެރުވުމަށްވެސް ބޮޑު އަހައްމިއްޔަތެއް ސަރުކާރުން ވަނީ ދީފަ. އެގޮތުން، ދިވެހިރާއްޖޭގައި ހަލާލް އެކްރެޑިޓޭޝަން ބޯޑެއް އެކުލަވާލައި، ޤާއިމުކުރުމުގެ މަސައްކަތް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކާއެކު އެމްސީއައިއެފް އިން ދަނީ ކުރަމުން،" ނައިބް ރައީސް ވިދާޅުވިއެވެ.

ބަނޑޮހުގައި މިއަދު ފެށި އެ ކޮންފަރެންސަކީ ރާއްޖޭގެ އިސްލާމިން ބޭންކިން ދާއިރާއާއި އިސްލާމިކް ފައިނޭންސިން ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ސަރަހައްދީ ގައުމުތަކުން ބައިވެރިވެ، އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް އިންތިޒާމުކުރާ ފަރާތަކީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ޔޫޓޯ ކޮންސަލްޓް އެވެ. އިންޓަނޭޝަނަލް ލީޑް އިވެންޓް ޕާޓްނާ އަކީ އަދީ ކެޕިޓަލް އެވެ. އޮފިޝަލް ހަލާލް އީކޮމާސް ޕާޓްނާ އަކީ މެލޭޝިއާގެ ޒިލްޒާރް ކުންފުންނެވެ.

comment ކޮމެންޓް