ހިމާޔަތެއް ނެތިފައި

)12 ޖޫން 2011އިގެ ނޫހާ ގުޅޭ(

އަދި ތެދުވެ އެނދުގައި އިށީނދެ ޔަޒާންއަށް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ.
"ޝްޝްޝް! ލައި، މީ ލައިގެ ދޮންބެއެއްނު..." ޔަޒާން ބުނެލިއެވެ.
ލައިބާގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ޔަޒާން އެއުޅެނީ ކީއްކުރަން ބާއޭ އޭނަގެ ކުޑަކުޑަ ސިކުނޑިއަށް އަރަމުންދިޔައެވެ. ލައިބާ އެއްޗެއް ނުބުނެ ގިނައިރުވުމުން ޔަޒާން އަނެއްކާވެސް ލައިބާ އާއި ވާހަކަދެއްކިއެވެ. އަޒުރާ ލައިބާދެކެ ލޯބިނުވާ ވާހަކަ އާއި ޔަޒާން ނޫނީ މިދުނިޔޭގަވެސް ލައިބާ އާއި ދޭތެރޭ ވިސްނާމީހަކު ނުހުންނާނެ ކަމަށް ބުންޏެވެ. ޔަޒާން ލައިބާދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. އަދި ވާހަކައިގެ ތެރެއިން ލައިބާގެ އަތްގެނެސް ޔަޒާންގެ ހަށިގަނޑުގައި ޖެއްސިއެވެ. އެއާއެކު ލައިބާ ކުއްލިއަކަށް އަތްދަމައިގަތެވެ. ޔަޒާން ހިންގަން އެއުޅޭ ޢަމަލަކީ ގޯސްކަމެއް ކަމަށް ލައިބާއަށް ހީވަނީއެވެ. އެހެންވެ ފަސްޖެހެވެނީ އެވެ. ނަމަވެސް ޔަޒާން މާކުޅަދާނައެވެ. އޭނަގެ އޯގާތެރިބަސްތަކުން ލައިބާ ހައްލަމުންދިޔައެވެ. މަޑުމަޑުން މަގުފަހި ކުރަމުންނެވެ. ޔަޒާން ލައިބާއަށް ވިސްނާދެމުން ދިޔައީ ޢާއިލާ މީހުން ގޯސްކަމެއް ނުކުރާނެކަމަށެވެ. ކޮންމެ ކަމެއްވެސް ކުރާނީ ލޯބިންކަމަށެވެ. އެންމެފަހުން ޔަޒާން އޭނަގެ މަގުސަދު ފުރިހަމަ ކުރިއެވެ. ލައިބާ، ޔަޒާން ބުނާގޮތް ހަދަމުންދިޔަ އެވެ. އެ ޅަ ސިކުނޑިއަށް މިކުރެވެނީ ކޮންކަމެއްކަންވެސް ނޭނގޭއިރު އެއީ ނުބައިކަމެއްކަން ދެނެގަންނަން އެނގޭނެހެއްޔެވެ؟ އަޒުރާގެ ސަބަބުން ހައްދަފަހަނައަޅައި ގޮސްފައިވާ ޔަޒާން އޭނާގެ ކޮއްކޮވެސް ހަލާކުގެ ތެރެއަށް ގެންދިޔައީ އެވެ. އޭނާއަށް ލައިބާގެ ހަށިގަނޑުގެ ޅަކަން އިޙްސާސް ކުރެވުން އެއީ ލައިބާގެ ނަސީބެވެ.
ރޭގަނޑު ނިމިގެންދިޔައީ އަޒުރާމެންގޭ ތެރޭ އެތައްކަމެއް ވެނިމިގެންނެވެ. ހިނގި ހުރިހާ ކަމެއްގެ ޒިންމާ ނަގާނީ ކާކުކަމެއް ނޭގެއެވެ. ލައިބާއަށް ދިމާވި ހާދިސާއާއި ޔަޒާންއަށް ދިމާވި ކަންތައްތަކުގެ އަސްލު ކުށްވެރިއަކީ އަޒުރާބާއެވެ؟ އަޒުރާއަށް އެ ދެދަރިން ވެސް ލިބިފައިވަނީ ނަހަލާލަށެވެ. އެ ދެދަރިންގެ ދިރިއުޅުންވެސް ހަލާކުގެ ތެރެއަށް ވެއްޓިގެންހިނގައްޖެ އެވެ. ގޭދޮށުގައި އުޅޭމީހުންނަށް އަޒުރާގެ ގޮތް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނަނީ އެއީ ބޭކާރުކަމަކަށްވާނެތީއެވެ. ހިސާބު ގަނޑު މީހުންގެ ހިތުގައި އޭނަގެ ދެދަރިންނާއިމެދު ހަމްދަރުދީ އުފެދެއެވެ. ރަށުގައި އަޒުރާއުޅޭ އަވަށުން ދެފަހަރަށް ހައްދުޖެހިމީހަކަށް އަޒުރާވާނެ އެވެ. އެކަންވެސް އެއީ މުޅިރަށަށް އެނގޭކަމެކެވެ. ނަމަވެސް އޭނަގެ ރީތި ކަމަކީ އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ތަޢުރީފުކޮށްނުލާ ދޫކޮއްނުލެވޭނެހާ ރީތި ސޫރައެކެވެ.
