އަންނަ އަހަރު ހުޅުމާލޭ ފޭސް އެކެއްގެ ހުސް ޖާގަތައް ފުރިބާރުވާނެ: ސައިމަން

ޒުވާނުންނާއި އާއިލާތަކަށް ހާއްސަކޮށްގެން ޒަމާނީގޮތަކަށް ހަދައިހުޅުމާލެގައި ހުޅުވި ހުޅުމާލެ ސެންޓްރަލް ޕާކް --- ސަން ފޮޓޯ: މުހަންމަދު އަފްރާހް

ހުޅުމާލޭ ނެއިބާހުޑް އެކަކާއި ދޭއްގައި ހުރި ހުސް ޖާގަތައް، އަންނަ އަހަރުގެ ތެރޭގައި ފުރި ބާރުވާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޑް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު، މުހައްމަދު ސައިމަން ވިދާޅުވެއްޖެ އެވެ.

ވެލިގާ ހާޑްވެއާގެ ހުޅުމާލޭ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައިމަން ވިދާޅުވީ ކުރިއަށް ތިން އަހަރު ދުވަސްތެރޭގައި ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭވަރުގެ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތައް ހުޅުމާލެއިން ފެނިގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ވަންގައި ހުރި ހުސްތަންތަން ވެސް މިހާރު މަޑުމަޑުން އެދަނީ ކޮންސްޓްރަކްޝަން ޔާޑުތަކަށް ބަދަލުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަންނަ އަހަރުގެ ކުރީ ކޮޅު، ނޫނީ މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން އަންނާނެ ހުޅުމާލޭގައި ބޮޑެތި އިމާރާތް ކުރަން ހުރި ހުރިހާ ޖާގަތައްހެން ހަމަ ކުރިއަށް އޮތް ތަނުގައި ފުރި ބާރުވާތަން،" ސައިމަން ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި، ސޯޝަލް ހައުސިންގެ ފަހަތުގައި އޮތް ހުސް ޖާގަތަކާއި ނެއިބާހުޑް ދޭއްގައި ހުރި ބައެއް ހުސްޖާގަތައް ތަރައްގީވަމުން އަންނަ ތަން ކަމަށެވެ. އަދި އެތަންތަން ތަރައްގީކުރަން ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ ތަކެތި ކަނޑު ހުރަސްކޮށް މާލެއިން ގެންނަން ޖެހޭ ޖެހުން ކަމަށާއި އެހެން ކަމުން ހުޅުމާލެއަށް ބޮޑެތި ހާޑްވެއާ ފިހާރަތައް އައުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމުގައި ފްލެޓާއި މީހުން ދިރިއުޅޭނެ ތަންތަން އެކަނި ހެދުމުގެ ބަދަލުގައި، މިހާރު އެ ވިސްނުން ފުޅާކޮށް، ވިޔަފާރީގެ ބޭނުންތަކަށް ބިން ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 12 ވަރަކަށް އަހަރު ތެރޭ ވިޔަފާރި ބޭނުންތަކަށް ދޫކުރެވިފައި ވަނީ 30،000 އެއްހާ އަކަފޫޓުގެ ބިން ކަމަށް ވީ ނަމަވެސް މިއަހަރުތެރޭ އެކަނި ވެސް 60،000 އަކަފޫޓުގެ ބިން ދޫކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެއަކީ މިހާރުގެ ސަރުކާރުގެ ބޮޑު އަހަމިއްޔަތު ކަމެއް ދީގެން "ޒުވާނުންގެ ސިޓީ"އެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އިގްތިސާދީ މަރުކަޒެކެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ތަރައްގީގެ ބޮޑު ޕްލޭނެއް އެކުލަވާލައި އެ ރަށަކީ މާލެއަށް ވުރެ ބޮޑަށް ތަރައްގީ ވެފައިވާ ތަނަކަށް ހެދުމަށް ޓަކައި ބިޔަ މަޝްރޫއުތަކެއް ފަށައިފަ އެވެ. އެގޮތުން މާލެއާއި ހުޅުމާލެ ގުޅާލުމަށް ޓަކައި، ހުޅުލެއާއި މާލެ ދެމެދުގައި އަޅާ ބްރިޖު ފާހަގަ ކޮށްލެވެ އެވެ.

comment ކޮމެންޓް