ރާއްޖޭގައި ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް އެކުލަވައި ލަނީ!

ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ފައްޓައިފި އެވެ.

"ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަން ގާނޫނު"ގެ ނަމުގައި މި ގާނޫނު އެކުލަވާލަމުން ގެންދަނީ، އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމެންޓް (އީޑީ)ގެ ފަރާތުންނެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން، އެންޓަޕްރައިސް ޑިވެލޮޕްމެންޓްގެ ލީގަލް ޓީމުގެ ބޭފުޅަކު ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް، އެ ވިޔަފާރިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މައިގަނޑު ހަތަރު ގާނޫނެއް އެކުލަވާލަމުންދާ ކަމަށެވެ.

އެ ހަތަރު ގާނޫނުގެ ތެރޭގައި ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް ވެސް ހިމެނެ އެވެ.

އީޑީގެ ގާނޫނީ ޓީމުން މައުލޫމާތު ދެއްވާ ގޮތުގައި މި ގާނޫނުގެ މަގްސަދަކީ ކުދި ވިޔަފާރި ކުރިއެރުވުމާއި އީކޮމާސް މުއާމަލާތްތައް އިތުރުކުރުވުމުގެ އިތުރުން، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ގެންގުޅުމާއި، ބޭނުންކުރުމާއި ރައްކާތެރިކުރުމުގައި ގެންގުޅޭން ޖެހޭ މިންގަނޑެއް ކަނޑައެޅުމެވެ.

އަދި ވަކިން ޚާއްސަކޮށް، ސޮފްޓްވެއާއާއި ޓެކްނޮލޮޖީއާ ގުޅުން ހުރި މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ވެސް މި ގާނޫނު މުހިންމު ވެގެން ދާނެ ކަމަށް އެފަރާތުން ވިދާޅުވެ އެވެ.

އީޑީގެ ގާނޫނީ ޓީމުގެ ބޭފުޅަކު ވިދާޅުވީ މި ގާނޫނު ފަރުމާ ކުރެވޭނީ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން އެފަރާތްތަކުގެ ހިންގުން އަމިއްލައަށް ހަރުދަނާކޮށް، އިންޓަގްރިޓީ ހިފަހައްޓަން ޖެހޭނެ ގޮތަކަށް ކަމަށެވެ.

އަދި ގާނޫނު ފަރުމާކޮށްފައި ވަނީ ގާނޫނަށް އަމަލު ނުކޮށްފި ނަމަ އަދަބުތަކެއް ދިނުމުގެ މަގްސަދުގައި ވެސް ނޫން ކަމަށް އެފަރާތުން ވިދާޅުވި އެވެ.

"މިގާނޫނު ފަރުމާކުރެވެނީ ކޮންމެ ފަރާތަކަށް ވެސް ޤާނޫނާ އެއްގޮތަށް އަމަލުކުރުމުގެ އިޚްތިޔާރު ދޭގޮތަށް. އަޅުގަނޑުމެން ނޭދެން މިގާނޫނުގެ ދަށުން ވިޔަފާރީތަކަށް އަދަބުތަކެއް ކަނޑައަޅައި، މަޖުބޫރުން މިއާ އެއްގޮތަށް އަމަލުކުރުވަން. މިގާނޫނާ އެއްގޮތަށް އަމަލުކުރާ ނަމަ އެކަމުގެ ފައިދާ ލިބޭނީ އެވިޔަފާރީއަށް، އެއީ ބައިނަލްއަޤްވާމީ ހަމަތަކާއެއްކޮށް ޒާތީ މަޢުލޫމާތު ގެންގުޅެ، ބޭނުންކޮށް، އެމަޢުލޫމާތު ރައްކާކޮށް ބަހައްޓާ ހަރުދަނާ ނިޒާމެއް ބޭނުންކުރާނަމަ، އެވިޔަފާރީއާމެދު ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެންދާނެ،" އީޑީގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކޮށްފައި ވަނީ އަލަށް ފަށާ ޓެކްނޮލޮޖީސް ކުންފުނިތަކާއި، ސޮފްޓްވެއާ އަދި އެޕްސް ހަދާ ކުދި ވިޔަފާރިވެރިންނާއި ޑިވެލޮޕަރުންނަށް ވެސް ކުރާ އަސަރުތަކަށް ވިސްނައިގެން ކަމަށެވެ.

"އެފަރާތްތަކުން މި ގާނޫނުގައިވާ ހަމަތަކާއެއްގޮތަށް އަމަލުކުރާނަމަ އެފަރާތްތަކުގެ ސޮފްޓްވެއާ ބައިނަލްއަޤްވާމީ މައިދާނަށް ނެރެ، އިންވެސްޓަރުން ލިބި، ވިޔަފާރީ ފުޅާކުރުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އީޑީގެ ވަކީލުންގެ ޓީމުގެ މެމްބަރަކު "ސަން" އަށް ވިދާޅުވި އެވެ.

ޑޭޓާ ޕްރޮޓެކްޝަން ގާނޫނުގެ އިތުރުން، އެންޓަޕްރައިސް ޑިވެލޮޕްމެންޓުން ތައްޔާރުކުރަމުންދާ ތިން ގާނޫނަކީ އަލަށް ފަށައިގަންނަ ވިޔަފާރިތަކާ ގުޅޭ "އެންޓަޕްރައިސް ސްޓާޓްއަޕް" ގާނޫނަކާއި، ވިޔަފާރީގެ މާހައުލުގައި ވާދަވެރިކަމާ ގުޅޭ "ކޮމްޕެޓިޝަން އެންޑް ފެއާ ބިޒްނަސް ޕްރެކްޓިސެސް" ގާނޫނެއްގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހެކެވެ.

އެންޓަޕްރައިސް ޑިވެލޮޕްމެންޓުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ތެރޭގައި އެ ހަތަރު ގާނޫނު ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ އެވެ.

އަދި އަންނަ އަހަރުގެ ތެރޭގައި ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އެ ފާސްކުރެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ވެސް އީޑީއިން ބުނެ އެވެ.

comment ކޮމެންޓް