ފަތިހުގެ ހާގޮވާއަޑާއި އެކުވެގެން ކޮވެއްޔާ ކާޅުގެ އަޑުވެސް ރަށުތެރެއަށް ފެތުރިގެންދިޔަ އެވެ. ހީވަނީ ހެނދުނުވެއްޖެކަން އެންމެނަށް އަންގާދިނުމުގެ ގޮތުން ގޮވާހެންނެވެ. އަޒުރާ ހޭލައިގެން ޔަޒާން އާއި ލައިބާގެ ކޮޓަރީގެ ދޮރުތަންޑު ނައްޓަން އައީ ހެނދުނު ނުވައެއް ޖަހަނިކޮށެވެ. އެވެސް ނިދި މޫނާއެކީ ހޭވިފައިވާ އިސްތަށިގަނޑާއި އަތްނެތް ޓީޝާޓު ގަނޑަކާއިއެކީއެވެ. ތިރިން އުނުގައި ފޮތިގަނޑެއް އަނދެލައިފައި ހުއްޓެވެ.
"ނުބުނައްޗޭ.... އެއީ ސީކްރެޓްއެއް....ަންމައަށް އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ، ވަރަށް އަނިޔާ ކުރާނެ،" ޔަޒާން ބުނެލިއެވެ. ލައިބާ އެނދުގައި އިނށީދެލައިގެން އިނެވެ. ލައިބާ ބޯ ޖަހާލީ ޔަޒާން ބުނިބަސް ގަބޫލުކުރުމުގެ ގޮތުންނެވެ. ދެކުދިންގެ މެދުގައި އޮންނަ ގުޅުން އެންމެ ރެއަކުންވެސް ބޮޑުވެއްޖެ އެވެ.
"ކަލޭމެން ހާދަ ރީތިވެލައިގެން ތިތިބީ......ޒާން، ތައްޔާރުވެގެން ދޭ ސްކޫލަށް،" އަޒުރާ އާފުރިލަމުން ޔަޒާންއަށް ބުނެލިއެވެ.
"މަންމާ، މިހާރު ދޮންބެ އިސްކޫލު ގަޑިޖެހިއްޖެއޭ...." ލައިބާ ބުނެލި އެވެ.
"މަށަށްވެސް އެނގެއޭ ގަޑިޖެހިއްޖެކަން، އެހެންވިޔަސް ތައްޔާރުވެގެން ދޭ، ގޮސް އޮފީހުގަ ބުނޭ ޒާން އުޅުނީ ބަލިވެޔޭ، އެހެންވެ ނާދެވުނީއޭ......ބޮޑުވަރަކަށްވެސް މަށެއްނު އޮފީހަށް ގެންދާނީ، އެ ނާސިހުއާ ވާހަކަދައްކަން އަހަރެން ވަރަށް ރަނގަޅަށް ދަންނަން... ދެންވެސް ނުހުރެ އަވަސް ކުރޭ، ދޭ ދޭ ޔުނީފޯމް ލައިގެން ސްކޫލަށް ދޭ...." އަޒުރާ ކޮޓަރީގެ ދޮރުން އެތެރެއަށް ޖެހިލައިގެން ހުރެ ވާހަކަދެއްކި އެވެ.
"ދެން މަންމާ، އަޅެ މާދަން ދަންތަ؟ މިއަދު ގަޑިވެސް ޖެހިއްޖެއެއްނު، ޕުލީޒް....މަންމާ....އަޅެ މާދަން،" ޔަޒާން އާދޭހުގެ ރާގެއްގައި ބުނެލި އެވެ.
"މާދަން ކިޔަކިޔާ ހުރެއްވިއްޖެއެއްނު ދޯ، ދުވަހަކުވެސް ތި މާދަމައެއް ނާންނާނެ، އަހަރެން ބޭނުންވަނީ ހަމަ މިހާރު ޔަޒާން ސްކޫލަށް ދާން، ގަޑިޖެހުނަސް މަށަށް ވަރިހަމަ، ދެންވެސް ދިޔައިމަ ދިޔަކަން އޮންނާނެއެއްނު، ބުނީމަ ބުނާގޮތް ހަދާބަލަ،" އަޒުރާގެ އަޑުގައި މިހާރުވަނީ ހަރުކަށިކަމެވެ. އޭރުވެސް ލައިބާ އެނދުގައި ކަންބޮޑުވެފައި އަޒުރާއަށް ބަލަން އިނެވެ.
ޔަޒާން ނުރުހިފައި ހުރެވެސް ސްކޫލު ޔުނީފޯމްލާ ތައްޔާރުވާން ފެށުމުން އަޒުރާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. އޭނަ ތައްޔާރުވެ ނިމުމާއިއެކު ފޮތް ދަބަސް ކޮނޑުމައްޗަށް އެއްލައިގެން ގޭންނުކުންނަން ހިނގައިތެވެ. އެވަގުތު ލައިބާވ ެސް އޭނަގެ ފަހަތުން ނުކުންނަން އައެވެ.
"އޭ ޒާން، އަން މިތަށި ބޯލައިގެން ދޭ....." އަޒުރާ ޔަޒާންއަށް ކިރުތައްޓެއް ދިއްކޮއްލަމުން ބުނެލިއެވެ. ޔަޒާން ސާހިބު މީހާއަށް ކިޔަމަންތެރިކަން އަދާކުރާފަދައިން މަޑުމަޑުން އައިސް އަޒުރާގެ އަތުން ކިރުތަށިނަގާ ބޯލިއެވެ. އަދި އަވަސް އަވަހަށް ގޭން ނުކުމެގެން ހިނގައިގަތެވެ. ލައިބާ އަޒުރާގެ ފަހަތުން ގޮސް ވަނީ ބަދިގެއަށެވެ.
"މަންމާ، ލައިއަށްވެސް މިލްކު ތައްޓެއް ދީބާ، އިސްކޫލު މިސް ވެސް ބުނާނެ ކުޑަކުދިން އަވަހަށް ބޮޑުވާނެއޭ މިލްކު ބޮންޏާ،" ލައިބާ ކާމޭޒުކައިރީ މަޑުކޮއްލަމުން ބުނެލިއެވެ.
"ހޫ......މީ ވަރުގަދަ ކުއްޖެއް، ޒާންއަށް ދޭހާ އެއްޗެއް މީނަ ބޭނުންވާނެ.... އަން މިހިރީ ސަމްސަލުން ގިރައިގެން ބޮއެ،" އަޒުރާ ކޮފީތަށި ހަދަން އުޅެމުން ލައިބާއަށް ތައްޓަކަށް ކިރާ ހޫނުފެނާ ހަކުރާ އަޅާފަދިނެވެ. އަދި އަމިއްލަ އަށް އެ ގިރައިގެން ބުއިމަށް ބުނަމުން ކޮފީތަށި ހިފައިގެން އަޒުރާ ނުކުމެގެން ހިނގައްޖެ އެވެ. އެހެންދުވަސް ދުވަހު ބަނޑުހައި ނުވާ ލައިބާ މިއަދު ހެނދުނު ވަރަށް ބަނޑުހައިވާހެން އޭނައަށް އިޙްސާސްކުރެވުނެވެ. އެހެންވެއެވެ. އޭނަ ހޯދަމުން ދިޔައީ ހިއްކިބަނަސް އަޅާފަ ހުންނަ ކޯސްޓު ހުސްކުރި ދަޅެވެ. އުނދަގުލަކާއި ނުލާ އެފެނުނީ ހަނޑޫއަޅާފައިވާ ބާލިދީމަތީ ބަހައްޓާފައިވަނިކޮށެވެ. ލައިބާ ދަޅުނަގައިގެން ގެނެސް މޭޒުމަތީ ބަހައްޓާ އޭގައި ޖަހާފައިވާ ރަބަރު މަތިގަނޑު ފަސޭހަކަމާއިއެކު ހުޅުވާލިއެވެ.
