އިނގިރޭސި ފުލުހުންނަށް އުގެއިލް ތައްޔާރުކޮށްދެއްވާ ސޮފްޓުވެއާއަކަށް ދިވެހި ނަމެއް

ޕްރޮފެސަރު ހަސަން އުގެއިލް، އިނގިރޭސި ފުލުހުންގެ ބޭނުމަށް ފަރުމާކުރައްވައި ތަރައްގީކުރައްވާ ސޮފްޓްވެއާގެ ނަމަކީ "މީކާކު" --

އިނގިރޭސި ވިލާތުގެ ފުލުހުން ބޭނުންކުރުމަށް ޕްރޮފެސަރު ހަސަން އުގައިލް ތައްޔާރުކޮށްދެއްވާ ސޮފްޓުވެއާއަކަށް ދިވެހި ނަމެއްދީފިއެވެ.

"މީކާކު" ނަންދީފައިވާ އެ ސޮފްޓްވެއާއަކީ އިނގިރޭސި ވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ދެނެގަތުމަށް ޕްރޮފެސަރު އުގެއިލް ތައްޔާރުކޮށްދެއްވާ ސޮފްޓުވެއާއެކެވެ.

ސޮފްޓުވެއާއާއި ގުޅޭ މާބޮޑު ތަފްސީލެއް އުގެއިލް ނުދެއްވައެވެ.

އޭނާ ވިދާޅުވީ، އެ ސޮފްޓުވެއާއަށް ދިވެހި ނަމެއްދިނުމަށް އެންމެ ބޮޑު އެހީއެއްވީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުން ފޭސްބުކްގައި ހިންގާ "ބަސްޖަގަހަ" ގްރޫޕުގެ މެމްބަރުންނާއި، މުހައްމަދު ހިލްމީ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައިވަނީ އެ ސޮފްޓުވެއާއަކީ ކުށްވެރިން ބެލެހެއްޓުމަށާއި ސަލާމަތީ ކަންކަމަށް މުހިންމު ސޮފްޓުވެއާއެއް ކަމަށެވެ.

ތިމާގެ އުމުރުން ދުވަސްވުމުން، އެމީހަކު ހުންނާނެގޮތްކަމަށް ބެލެވޭގޮތް ދައްކުވައިދޭ ހާއްސަ ސޮފްޓުވެއާއެއްވެސް، ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އިލްމުވެރީންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު ހަސަން އުގެއިލް އުފެއްދެވިއެވެ.

comment ކޮމެންޓް