ޕާޓީއެއްގައި ހުރިކަން މީހުނަކަށް ނޭނގޭ! އެކަމަކު ޕާޓީތަކުގައި އެތައް ހާސް ބައެއް!

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްކޮޅު އެންމެ ފޯރީގައި ކުރަމުން ދިޔަ ކަމަކީ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމެވެ. އެ ފޯރި ދުވަސްކޮޅަކަށް މެދުކެނޑުމަށްފަހު މިހާރު އަނެއްކާ ވެސް މިއީ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމުގެ ކެމްޕެއިނުތަކެއް ފަށާފައިވާ ދުވަސްކޮޅެކެވެ. މިއިން ކޮންމެ ދުވަސްވަރެއް ނުވަތަ ކެމްޕެއިނަކާ އެކީ ނުކުންނަ ބޮޑު މައްސަލައެއް އެބަ އޮތެވެ. އެއީ މަކަރު ހަދައިގެން މީހުންނަށް ނޭނގި އެމީހުން ޕާޓީތަކުގެ ދަފްތަރުގައި ޖެއްސުމެވެ.

އެމީހާއަށް ނޭނގި ސިޔާސީ ޕާޓީގެ ދަފްތަރުގައި އެމީހަކު ޖައްސުވާފައި އޮންނަ ކަމުގެ ޝަކުވާ އެންމެ ބޮޑަށް ކުރަމުން ދިޔައީ ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްކޮޅެވެ. އެކަމަކު އަނެއްކާ މިހާރު އެ ޝަކުވާތައް ދަނީ ގިނަވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގް ވެސް އެކަމާ އެކަމާ އެއްބަސްވެވަޑައިގަންނަވަ އެވެ.

"ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު ވަރަށް ބައިވަރު ޝަކުވާ އާދޭ އެމީހާއަށް ނޭނގި ސިޔާސީ ޕާޓީއެއްގައި ހިމަނާފައި އޮންނަ ކަމަށް. އެންމެ ކުރީގައިވާ ގޮތަކީ ހަމައެކަނި ބޭނުންވަނީ އެމީހެއްގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑީ ކާޑު ނަންބަރު. ދެން ޝަކުވާއެއް އައިސްގެން އަޅުގަނޑުމެން ގިނަފަހަރު ބަލާއިރު އައިޑީ ކާޑު ނަންބަރު ދިމާވޭ، އެކަމަކު ސޮއެއް ދިމައެއް ނުވޭ،" ފުއާދް ވިދާޅުވި އެވެ.

ފުއާދް ވިދާޅުވީ އެންމެ ފުރަތަމަ ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އިލެކްޝަންސް ކޮމިޝަނެއް ވެސް ގާއިމްކޮށްފައި ނެތުމުން ފޯމުތައް ވެރިފައި ކުރަން އޭރު އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި މެންބާޝިޕް ފޯމުގައި ހިމަނަންޖެހޭ މައުލޫމާތުތައް މީގެ ކުރިން މަދުކަމުން ވެސް ފޯމުތައް ވެރިފައި ކުރުމުގައި ދަތިތައް ދިމާވަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ހުންނާނީ ކުޑަކޮށް އުނދަގޫކޮށްލާފައި. މިހާރު ދެ ހެކިން ވެސް ބޭނުންވާނެ. އޭގެ އިތުރުން ޕާޓީއަށް ވަންނަން ބޭނުންވާ މީހާ އާއި ދެ ހެކިންގެ ސޮއިގެ އިތުރުން އިނގިލީގެ ނިޝާން ވެސް ބޭނުންވާނެ،" ފުއާދު ވިދާޅުވި އެވެ. "އޭގެ ފަހުން ޝަކުވާތައް އަންނަލެއް މަދު ކުރިޔާ އަޅާބަލާއިރު."

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން މިހާރު އިނގިލީގެ ނިޝާނާއި ސޮއި ވެސް ބޭނުންވެ އެވެ. އެއީ ހަމަ ރަނގަޅު ނިންމުމެކެވެ. ދެން އިތުރަށް ފޯމަށް ގެނެވޭނެ ބަދަލެއް ވެސް ނުފެނެ އެވެ. އެކަމަކު ރާއްޖޭގައި މީހުންނަށް ނޭނގި އެމީހަކު ޕާޓީގައި ހިމަނާ މައްސަލަ ބޮޑުވެފައި އޮތް ވަރުން ހަމައެކަނި އިނގިލީގެ ނިޝާނާއި ސޮއި ހޯދަންޖެހުމަކީ ފުދޭ ވަރެއްތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. އަނެއްކޮޅުން އިލެކްޝަންސް އިން ބުނާ ގޮތުން އިނގިލީގެ ނިޝާނާއި ސޮއި ފަދަ ތަކެތި ވެރިފައި ކުރެވޭނެ ނިޒާމެއް އެ ކޮމިޝަނުގައި ގާއިމްކޮށްފައެއް ނުހުރެ އެވެ.