ހަމަޖެހިލައިގެން އިނދެ ސައިބޮއެ ނިންމާލާފައި ލައިބާ ބަދިގެއިން ނުކުތީ މަންމަ އަޒުރާއަށް ފަސޭހަކޮށް ދިނުމުގެ ނިޔަތުގައި ސައިބުއި ތަށިވެސް ދޮވެފައެވެ. ބަދިގެއިން ނުކުތްވަގުތު އެތާގައި ހުރި ގަސްތަކުގެ ތެރެއިން ކާޅެއް ވަރަށް ބާރަށް ހޭރިގަތްއަޑުއިވުނެވެ. އެއާއެކު ލައިބާ ދިޔައީ ސިއްސައިގެންނެވެ. އަދި ތެޅިތެޅި އޮތް ހިތަކާއިއެކު ދެލޯބޮޑުކޮށްފައި އެދިމާލަށް ބަލާލެވުނެވެ. ލައިބާ ހިނގުން އަވަސްކޮއްލީ އަވަހަށް ގޭތެރެއަށް ވަނުމަށެވެ. އެތެރެގޭތެރެއަށް ނުވަދެވެނިސް ލައިބާއަށް މީހަކު ގޮވާލިހެން ހީވެއްޖެއެވެ. ލައިބާ ފަހަތް ބަލާލިއެވެ. އަޑުއައި ދިމާ ގަސްތަކުގެ ތެރެއަށް ބަލާލިއެވެ. އެތަނުގައި އިންދާފައިވާ ގަހާއި އެގަސްތަކުގެ ހިޔަނިތައް ފިޔަވައި އެހެން އެއްޗެއް ނުވެއެވެ. ގަހެއްގެ ގޮފިގަނޑެއްގައި ދޫންޏެއްހާ ހިސާބުވެސް ނެތެވެ. އެހެންވެ ލައިބާ ވަދެގެން އައިސްއެރީ ބޮޑުއަށިމައްޗަށެވެ. އަދި ބޮޑުއަށިމަތީ ކަނެއްގައި އޮތް ޓީވީގެ ރިމޯޓް ނަގާ ހުޅުވާލިއެވެ. ހުޅުވިގެން ދިޔަ ޓީވީއިން ފެންނަން ފެށިމައްޒަރުން ލައިބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޓީވީ އިން އަންނަނީ ލައިބާ ވަރު ކުދިން ބަލާކަހަލަ ޕްރޮގްރާމެއް ނޫނެވެ. ރިމޯޓު އަތަށް ލީގޮތަށް ލައިބާއަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ޓީވީގެ ފެންނަމުންދާ އެއްޗެއްގެ އަޑުފައްގަނޑަށް ކޮޓަރީގައި އޮތް އަޒުރާ ދުވެފައި ނުކުތެވެ. އަދި އައިގޮތަށް އައިސް ލައިބާގެ އަތުގައި އޮތް ރިމޯޓު ޖަހައިގަންނަމުން ޓީވީ ނިންވާލި އެވެ.
"ލައިބާ ކަލޭއަދި މީއްޗެހި ބަލާވަރެއް ނުވޭ.... ނޭގުނުތަ ޓީވީ ނިއްވާލާކަށް ވެސް، ދޭ ބޭރަށް، ކަލޭގޮސް އުނދޯލީގަ އިނދޭ... މެންދުރު ފެންވަރަން ވީމަ އަހަރެން ގޮވާނަން، މަށަށް ވަރިހަމަ ގޭދޮށުކުދިންނާއިއެކު ކުޅެން ދިޔަޔަސް،" އަޒުރާ އަވަސް އަރުވާލާފަ ޑީވީޑީ ޕްލެޔަރުގަ އިން ސީޑީ ނެގިއެވެ. އަދި އަވަސް އަވަހަށް ލައިބާ ބޭރަށް ފޮނުވާލި އެވެ. އޭނަ އެއްގޮތަކަށްވެސް ޑީވީޑީ ޕްލެޔަރު ހުރީ ނިއްވާނުލާކަމެއް ހަނދާނެއްނެތެވެ. ލައިބާއަށް އެ ސީޑީ ފެނުމުން އޭނަ ހާސްވިއެވެ. އަދި ބޮލުގައި ހިފަހައްޓާލެވުނީ ދެންހަދާނީ ކިހިނެތްބާއޭ ހިތަށް އަރާފައެވެ.
"ލައިއަށް ނޭގޭނެކަންނޭގެ އެއްވެސް އެއްޗެއް، އޭނަގެ ސިކުނޑި އަދި މާޅަވާނެ މިކަހަލަ ކަންތައްތައް އެނގޭވަރަށްވުރެ......." އަޒުރާގެ ސިކުނޑި އޭނައަށް ވިސްނާދެމުންދިޔައެވެ. ހިތްހަމަޖައްސާލީ މިފަދަ އެކިއެކު ހިޔާލުތަކުންނެވެ.
އުނދޯއްޔަށް އެރުމަށް ލައިބާ ދިޔަވަގުތު ފިނިފިނި ވައިރޯޅިއެއް ޖެހިލިއެވެ. ހިރަފުސްވެލީގެ ތެރެއިން ކުޑަކުޑަ އެނބުރޭ ވައިރޯޅިއެއް އުފެދިގެން ދިޔައެވެ. ލައިބާ ހިނިއައިސްފައި އެނބުރެމުންދިޔަ ކުޑަކުޑަ ވައިރޯޅީގެ މެދަށް ފައިން އެރިއެވެ. އެހެންނަމަވެސް ލައިބާގެ ފައިޖެހެންވާއިރަށް އެވައިރޯޅި ކުދިކުނިތަކާއިއެކު އެހެން ދިމާލަކަށް ޖެހިލައެވެ. ލައިބާއަށް މިކަންވީ މަޖާކަމަކަށެވެ. އޭނަ އެކިކޮޅު ކޮޅަށް ދުވަމަން މަސައްކަތްކުރީ އެވައިރޯޅި އެނބުރެމުން ދާއިރު އޭގެމެދަށް ފައިން އެރޭތޯއެވެ. ކުއްލިއަކަށް ލައިބާގެ ފަހަތުން ޖެހިލި ބާރު ވައިރޯޅި އާއިއެކު އޭނަގެ ރީތިކޮށް އޮމާންކޮއްފައިވާ ކުރުއިސްތަށިތަށް ބުރައިގެންގޮސް މޫނުމައްޗަށް ވެއްޓުނެވެ. އެއާއެކު ލައިބާއަށް ބާރަށް ހޭންފެށުނެވެ. ދެއަތުން މޫނުމައްޗަށް އެޅެމުންދިޔަ އިސްތަށިތައް ނަގަން މަސައްކަތްކުރަމުން ދިޔައެވެ. ލައިބާ ދުވަމުން ކަހަލަ ގޮތަކަށް ގޮސް އުނދޯޔައް އެރުމަށް ފުންމާލިއެވެ. އަދި ދެފައިވާން ކިބަ ބިންމައްޗަށް ވައްޓާލަމުން އުނދޯއްޔަށް އަރާހަމަޖެހިލިއެވެ. އުނދޯލި ހެއްލެން ފެށުމާއިއެކު މިފަހަރުވެސް ހީވަނީ މީހަކު އުނދޯލީގެ ފަހަތުގައި ހިފާ ކޮއްޕާލާހެނެވެ. އުނދޯލި މައްޗަށްދާ ކޮންމެ ފަހަރަކު ލައިބާ ދެފައި އެކީ މައްޗަށް ނަގައެވެ.
މެންދުރު އިސްކޫލުން ގެއަށް އައި ޔަޒާން އެންމެ ފުރަތަމަވެސް ހޯދީ އަޒުރާއެވެ. ބަދިގޭގައި އޭރު ކާން ތައްޔާރު ކުރަން އުޅުނު އަޒުރާއަށް ޔަޒާން ބަދިގެތެރެއަށް ވަތްތަން ފެނުނެވެ.
"މީ ކޮން ކަރުދާސްކޮޅެއް...." އަޒުރާ ޔަޒާން ދިއްކޮއްލި ކަރުދާސްކޮޅުގައި ހިފަމުން ސުވާލުކޮއްލިއެވެ. އެހެންނަމަވެސް ޔަޒާން އެއްވެސް އެއްޗެކޭ ނުބުނެ ނުކުމެގެން ދިޔައީއެވެ. އަޒުރާ އެކަމާއި ހިތްހަމަ ނުޖެހުނަސް ކުރަން ހުރި މަސައްކަތް ދޫކޮއްލާފަ ނުދާންވެގެން މަޑުކުރީއެވެ.
"ދޮންބޭ....ދޮންބޭ...." ލައިބާ ވެސް ގޭތެރެއަށް ވަދެގެން އައިސް ޔަޒާންގެ ފަހަތުން ކޮޓަރިއަށްވެނެވެ. ފޮތް ދަބަސް ކޮޓަރީގައި ހުރި މޭޒުމަތީ ބަހައްޓަމުން ލައިބާގެ ކޮލުގައި ހިފާލިއެވެ. އަދި ކިހިނެތްވީތޯ ސުވާލުކުރިއެވެ.
"ދޮންބެ ގަޑިޖެހިގެން އިސްކޫލަށް ދިޔައީމަ މިސް ހުރީ ރުޅިއައިސްފަ ދޯ؟ ދޮންބެއަށް އެއްޗެހި ކިތަ؟" ލައިބާ ކަންބޮޑުވުމާއިއެކު އަހާލިއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު