"އަމީރާ. އަހަރެން ބޭނުން ވާހަކައެއް ބުނެލަން. ވަރަށް ދެރަވެސްވާނެ. ގަބޫލުކުރާކަށްވެސް ބޭނުމެއްނުވާނެ. އެކަމަކު މިއީ އަމީރާއަށް އެނގެން ޖެހޭނެ ސިއްރެއް.............." ރަފައެލް ތުންފަތުގައި ދަތްއަޅާލުމަށްފަހު ވިސްނައިލީ އެވާހަކަ އަމީރާގެ ކަންފަތާއި ހަމަޔަށް ފޯރުވަންވީ ގޮތެކެވެ. ބުނަންވީ ކިހާވަރަކަށް ކަމެވެ. އޭރުވެސް މާ ބޮނޑި މޭގައި ޖައްސާލައިގެން އިންގޮތުން ހީވީ ލޫސިއާން ދިން އެއްޗެއް ގަޔާއި ވަކިކޮށްނުލާން އުޅޭހެންނެވެ.

"ޓެލް މީ ޕްލީޒް..." އަމީރާ ކަންބޮޑުވުމާއިއެކު އަހާލިއިރު ދެލޯވަނީ ރަފައެލްގެ މޫނަށް ހުއްޓިފައެވެ.

ކުއްލިއަކަށް ރޮޒާލިއާ އެތަނަށް ވަނުމުން ރަފައެލް ބުނަން އުޅުނު ވާހަކަ ހުއްޓާލަން މަޖުބޫރުވިއެވެ. ރޮޒާލިއާ ބުނީ އާޒްގެ ހުން އަދިވެސް ފިނިނުވާކަމަށާއި ޑެންގީ ހުންކަމުގައި ޑޮކްޓަރުން ލަފާކުރާކަމުގައެވެ. ގޭގެ އެންމެން ހޮސްޕިޓަލުގައި ބާއްވާފައި ތިބުމުން ރޮޒާލިއާ ހުރީ ވަރުބަލިވެ ލޮޑުވާގޮތްވެފައެވެ. އާޒްގެ ކައިރީގައި މިހާރު އިނީ ނަޝީދުގެ ކޮއްކޮއެކެވެ. މަންމަ އެހާ އަވަހަށް އެތަނުން ނުދާނެކަން ވިސްނިފާ އަމީރާ އިނީ ހަދާނެގޮތެއް ނޭގިފައެވެ. ރަފައެލްވެސް ފަހުން ދިޔައީ އޭނައަށް ފުރުސަތެއް ނުލިބޭނެކަމަށް ނިންމާފައެވެ. ނުނިދާހުރުމުގެ ސަބަބުން އޭނަވެސް ހުންނާނީ ނިންޖަށް ލޮޑުވެފައި ނޫންހެއްޔެވެ؟ އެކަމަކު އަމީރާގެ ލޮލަށް ނިންޖެއްނައެވެ. އޭނަ އަށް ވިސްނެނީ ރަފައެލް ބުނަން އުޅުނު ވާހަކައާއިމެދުގައެވެ. ކެތްނުކުރެވިގެން މެސެޖްކުރިއިރު ރަފައެލް އޮތީ ފޯނުނިވާލާފައެވެ.

"ދެން ކިހިނެއް ކެތްކުރާނީ. ދެރަވާނީ ކޮންކަހަލަ ވާހަކައެއް އިވުނީމަބާ..." އަމީރާ ދެއަތް ދެއަތާއި އުގުޅައިލިއެވެ.

ދުވާލު ހަތަރު ދަމު އަމީރާއަށް ނިދުނީއެވެ.

ކޮޓެޖްގެ ކާކޮޓަރީގެ މޭޒަށް ކާން ހަދާފައިހުރިއިރު އެންމެ ލޮލުގައި އަޅައިގަންނަނީ މޭޒުމަތީގައި ހުރި އުއްބައްތިޖަހާ ރިހިކުލައިގެ އެތީގައި ރޯކޮށްލާފައިވާ އުއްބައްތިތަކުގެ ރީތިކަމެވެ. ރަންކުލައިން ޑިޒައިންކޮށްފައިވާ ފާރަށް އަލިއެޅިފައިވާއިރު ފާރުގައި ހަރުކޮށްފައިވާ ބޮޑެތި ތަސްވީރުތަކުގެ ހިތްގައިމުކަމާއި ހައިބަތުހާމަކޮށްދެއެވެ. މިހުރީޒް ނަބީލާގެ އަތުގައި ހިފައިގެން ގެނެސް ގޮނޑިއެއްގައި ބޭންދިއިރު ރަފައެލްއާއި ލޫސިއާން ވެސް ގޮނޑިތައް ފަޅުފިލުވާލިއެވެ. ކުރެހުންއަޅާފައިވާ ތަށިތަކެވެ. ރިހިކުލައިގެ އުލާއި ސަމުސާވެސް އޮރެންޖްއަލީގައި ވިދާއިރު އަގުބޮޑުވެފައި ނާދިރުގޮތެއް ހުއްޓެވެ. އިހުޒަމާނުގައި ޖިންނި ރަސްކަލުން އުޅޭ ގަޑުވަރެއްފަދައިން ސިފަވާތަނެކެވެ.

