އޮކްޓޯބަރުގެ ނިޔަލަށް ކާޑުގެ ސަބްސިޑީއަށް ޝަރުތުހަމަވީ 70 އާއިލާ: އެންސްޕާ

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު (މެދު): މިދިޔަ އޮކްޓޯބަރު މަހު ކާޑުގެ ސަބްސިޑީޒް އަށް ޝަރުތު ހަމަވީ ހަމައެކަނި 70 އާއިލާ ކަމަށް އެންސްބާ އިން ވަނީ ބުނެފައި ---- ސަން ފައިލް ފޮޓޯ

މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކާޑުގެ ބާވަތްތަކުން ސަބްސީޑީޒް ދިނުމަށް ޝަރުތު ހަމަވެފައި ވަނީ 70 އާއިލާ އަކަށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު މިއަދު ސަން އަށް ވިދާޅުވީ ސަބްސިޑީޒްގެ ޝަރުތު ހަމަވި 70 އާއިލާ އަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފައިސާ މިހާރު ވަނީ ހަވާލުކޮށްފައި ކަމަށެވެ.

ސަބްސިޑީޒް އަށް އެދި މިދިޔަ މަހުގެ ނިޔަލަށް 300 ވަރަކަށް އާއިލާ އިން އެންސްޕާ އަށް ފޯމު ހުށަހެޅި އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ ހަމައެކަނި 70 އާއިލާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކުން މީގެ ކުރިން ދެމުން އައި ސަބްސިޑީޒް ކަނޑާލައި، ހަމައެކަނި ފަގީރުންނަށް ސަބްސިޑީޒް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަބްސިޑީޒްގެ ގޮތުގައި ފަގީރުންނަށް ދިނުމަށް ނިންމާފައި ވަނީ ގިނަ ވަގެން މަހަކު 240 ރުފިޔާ އެވެ. އެ އަދަދު އެގޮތަށް ކަނޑައަޅާފައި ވަނީ އާންމުގޮތެއްގައި ގޭބިސީއެއްގައި ހަ މީހުން ތިބޭނެކަމަށް ލަފާކޮށްފައި ބޮލަކަށް 40 ރުފިޔާގެ ނިސްބަތުންނެވެ.

މުޖުތަބާ ވިދާޅުވީ ކޮންމެ މަހެއް ނިމޭ އިރު، އެ މަހެއްގައި ސަބްސިޑީޒް ހައްގުވާ ފަރާތްތައް އެ އޮތޯރިޓީން ކަނޑައަޅާނެ ކަމަށެވެ.

"ކޮންމެ މަހެއް ނިމޭ އިރު، އަޅުގަނޑުމެން ކަނޑައަޅާނަން ކޮބައިތޯ އެމަހެއްގައި ސަބްސިޑީޒް ހައްގުވާ ފަރާތްތަކަކީ. ސަބްސިޑީޒް އަށް އެދުމުގެ ފުރުސަތު އަބަދުވެސް ވަނީ ހުޅުވާލެވިފައި،" މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަބްސިޑީޒްގެ ގޮތުގައި ދޭން ޖެހޭ ފައިސާ ގަވާއިދުން އޭގެ ހައްގުވެރިންނަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

comment ކޮމެންޓް