މާލޭ ޓްރެކް ސަރަހައްދު ނަޖިސްވެގެން މޫދަށް އެރުން މަނާކޮށްފި

ޓްރެކް ސަރަހައްދު ބަންދުކޮށް ނޯޓިސް ޖަހާފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ފަތާ ޓްރެކް ސަރަހައްދުގެ މޫދު ނަޖިސް ކަމަށް ބުނެ، އެސަރަހައްދަށް މޫދަށް އެރުން ޔޫތު މިނިސްޓްރީއިން މަނާކޮށްފި އެވެ.

ޔޫތް މިނިސްޓްރީއިން އެސަރަހައްދުގައި ނޯޓިސްއެއް ބަހައްޓާފައިވާއިރު، އޭގައި ބުނެފައި ވަނީ މޫދަށް އެރުން މަނާ ކުރީ އެސަރަހައްދުގެ މޫދުގައި ގިރިހާއި ނަޖިހުގެ އަސަރު ހުރިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކޮށްފައިވާތީ ކަމަށެވެ.

އެހެންކަމުން ވަކިގޮތެއް އަންގަންދެން އެސަރަހައްދަށް މޫދަށް ނޭރުމަށް ނޯޓިސްގައި އަންގާފައިވެ އެވެ. އަދި އެސަރަހައްދުގެ މޫދުގެ ޓެސްޓުތަކެއް އެޗްޕީއޭއިން ހަދަމުންދާ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

ސަރަހައްދުގައި ނޯޓިސް ޖަހާފައިވަނީ ދިވެހިންނެވެ. ނަމަވެސް އެ ސަރަހައްދަކީ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ބްރިޖް މަސައްކަތުގައި މަސައްކަތް ކުރާ ޗައިނާ މީހުންވެސް މޫދަށް އެރޭ ސަރަހައްދެކެވެ.

ފަތާ ސަރަހައްދު ބަންދުކޮށްފައި އެވަނީ ފެތުމުގެ ގައުމީ މުބާރާތް އާދިއްތަ ދުވަހު ފެށުމަށް ނިންމާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ސްވިމިންގް އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެ ސަރަހައްދު ބަނދު ކުރުމަކީ ގައުމީ ފެތުމުގެ މުބާރާތުގެ އިތުރުން ރާއްޖޭން ބޭރުގައި ބާއްވާ އެކި މުބާރާތްތަކަށް ޕްރެކްޓިސް ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"މާދަމާވެސް ރާއްޖޭން ބޭރުގެ މުބާރާތަކަށް އެބަ ފުރަން. އަދި ޑިސެމްބަރު މަހުވެސް ބޭރުގެ މުބާރާތެއް އެބައޮތް. އަޅުގަނޑުމެންނަށް ޕްރެކްޓިސް ވަރަށް މުހިންމު." އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ތަކުރާރުނުވާނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެސޯސިއޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް