ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު އެއްކޮށް ދައްކައިފި

ޖީއެމްއާރު މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މީގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭން -- ފައިލް ފޮޓޯ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނީ ގާތްގަނޑަކަށް 271 މިލިޔަން ޑޮލަރު، ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދައްކައި ނިމިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމާފައި ވާގޮތަށް ޖީއެމްއާރަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ ކުންފުންޏަށް އެއްކޮށް ދައްކައި މިހާރު ނިމިފައިވާ ކަމަށެވެ.

ޖީއެމްއާރަށް މިއަދު ދައްކައި ނިންމި 271 މިލިއަން ޑޮލަރުގެ ތެރޭގައި އިންޓަރެސްޓް ތަކާއި ޕީނަލް އިންޓަރެސްޓްތައްވެސް ހިމެނޭނެ ކަމަށް އަނިލް ވިދާޅުވި އެވެ. އޭގެތެރޭގައި ޖީއެމްއާރުން އެކްސިސް ބޭންކުން ނަގާފައިވާ ލޯނާއި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހުނު 185 މިލިއަން ޑޮލަރުވެސް ހިމެނޭ ކަމަށް އަނިލް ވަނީ ވިދާޅުވެފައެވެ.

"ބާކީ އޮތް 86 މިލިއަނަކީ ޖީއެމްއާރަށް ދައްކަންޖެހުނު ފައިސާ. އޭގެތެރޭގައި ޖީއެމްއާރުން އެއާޕޯޓަށް ކޮށްފައި ހުރި ހަރަދުތަކާއި އެއާ ގުޅިގެން ހުރިހާ ކަމަކަށް އަރާފައިވާ އިންޓަރެސްޓް ތަކާއި. ޓާމިނޭޝަން ކޮސްޓްގެ ގޮތުގައި އާބިޓްރޭޝަނުން ކަނޑައަޅާފައިވާ އަދަދާއި އަދި އަބިޓްރޭޝަން ހިންގުމަށް ދިޔަ ހަރަދުވެސް ހިމެނޭ" އަނިލް ވިދާޅުވި އެވެ.

ހުރިހާ ފައިސާއެއް ދައްކާފައިވާކަން އޭޖީ އަނިލް ޔަގީންކޮށް ދެއްވިއެވެ. އަދި އެފައިސާ އަކީ އެމްއޭސީއެލުން ޖަމާކޮށްފައިވާ ފައިސާއާއި، އެކިގޮތްގޮތުން އެފައިސާ ދެއްކުމަށް ހޯދި ފައިސާގެ ތެރެއިން ދައްކާފައިވާ ފައިސާ ކަމަށް އަނިލް ވިދާޅުވި އެވެ.

"މިފައިސާ ދައްކާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓަކުން ނޫން،" އަނިލް ވިދާޅުވި އެވެ.

ޖީއެމްއާރާއެކު އޭރުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ އެމްއޭސީއެލްއަށް އަދި ސަރުކާރަށް ފައިދާ ހުރި ގޮތަކަށް ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށް އަނިލް ވަނީ ވިދާޅުވެފައެވެ.

އެއީ ގެއްލުންވާގޮތަށް ވަރަށް ގިނަ ކަންކަން ބަޔާންކޮށްފައިވާ އެއްބަސްވުމެއްކަން އަނިލް ފާހަގަކުރި އެވެ. އަދި ވިދާޅުވީ، އެހުރިހާ ކަމަކާ ގުޅިގެން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ޖީއެމްއާރަށް އެއާޕޯޓް އެވޯޑް ކުރުމުގެ ކުރިން ހިނގާފައިވާ ބިޑް ޕްރޮސެސްގެ ތެރޭގައި އަޅުގަނޑުމެންގެ ކަމާބެހޭ މާހިރުން ހަދާފައިވާ އެސެސްމެންޓްސްއިން ދައްކާގޮތުން ވެއްޖެއްޔާ، އައިއެފްސީން ކުޅުނު ދައުރު އެއީ ބިޑިންގް ޕްރޮސެސްގައި ލަފާދެއްވި ފަރާތްކަމަށްވާއިރު، އެފަރާތުން ވަނީ ވަރަށް ބޮޑަށް ނެގްލިޖެންޓްްވެފައި" އަނިލް ވިދާޅުވި އެވެ.

އާބިޓްރޭޝަނުގައި ޖީއެމްއާރުގެ މައްސަލަ ކުރިއަށް ދިޔަ އިރު ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކުގައި ލިޔެކިޔުންތައް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"އޭރުގައި އެކަމުގައި އުޅުއްވި ބޭފުޅުން ބަހައްޓަވަން ޖެހޭ ފަރުވާތެރިކަން ބަހައްޓަވާފައި ނެތީމަ،" ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ނެތްކަން ފާހަގަވި ކަމަށް އަނިލް ވިދާޅުވި އެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކު ވި ކޮންސެޝަން އެއްބަސްވުން ރާއްޖެ އިން ބާތިލުކުރީ 2012 ނޮވެމްބަރު 27 ގައެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހު އެވެ.

comment ކޮމެންޓް