"އަޅުގަނޑުމެންގެ ނުހުންނާނެ އިނގިލީގެ ނިޝާން ނޫނީ ސޮއި ސީދާ ވެރިފައި ކުރެވޭކަށް. ދެން އެފަދަ ޝަކުވާއެއް އަތުވެއްޖެއްޔާ އަޅުގަނޑުމެން ހަދާ ގޮތަކީ އެ މައްސަލައެއް ފުލުހުންނަށް ހުށަހަޅަނީ،" ފުއާދު ވިދާޅުވި އެވެ.

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާއިރު މިކަމުގައި އާންމުންގެ ޒިންމާއެއް ވެސް ކޮންމެވެސް ވަރަކަށް އޮތް ކަމަށް ފެނެ އެވެ. އޮންލައިންކޮށް އަދި އެސްއެމްއެސް ފޮނުވައިގެން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ. އެހެންކަމުން އެކަމުގެ ބޭނުން ކޮންމެ މީހަކު ވެސް އެންމެ ފުރިހަމައަށް ހިފުމަކީ މި މައްސަލަ ކުޑަވެގެންދާނެ ގޮތެއް ކަމަށް ވެސް ފެނެ އެވެ.

"އެކި އެކި ޕްރޮގްރާމްތަކުގަ އާއި ފޯރަމްތަކުގައި އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި ދަނީ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވޭތޯ ޗެކް ކުރުމަށް. ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރައްވާ ބޭފުޅެއްގެ ނަން ޕާޓީއެއްގައި ހިމެނިފައި އޮތް ނަމަ ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެންނަށް އެކަން އެންގުމަށް،" އޭނާ ވިދާޅުވި އެވެ. "އޭރުން އަޅުގަނޑުމެން އެކަމަކާ ގުޅޭ ގޮތުން ކުރަންޖެހޭ ކަމެއް ކޮށް ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަމެއް ވެސް ކުރާނަން."

ސިޔާސީ ޕާޓީތަކަށް ނުވެސް އެނގި މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާއިރު އެއާއެކު އެހެން މައްސަލައެއް ވެސް އެބަ ފާހަގަ ކުރެވެ އެވެ. އެއީ ގާނޫނީ ގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޮތުން މަނާ ބޭފުޅުންގެ ނަންތައް ވެސް ބައެއް ސިޔާސީ ޕާޓީތަކުގައި ދަފްތަރުގައި ހިމަނާފައި ހުންނަ ހުރުމެވެ.

ސަން އޮންލައިނުން ބެލި ބެލުމުން އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ ގެ މެންބަރެއް ވެރިކަން ކުރާ އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތްކަން ވަނީ އެނގިފަ އެވެ. އަދި އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ވެސް ހަމަ އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތް ކަން ވަނީ އެނގިފަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޕާޓީއަށް ސޮއި ނުކުރައްވާ ކަމަށެވެ. ސޮއި ކުރައްވާފައި އޮތް ނަމަ ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

އެފަދަ މައްސަލަތަކުގެ ސަބަބުން އަގު ވެއްޓެނީ ހަމައެކަނި އެ ހިމަނާފައި އޮތް މީހެއްގެ އެއް ނޫނެވެ. އެމީހާ ނިސްބަތްވާ މުޅި ދާއިރާގެ އަގު ވެސް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ވެސް މަކަރު ހަދާ މީހުން ކުރިއަށް އޮތް ތަނުގައި ވެސް މަކަރު ހަދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މިކަމަށް މުޅިން އެހެން ހައްލެއް ބޭނުންވެ އެވެ.

ސިޔާސީ ޕާޓީއެއްގައި ނަން ހިމަނައިގެން ސިވިލް ކޯޓުގައި މިހާރު މީހަކު އެބަ ޕާޓީއަކާ ދެކޮޅަށް ދައުވާ ވެސް ކުރެ އެވެ. ކޯޓުން މި މައްސަލަ ރަނގަޅަށް ބަލައި އެކަށީގެންވާ ބަދަލެއް ދީފި ނަމަ ސިޔާސީ ޕާޓީއަކުން މީހެއްގެ ނަން ވަގަށް އެ ޕާޓީގައި ހިމެނުމުގެ ކުރިން ދެ ވަނަ ވިސްނުމަކަށް ދާނެކަން ޔަގީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް