މަހުގެ އެކްސްޕޯޓާ އެކު އޮކްޓޫބަރުގެ އެކްސްޕޯޓުތައް އިތުރުވެއްޖެ

މަސްމާރުކޭޓުގައި މަސްތަކެއް ވިއްކަން ބަހައްޓާފައި ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖެއިން ބޭރަށް މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެ، މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ، އޮކްޓޫބަރު މަހުގެ ތަފާސްހިސާބު ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރާ އަޅައިބަލާއިރު މިއަހަރުގެ އޮކްޓޫބަރުގައި ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ވަނީ 69 ޕަސަންޓު އިތުރުވެފައެވެ. އެއީ ޖުމްލަ 367 މިލިޔަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން ބޭރު ކޮށްފައިވަނީ ރީނދޫ އުރަހަ ކަންނެލި މަހުގެ އުފެއްދުންތަކެވެ. ރީނދޫ އުރަހަ ކަންނެލި މަހުގެ 124 މިލިޔަން ރުފިޔާގެ އަގު ކުރެވޭ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ އިރު، އެއީ މިދިޔަ މަހުގެ އެކްސްޕޯޓްސްގެ 44 ޕަސަންޓެވެ.

ދެން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ކަޅުބިލަމަހުގެ ބާވަތްތަކެވެ. ކަޅުބިލަމަހުގެ 107 މިލިޔަން ރުފިޔާގެ އުފެއްދުންތައް ރާއްޖެއިން ބޭރުކޮށްފައިވާ އިރު އެއީ އޮކްޓޫބަރުގެ އެކްސްޕޯޓުގެ 37 ޕަސަންޓެވެ.

ކަސްޓަމުން ބުނީ އޮކްޓޫބަރު މަހު، މަސްވެރިކަމާ ބެހޭ ސަރުކާރުގެ ކުންފުނި، މިފްކޯއިން 120 މިލިޔަން ރުފިޔާގެ މަސް ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވާ ފަސް ގައުމަކީ ތައިލެންޑް، ސްރީލަންކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތެވެ. މީގެ ތެރެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 143 މިލިޔަން ރުފިޔާގެ އެކްސްޕޯޓެވެ. މި ފަސް ގައުމަށް ކުރި އެކްސްޕޯޓުތަކުގެ ޖުމްލަ އަގަކީ 228 މިލިޔަން ރުފިޔާއެވެ.

މިދިޔަ މަހުގެ އިމްޕޯޓްސްއަށް ބަލާއިރު، ޖުމްލަ 2.4 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ބޭރުން އެތެރެކޮށްފައިވަނީ މެޝިނާއި އިލެކްޓްރޯނިކް ސާމާނެވެ. އެތަކެއްޗަށް 549 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، އެއީ އޮކްޓޫބަރުގެ ޖުމްލަ އެކްސްޕޯޓުގެ 21 ޕަސަންޓެވެ.

އޮކްޓޫބަރު މަހު 510 މިލިޔަން ރުފިޔާގެ ކާނާ ރާއްޖެ އެތެރެކޮށްފައިވާ އިރު، 303 މިލިޔަން ރުފިޔާގެ ތެޔޮ ވެސް ރާއްޖެ އެތެރެކޮށްފައިވެއެވެ.

އޮކްޓޫބަރު މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނެވެ. އެއީ 472 މިލިޔަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ސިންގަޕޫރު، ޗައިނާ އަދި ސްރީލަންކާއިންނެވެ.

ފަސް ގައުމުން ވެސް އެތެރެކުރި މުދަލުގެ ޖުމްލަ އަގަކީ 1.6 މިލިޔަން ރުފިޔާއެވެ.

comment ކޮމެންޓް