ވާރޭވެހެންފެށި އަޑަށް ނަބީލާ ހަދާންވީ ހިއްކަން ބެލްކަނީގައި އަޅުވާފައި ހުރި ހެދުންތަކެވެ.

"ހެދުންތައް ބެލްކަނީގައި....." ނަބީލާ ތެދުވިތަނުން ލޫސިއާން މަންމަގެ އަތުގައި ހިފާބޭންދިއެވެ. އޭނަ ހެދުންތައް ނަގާނެކަމުގައި ބުނެފާ ތެދުވިތަނާ ފަޅި ސިކުންތުކޮޅެއްނުވަނީސް ހެދުންތައް މަންމަގެ ކޮޓަރިއަށް ލާފައި އައިސް އިށީދެ ކާންފެށިއެވެ. ދަރިފުޅުމެންނަށް ލިބިފައިވާ ހަލުވިކަމާއި ކުޅަދާނަކަން އަދި ރީތިކަމާއިމެދު ނަބީލާ ފަޚުރުވެރިވެއެވެ.

"ތެމުނުތަ؟ " ނަބީލާ އަހާލައިފިއެވެ.

"ނޫނޭ މަންމާ......" ލޫސިއާން އެއިންތާ އިނދެގެން ދޮރުފަތުގައި ދަމާފައިވާ ފަރުދާތައްވެސް ކަހާލައިފިއެވެ. ރިމޯޓެއްފަދައިންނެވެ. ވާރޭވެހޭ މަންޒަރު ބަލައިލަން ބޭނުންވީކަން ނޭގެއެވެ. ސިހުރުވެރިންނަށްވުރެ ލޫސިއާންމެން އުޅެނީ ކުރީގައެވެ. އެތައް ގުނަ ކުޅަދާނަވެފައި ކޮށްލާ މޮޅު ކަންތައްތަކުން މީހުން ހައިރާންވެ އަންތަރީސްކުރުވާނެއެވެ. ހީވާގޮތުން ރަފައެލް ހުންނަނީ އޭނައަށް ލިބިފައިވާ ބާރު އެހެންމީހުންގެ ކުރިމަތީގައި ވަންހަނާކޮށްގެން އިންސާނުންނެކޭ އެއްފަދައިން އުޅޭށެވެ. އޭނަ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު އެހެންމީހުންނަށް ވިސްނައިދޭން އުޅެނީވެސް ޖިންނިން އިންސާނުންނާއިއެކު ނޫޅޭކަމެވެ. ކޮއްކޮމެން ބާރުގެ ބޭނުންކުރާއިރުވެސް ރަފައެލް އެފަދަ ކަމެއް އެނގޭކަމަކަށްވެސް ހަދާނުލައެވެ.

"ނަބީލާ. އެކުދިންނަކީ އިންސާނުން ނޫނޭ......" މިހުރީޒް ހަދާންކޮށްލަދިނެވެ.

"ފުރިހަމަ ޖިންނިންނެއްވެސް ނޫން....." ނަބީލާ ލާނެތްގޮތަކަށް މިހުރީޒަށް ބަލައިލަމުން ހީލިއެވެ.

"ރަފައެލްއަށް ބާރުތައް ނުލިބުނީ ކީއްވެތަ؟ " ލޫސިއާން އެހެން ބުނުމުން ރަފައެލް އިނީ ފާޑަކަށެވެ. ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއްގެ އަސަރުތައް ފެނިލިނަމަވެސް އެކަން ފޮރުވަންވެގެން އޭނަ އެސްފިޔަތައް ތިރިކޮށްލައިފިއެވެ.

"އަހަރެމެންގެ ރަފައެލް ބޭނުންވަނީ އިންސާނެއްގެ ގޮތުގައި އުޅެން. އިންސާނިއްޔަތަށް ޚިދުމަތްކުރަން. ރަފައެލްއަށް އެނގޭ އިންސާނުންނާއި ޖިންނީންގެ ދޭތެރޭގައިވާ ރޮގު ހުރަސްނުކޮށް ދެމެދުގައި ހުންނަން.........."މިހުރީޒުގެ ބަރުއަޑުން ހޭންފެށިއެވެ. ރަފައެލް ބައްޕަގެ ހުނުމުގައި ބައިވެރިވީ ގަދަކަމުން ކަހަލަގޮތަކަށެވެ. އޭނަ ހިތްހަމަނުޖެހިފައިވާ ސަބަބު މިހުރީޒުއަށް ކިތަންމެ ރަގަޅަށްވެސް އެނގުނެވެ. ނަމަވެސް އެނގުނުކަމަކަށް ނެހެދިއެވެ.

އެއާއިލާގެ އެންމެން ކައިނިމިގެން ނުކުތްތަނާހެން ލޫޅާފަތިކޮށް ތިބި ރަތްކުލައިގެ ހެދުންއެޅި ޚާދިމާއިންތަކެއް ތަށިތައް ނަގާ ސާފުކޮށް ނިންމާލިއިރު ކޮޓަރި އާތަނެއްފަދައެވެ. އެހާ އޮފްއަރައެވެ. އެކުދިން މަސައްކަތް ނިންމާލުމަށްފަހު އެތަނުން އެރީ އުޑަށްކަމަށް ވަނީ ބިމަށްކަމެއްވެސް ނޭގެއެވެ. ގޭގެ ހޯލުވެސް ޖަރީކޮށްލާފައިވަނީ ރަތްކުލައިގެ ކުރެހުން އެޅި ދޫލައާއި ރަގްތަކުންނެވެ. ބާލީސްތައް ޖެހި ސޯފާތައް ގެނބިދާނެހާ މަޑެވެ. ފާރުތަކުގައިވާ އަގުބޮޑު ކުރެހުންތައްވެސް މިއުޒިއަމްއަކުން ގެނެސްފައިވާ އެއްޗެއްސްކޭ ތަފާތެއްނެތެވެ. އެންމެން ސޯފާތަކުގައި ޖައްސާލިގޮތަށް ދުފަންތިބިއިރު މިހުރީޒުގެ ވާހަކަތަކަށް ސަމާލުވެ އެންމެން އަޑުއަހަން ތިބިގޮތުން އޭނައަށް އެންމެން ކުރާ އިހުތިރާމު ދައްކުވާދެއެވެ. މާމަ އަސާޖަހަމުން ނުކުމެފާ ނަބީލާ ކައިރީގައި އަންނަން އެދުމުން ނަބީލާ އޭނަގެ މަންމަގެ ގޮވުމަށް އިޖާބަދިނެވެ. މާމަ ހުންނަނީ ކުޑަކޮށް ބޯ ސަކަރާތްވެފައެވެ. މިހުރީޒްދެކެ މާމަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. މިހުރީޒް ނައްތާލަން މަސައްކަތްކުރި މީހުންގެ ތެރޭގައި އިސް އެކަކަށް ހުރީ މާމައެވެ. ނަމަވެސް މާމަގެ މުސްކުޅިކަމާއިއެކު ނަބީލާގެ މަންމައަށް ވުމުން އޭނައަށް ކަމެއްކުރާކަށް މިހުރީޒް ނޫޅެއެވެ.

"ބައްޕާ. އަޅުގަނޑު އެބަޖެހޭ މިރޭ ރިޒޯޓަށްގޮސްލަން. އެކުވެރިއެއްގެ ދައުވަތަކަށް......." ރަފައެލް ކޮޅަށް ތެދުވެފާ ގަޑިއަށް ބަލައިލިއެވެ.

މިހުރީޒްއާއި ލޫސިއާން އެކަނިވިއެވެ. ތަނަށްވެރިވެފައި އޮތީ ފާނޫޒް ބައްތިތަކުގެ އައްޔެވެ. ރަތްކުލައާއި އަލިތަކަށް މިހުރީޒް އިންތިހާއަށް ލޯބިކުރެއެވެ. އެތަނަށްވެރިވެފާ އޮތް ފަނޑު އަލިކަންވެސް ނައްތާލުމުން އޭނައަށް މާފަސޭހަވާނެއެވެ. އެކަން ވިސްނިފާ ލޫސިއާން ހަރަކާތްކުރުމެއްނެތި އިންތާ އިނދެ ބައްތިތައް ނިވާލުމުން އަނދިރިކަން ވަށާލައިފިއެވެ.

"ލޫސިއާން. ބައްޕަ ވާހަކައެއް ބުނެލަން ބޭނުން....." މިހުރީޒްގެ ދެލޯ އަނދިރިކަމުގެ ތެރެއިން ވިދައެވެ.

"ލައްބަ....." ލޫސިއާން ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

"ލޫސިއާން ގަބޫލުކުރަމެއްނު ހަށިގަނޑުގައި އަލިފާނުގެ އަސަރުވާކަމަށް، އަލިފާނާއި މަށި އެކުވެއްޖެއްޔާ ދެން ވާނީ ކިހިނެއްތަ؟ ބައްޕަގެ ތިޔަ ދަރިންނަކީ ދެނަސްލެއް ގުޅިގެން ދުނިޔެއަށް އައިސްފައިވާބަޔެއް. ދަރިފުޅު މިހާރު ރައްޓެހިވެގެން ތިއުޅޭ އަމީރާއާއި ދަރިފުޅު ގުޅިއްޖެއްޔާ ވަރަށް ބޮޑެތި މައްސަލަތަކެއް މުސްތަގުބަލުގައި ނުކުމެދާނެ. ބައްޕަ ފުރިހަމަ ޖިންނިއެއްގެ ގޮތުގައި ހުރެގެންވެސް ލޯބިވީ އިންސާނެއްދެކެ. އެއީ ދަރިފުޅުމެންގެ ލޯބިވާ މަންމަ. އެހެންވީމަ ނެތިން ލޫސިއާންމެން އިންސާނަކާއި ގުޅެން މަނާކުރަން. ބައްޕައަށް ރަގަޅީވެސް އިންސާނަކާއި ގުޅުނިއްޔާ. އެކަމަކު އަމީރާ އަކާއި ނޫން. އަމީރާގެ އާއިލާއަކީ ބައްޕަމެންގެ ދުޝްމިނުން. އެނގޭތަ އަމީރާގެ ބައްޕަ ކަން މިއާއިލާގެ އެތައްބަޔަކު ފަނާކުރަން ފަންޑިތަހެދީ؟ ބަދަލުހިފުމުގެ ރޫހުގައި އެއްބަޔަކު އުޅޭއިރު އެފަދަ ތަނަކަށް ދަރިފުޅު ވަދެގެން ހިތަށް އަނިޔާއެއް ލިބިދާނެ. ހަގުރާމައެއް ފެށުމަށްވުރެ ސުލްހަވެރި ނިންމުމެއް މިކަމަށް ގެންނަންވާނީ........" މިހުރީޒް ވާހަކަދެއްކިއިރު އަޑު ކޮންމެވެސް ވަރަކަށް ގުގުމާލާފައިވިއެވެ.

"އެކަމާއިމެދު ވިސްނާނަން....." ލޫސިއާންއިނީ އިސްޖަހާލައިގެންނެވެ.

