ރާއްޖޭގައި ހަށިވިއްކަން ލަންކާއިން މީހުން ފޮނުވާ ބޮޑު ވިއުގައެއް އަތުލައިގެންފި

ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ބަލައިފާސްކުރި ބިއުޓީ ސެލޫނަކުން ބަޔަކު ހައްޔަރުކޮށްފައި-- ސަން ފައިލް ފޮޓޯ

ހަށިވިއްކުމުގެ މަސައްކަތަށް ސްރީލަންކާގެ 100 އަށް ވުރެ ގިނަ އަންހެނުން ރާއްޖެއަށް ޓްރެފިކް ކޮށްފައިވާ ވިއުގައެއް ހޯދައި، އެކަމުގެ ފަހަތުގައި ތިބި ދެ މީހަކު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރަރ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ސްރީލަންކާ ފޮރިން އެމްޕްލޯއިމެންޓު ބިއުރޯއިން އަތުލައިގަތް ވިއުގައަކީ، މިހާތަނަށް ރާއްޖޭގައި ހަށިވިއްކުމުގެ މަސައްކަތް ކުރުމަށް 100 އަށް ވުރެ ގިނަ އަންހެނުން ރާއްޖެ ފޮނުވާފައިވާ ވިއުގައެވެ. އެ ބިއުރޯއާ ހަވާލައިދީ، ޑެއިލީ މިރަރގައި ބުނެފައިވަނީ ލަންކާގެ އެ އަންހެނުން ރާއްޖެ ފޮނުވާފައިވަނީ ރާއްޖޭގެ "ވީއައިޕީ" މީހުންނަށް ހަށިވިއްކުމަށް ކަމަށެވެ.

އެސްއެލްއެފްއީބީއިން ބުނާ ގޮތުގައި، ދިގު މުއްދަތެއް ވަންދެން ހިންގަމުން އައި މި ޓްރެފިކިންގް ނެޓްވޯކްގެ ފަހަތުގައި ތިބީ ސްރީލަންކާގެ ދެ ފިރިހެނެކެވެ. އުމުރުން 37 އަހަރާއި 55 އަހަރުގެ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ކަމާ ބެހޭ ފަރާތްތަކުން ކުރިޔަށް ގެންދިޔަ ޚާއްސަ ތަހުގީގީ އޮޕަރޭޝަނެއްގެ ތެރެއިން، ކޮލޮމްބޯގެ ރަށް ބޭރުގައި އޮންނަ ބައްތަރަމުއްލަ އަވަށުން އިއްޔެގެ ވަގުތެއްގައެވެ.

ނެޓްވޯކު ހިންގަމުން އައި ދެ މީހުންނަށް، ކަޑުވެލާ މެޖިސްޓްރޭޓް ކޯޓުން ވަނީ، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައެވެ.

ތަހުގީގުގައި ސުވާލު ކުރުމުން، އެ ދެ މީހުން ބުނީ ހަށިވިއްކުމަށް ރާއްޖެ ފޮނުވާ އަންހެނުންނަށް ކޮންމެ މަހަކު އުޖޫރައެއްގެ ގޮތުގައި 180،000 ލަންކާ ރުޕީސް ނުވަތަ 1،200 އަށް ވުރެ ގިނަ ޑޮލަރު ދޭ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ 18،000 އަށް ވުރެ ގިނަ ރުފިޔާއެވެ.

ލަންކާގެ ފޮރިން އެމްޕްލޯއިމެންޓް ބިއުރޯއިން ބުނީ، މި އޮޕަރޭޝަން ހިންގީ، އެ ވިއުގައިގެ ތެރޭގައި ރާއްޖެ ފޮނުވި އަންހެނަކު ފިލައިގެން އެނބުރި ލަންކާއަށް އައިސް، އެކަމުގެ މައުލޫމާތު ހިއްސާ ކުރުމުން ކަމަށެވެ. އަދި އެ ވިއުގައިގެ ދަށުން ރާއްޖެ ފޮނުވި އެހެން އަންހެނަކު މީގެ ކުރިން ސަލާމަތް ކޮށްފައި ވެސް ވާނެ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

ޑެއިލީ މިރަރއިން ބުނާ ގޮތުގައި އެ ބުރޯއިން ބުނަނީ، ބައެއް އަންހެނުން ރާއްޖެ ފޮނުވަނީ އެމީހުންނަކީ ހަށި ވިއްކުމަށް ފޮނުވާ ބައެއްކަން އެންގުމަށްފަހު ކަމަށެވެ. ނަމަވެސް ބައެއް ކުދިންނަށް އޮޅުވާލައި، ސެލޫންތަކުގައި މަސައްކަތް ކުރާ ކުދިންނަށް ހަދައިގެން ވެސް ފޮނުވާފައި ހުރި ކަމަށް އެމްޕްލޯއިމެންޓް ބިއުރޯއިން ބުންޏެވެ.

comment ކޮމެންޓް