ދަންވަރު ލޫސިއާން ގޭގެ ބެލްކަންޏަށް ނުކުތްއިރު އޭނަ ފެންނަނީ ހިޔަންޏެއްފަދައިންނެވެ. ދިގުކޮށްލާފައިވާ އިސްތަށިގަނޑު ވައިގެ ސަބަބުން އުދުހެމުންދާއިރު އެރީތި މޫނަށް ހަނދުވަރުގެ އަލި އެޅިފައިވެއެވެ. އެހުރިތާ ހުރެފައި އޭނަ ފުންމާލިގޮތަށް މާދުރުގައި ގަސްތަކުގެ ތެރޭގައި ޖެހުނީ ވަރަށް ލުއިކޮށެވެ. ހޮސްޕިޓަލަށްދާން އޭނަ ކަޑައްތުކުރީ ފަޅި ސިކުންތުކޮޅެކެވެ. ގޭޓުގައި ސިކިއުރިޓީ ގާޑުން ތިބިއިރު އެމީހުންނާއި ކައިރިން ދިޔައިރުވެސް އެކަކަށްވެސް އޭނަ ފެނުނުކަމުގައި ނުވިއެވެ. ދޭތެރެއަކުން ގެއްލިފާ ފެނިލަމުން ކަހަލަގޮތަކަށްގޮސް ޕްރައިވެޓް ވާޑު ހުންނަ ހިސާބަށް ލޫސިއާންއަށް ދެވުނުއިރު އޭނައަށް ފެނުނީ އެހިސާބުން އައި ނަރުސް ކުދިންކޮޅެކެވެ. ލޫސިއާން އެހިސާބުގައި ހުރި ގަސްގަނޑެއް ހަލުވައިލުމުން ޚަރީފު މޫސުމުގައި ދޮންފަތްތައް ފައިބައިގަންނަ މިސާލުގައި ފަތްތައް ފައިބައިގަތުމުން ލިބުނު ސިހުމާއިއެކު އެކުދިން ތޫލިއަޑަކުން ހަޅޭއްލަވައިގެންފާ ދުއްވައިގަތީ ދެފަޔަށް ލެވުނުހާ ބާރެއްލާފައެވެ. ލޫސިއާން ހޭންފެށިއެވެ. ލޫސިއާންގެ ތަބީއަތުގައި އެވަގުތު ސަމާސާގޮތްގަނޑު އެކުލެވުނުނަމަވެސް އަމީރާއޮތް ކޮޓަރިއަށް ވަނުމާއިއެކު މިޒާޖު ބަދަލުވެއްޖެއެވެ. އަމީރާ ނިދަން އޮތް އެނދުގެ މަގަތުގައި ހުއްޓިލައިގެން ހަށަން ބަދެލައިގެން ހުރިއިރު އަމީރާގެ ނާޒުކްކަމާއިމެދު ވިސްނާލެވުނެވެ. ހަގީގަތް އެނގުމަށްފަހު އަމީރާ އޭނަގެ ލޯބި ގަބޫލުކޮށްފާނެ ހެއްޔެވެ؟ އޭނައާއިއެކު އުޅެން ހުންނާނެ ހެއްޔެވެ؟ ނަމަވެސް އަމީރާ އޭނައާއި ވަކިވެގެން ހިނގައްޖެއްޔާ އޭނަގެ ހިތަށް ކެތްވާނެހެއްޔެވެ؟ ވިސްނަ ވިސްނާ ސިކުނޑި ލޮޑުވީއިރުވެސް ހަދާނެގޮތް ނޭގުނެވެ.

ލޫސިއާން އަމީރާގެ އަތުގައި އިނގިލިތައް ބީއްސާލީ ވަރަށް ލޯތްބާއިއެކުގައެވެ. މަލުގެ ފިޔައެއްގައި ފިރުމާލާނެހާ މަޑުންނެވެ. އަދި ނިތްކުރިއަށް ދޮނެއް ދިންއިރުވެސް ކިރިޔާ ތުންފަތް ޖައްސައިލިކަމެވެ. ނިދަންއޮތަސް އެއަތުގެ ބީހިލުންތަނުން އަރާމުވެ އަމީރާ ހައްތަހާ ބޮޑަށް ފުންނިންޖަކަށް ގެނބުނުތަން ފެނިފާ ބޭރަށް ނުކުމެ ފާރަށް ލެނގިލައިގެން ހުއްޓިގެން ހުރީ ވަރަށް ހިމޭންވެފައެވެ. ދެރަވެފައެވެ.

މޫމިނާ އޭނަގެ ދަރިފުޅު މައިކަލް ކައިރިން އެދުނީ ރަށުގައިވެސް ކައިވެނީގެ ވަލީމާއެއް ދިނުމަށެވެ. މަންމަ ބޭނުންވިގޮތަށް ކަންތައްކޮށްދޭން އުޅުނުތަނާ އަމީރާ އާއި އާޒް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ ވަގުތީގޮތުން އެ ހަފްލާ ފަސްކޮށްލަންޖެހުނެވެ. މޫމިނާއާއި މައިކަލް ހަވީރު ހޮސްޕިޓަލަށް ޒިޔާރަތްކުރިއިރު ހެނާ ނުދާން ހުއްޓާ ގެންދިޔައެވެ. ހެނާފެނުމުން އަމީރާގެ ދެލޮލުގެ ވިދުވަރުގަދަވިއެވެ. އެކަމަކު ހެނާގެ މޫނުގައި ވި ބީރައްޓެހިކަމުގެ ސަބަބުން ހިތަށް އަސަރުތަކެއްކުރިއެވެ. އާޒްގެ ކައިރިއަށް ވަދެލާފައިވެސް ހެނާ ހުރީ އެހާ ފޫހިވެފައެވެ. ރޮޒާލިއާ އެކަން އެނގޭކަމަކަށް ނަހަދާ ވަރަށް ހެވިލާފައި އިނދެ ގިނަ ވާހަކަދެއްކީ މައިކަލްއާއެވެ. ބައިގަޑިއެއްހާއިރު ފަހުން ގެއަށް އައުމަށްފަހު ހެނާ ނަމާދުކޮށް ކައި ހަދައިގެން ކޮޓަރިއަށް ވަންގޮތަށް އެނދަށް ބަންޑުންވެއްޓިގަތެވެ. ފޫހިވެގެންނާއި މާޔޫސީވެގެންގޮސް އޭނަގެ ސިކުނޑި ހަލާކުވަނީއެވެ. ހިތްދަތިވެ ހިތްފަޅައިގެންދާ ވަރުވީއިރުވެސް އާސާގެ ޚަބަރެއް ވީއެއްވެސް ނޫނެވެ. އޭނަގެ ހިތާމަތަކަށް ލުޔެއް ލިބޭނެ އެއްވެސް އަލިމަގެއް ނުފެނުނެވެ.

އެރޭވެސް ހެނާ ދެލޯ މަރާލައިގެން އޮތްވާ މީހަކު އަތުގައި ހިފައިލިހެން ހީވެފާ ކުއްލިއަކަށް ފުންމައިގެން ތެދުވެ ދެލޯ އުގުޅައިލިއެވެ. މައިކަލް ހުރީ އެނދުގެ ކައިރީގައެވެ. އެކަނި ޖިންސްލައިގެންނެވެ. ޓޭންވެފައިވާ އެފުޅާ ހަށިގަނޑަށް ފަނޑު އަލި އެޅިފައިވާއިރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ފުޅާމޭމައްޗަކާއި ހިނދި ބަޑެއް ލިބުމުގެ ޝަރަފެއް ކޮންމެ ޒުވާނަކަށް ނުލިބޭނެއެވެ.

"ނައިޓްމެއަރއެއް ފެނުނީތަ؟ ކުއްލިއަކަށް ފުންމައިގެން ތެދުވެ ދެލޯ ބޮޑުކޮށްލައިގެން ތިއިނީ؟ " މައިކަލް ސައިޑްޓޭބަލްމަތީގައި އޮތް ސިގިރެޓްފޮށިނެގިއެވެ.

"މިއުޅެނީ ޕީރިއެޑްވެގެން...." ހެނާ އަވަސްއަވަހަށް ޖަވާބުދިނެވެ.

"ރިއެލީ؟ ދެން ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ..." މައިކަލް މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"ހީކުރީ........" ހެނާ އެއްޗެކޭ ބުނަން އުޅެފާ ހުއްޓާލިއެވެ.

"ވެލް. ހެނާ ހީކުރާގޮތަށް އަބަދު ނުވެވެސް ހިނގައިދާނެ. އަބަދުވެސް އޭގެ އެންމެ ނުބައިގޮތުގައި ވިސްނަންޏާ ދުވަހަކުވެސް ހަމަޖެހިގެންނެއް ނޫޅެވޭނެ. ބީ ޕޮޒިޓިވް އޯލްވޭސް އިނގޭ. ހިތަށް އެރީ ސިގިރެޓެއްބޯލަން. އެކަމަކު އަހަރެންވެސް މިހިރީ ވަރަށް ބޮޑަށް ނިދިއައިސް. ގުޑްނައިޓް ހެނާ........" މައިކަލް ސިގިރެޓްފޮށި އޮތްތާ ބާއްވާފައި އެނދުގައި އޮށޯވެލާފައި ބޮކި ނިވާލުމުން ކަނު އަނދިރިކަމުގެ ތެރެއަށް ކޮޓަރި ގެނބިގެންދިޔައެވެ. އިތުރު ގޯނާއެއް ނުކޮށް މައިކަލް އަނެއްފަރާތަށް އެނބުރުމުން ހެނާއޮތީ އަނދިރީގެ ތެރޭގައިވެސް ދެލޯ ތަންމިނަށް ހުޅުވާލައިގެން ނުނިދިފައެވެ. ފާޑުފާޑުގެ ޚިޔާލުތައް ހިތަށް އުދަގޫކުރަނީއެވެ. ޒޯހަންގެ ރީތި ސޫރަ ލޯމަތިން ސިފަވަނީއެވެ. ދެކެން ހިތްއެދެނީއެވެ. ހަނދާންތައް ސިކުނޑިން ނެރެލާން އުޅޭވަރަކަށް ގަދަވެގަންނަނީ މާވަރަކަށެވެ.

ހެދުނު ހެނާ ހޭލިއިރު ކުޑަދޮރުތަކުން ކޮޓަރިއަށް އަލިއެޅި އުޖާލާވެފައިވެއެވެ. އިރުގެ އަލިކަން އޭނަގެ ދޮންފައިގާ ބޮސްދެމުން ހޫނުކަން ފޯރުކޮށްދިނެވެ. ހެނާ ކުޑަކޮށް ތައްޔާރުވެލައިގެން ބަދިގެއަށްވަދެލީ ހެދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. އެއަށްފަހު މޫމިނާއަށް ސައިދީ ބޭސްކާންދިނެވެ. މައިކަލްދެކެ ލޯބިނުވިޔަސް އޭނަގެ ވާޖިބުތައް އަދާކުރުމުގައި އެންމެ ތަންކޮޅެއްވެސް ފަހަތުގައި ހުންނާކަށް ހެނާ ބޭނުމެއްނޫނެވެ. ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން ހެނާ ކިތަންމެހާވެސް މަސައްކަތްކުރެއެވެ. ފިރިމީހާއަށް ބޭވަފާތެރިނުވާން ގަދައަޅާ މަސައްކަތްކުރެއެވެ. ނަމަވެސް ބައެއްފަހަރު ޝައިތާނާ ސިކުނޑިއަށް ވެރިވެގަންނަނީ ދަތިދޭތެރެއަކުންނެވެ. އެދުވަހު ހަވީރުއްސުރެން ޒޯހަން އެގޭގައި އުޅޭކަން ހެނާއަށް އެނގުނެވެ. ހުރެވެނީ އެސޫރަ ފެނުމުގެ އިންތިޒާރުގައި އިރުއިރުކޮޅާ ބޭރަށް ނުކުމެ ބަލަބަލައެވެ. ޒޯހަން އެގޭގައި އުޅޭކަން އެނގުމުން ޒޯހަންއަށް ލަނޑެއްދޭހިތްވިއެވެ. މައިކަލް ނެތް ދަނޑިވަޅެއް ބަލާލާފައި އޭނަ ފްރިޖްގައި ހުރި ފޭރު ޖޫސް ޕެކެޓުގައި ހުރި އެތިފޮދު ބޯލުމަށްފަހު ފެނާއިއެކު ލޮނު އަޅާފައި ބެހެއްޓިއެވެ. ފޭރު ޖޫހަކީ މާމީރު ޒޯހަންއަށް މާ މީރު ބުއިމެއްކަން އޭނަ ދަނެއެވެ. ޒޯހަން ކާކޮޓަރިއަށް ވަދެފައި ޖޫސްފުޅިން ތަށްޓަށް އަޅައިގެން ތުނބުގައި ޖަހާފައި ކޯވަރެއް ދަމާލައިފިއެވެ. އެއާއިއެކު ޒޯހަން އަނގަޔަށް ގޮތެއް ހަދާފައި ޖެއްސި ވައްތަރު ފެނިފައި ހެނާ ހީހީ ހަލާކުވާވަރުވިއެވެ.

ޒޯހަންއަށް ހެނާ ހޭން ހުރިތަން ފެނުނީ ބިއްލޫރިދޮރުގެ އަނެއްފަރާތުންނެވެ. ޒޯހަންއަށް ވަގުތުން އެކުއްޖާ ކުރިކަމެއްކަން އެނގިފައި އައި ބާރުމިނުގައި ކުއްލިއަކަށް ހެނާގެ ދެއަތުގައި ހިފަހައްޓާލައިފިއެވެ.

"ނުލަފާކުއްޖާ. ކީކޭ ހިތަށް އަރާފައި ތިހެނީ؟ އަހަރެން މިހާރު ކަމެއްކޮށްފިއްޔާ ކީއްކުރާނީ؟ ބުނެބަލަ. ތިވައްތަރަށް އުޅެނީވެސް އަހަރެންގެ ކައިރިން ކަމެއް ބޭނުންވެގެން. ކޮންކަމެއް ކޮށްދޭންވީ. އޭނ މާ އިނޮސެންޓްވެގެން ހުންނާނެކަމެއް ނެތޭ. އެކަމަކު ތެދަށް ބުނަންޏާ އަތްލާ ހިތެއްނުވެސް ވޭ............" ޒޯހަންގެ އެ ރުޅިވެރި އަމަލުން ހެނާގެ ހިތް ބިރުންގޮސް ވިރޭގޮތްވެ ހުނުން ހުއްޓުނުއިރު އެސްފިޔަޖަހާލާކަށްވެސް ނޭގުނެވެ. ޒޯހަންއަށްވެސް ހެނާ ބިރުގަތްވަރު އިހުސާސްކުރެވުމުން އަދިވެސް ބޮޑަށް ހެނާ ތަޅުވާލާހިތްވިއެވެ. ހެނާގެ ދެފަރާތުން ފާރުގައި ދެއަތްވިއްދާލިގޮތަށް އޭނަ އަދިވެސް ބޮޑަށް ރުޅިއައިކަމަށް ހެދުނެވެ.

"އަހަންނާއި ސަމާސާކުރަން ފާޑުފާޑަށް އުޅުނަސް އަހަރެން ނޫޅެމޭ މޮޔަވެގެންނެއް. މައިކަލްގެ އެކުވެރިޔެކޭ ކިޔާފައި ހެނާ ނުޖެހޭނެ އަހަންނާއި ތިހެން އަޅައިގެން އުޅޭކަށް، ބަލަ ހެނާ އަދިވެސް އަހަންނާއި ހެދި އުޅެނީތަ؟ މީހެއްގެ އަންބަކަށްވެސްހުރެވެސް އަހަރެންދެކެ ލޯބިވަނީކަން އެނގެއޭ. ހާދަ ލަދުކުޑަކުއްޖެކޭ. ކިހާ ދެރަކަމެއްދެން. މައިކަލްގެ އަންބަކަށްވެހުރެ އޭނަގެ ބެސްޓްފްރެންޑާއި އަޅައިގެން އުޅެންޏާ ދެން މައިކަލް ހިތަށް އަރާނީވެސް ކީކޭތަ؟ ހެނާ. ބުނަން ވާހަކައެއް. އަހަރެން ހެނާދެކެ ލޯތްބެއްނުވޭ. ހޭޓެއްވެސްނުކުރަން. އެކަމަކު ޔޫ އާ ނޮޓް މައި ޓައިޕް އިގޭ. ދެންވެސް އަހަންނަށް އުދަގޫނުކޮށް ހުރޭ. މިގެއަށް އަންނަނީ ހެނާ ތުއިދައްކާތަން ބަލާކަށް ނޫނޭ. ތިގޮތަށް މައިކްއަށް ޖެއްސުންކޮށްބަލަ. އުޅޭވައްތަރުން ލަދުން ބޯ ހަލާކު..........." ޒޯހަން ސީރިޔަސްކަމާއިއެކު ދެއްކި ވާހަކަތަކުން ހެނާގެ ހިތަށް ތަދުވެގެންގޮސް ލޯ ފުރިގެންއައީ ކަރުނައިންނެވެ. ޒޯހަންގެ ކައިރީގައި އެގޮތަށް ރޯން ބޭނުންނުވިޔަސް އެހާ ކައިރީގައި ހުރެ ހެނާއަށް ރޮވިއްޖެއެވެ. ޒޯހަން ހައިރާންވިއެވެ. ހެނާ ހަމަ ރަގަޅަށްވެސް އޭނަދެކެ ލޯބިވަނީއެވެ. މިއީ ވެގެންވާނެ ގޮތެއް ނޫނެވެ. ހަގީގަތުގައިވެސް އޭނަގެ ހިތުގައި ހެނާއަށްޓަކާ އެއްވެސް މަގާމެއްނެތެވެ. އޭނަގެ ލޯތްބަކީ ކިޔާރާއެވެ. ކިޔާރާ ނެތުމަށްފަހު އެހިތުން އެހެން އަންހެންކުއްޖަކަށް ޖާގަ ދިނުމަކީ ވާނެކަމެއް ނޫނެވެ. އެވައްތަރަށް ވާހަކަދެއްކީވެސް ހެނާ އޭނަދެކެ ފޫހިކުރުވަންވެގެންނެވެ.

ކުއްލިއަކަށް މީހަކު ކަރުކެހިލުމުން ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނުއިރު ދާދި ކައިރީގައި ހުރީ މައިކަލްއެވެ. ދެއްކިވާހަކަތައް އަޑުއިވުނުބާވައެވެ.

"ޒެން ހެނާއަށް ކީއްކުރީތަ؟ ހެނާ ރޮއްވާލީ ކީއްވެ؟ "މައިކަލް ސުވާލުކުރިއެވެ.

"ހެނާ ކައިރިން އަހާބަލަ. ދެން މީނަ ގެ ކަންތައް މާ މައްޗަށް ދަނީ މައިކް. ސީރިޔަސްކޮށް އަހަރެން ހުރީ ނުބުނަންކަމަށް. އެކަމަކު މައިކްހިތަށް އަރާފާނެ އަހަރެން މީނައަށް އުދަގޫކުރަނީއޭ. އެހެނެއްނޫން....." ޒޯހަން މައިކަލް ފެނުމާއިއެކު ރުޅި ފިނިވެ ހީލަމުން މައިކަލްގެ ކޮނޑުގައި އަތް ބޭއްވިއެވެ. މީނަ މީނައޭ ކިޔައިގެން ވާހަކަދެއްކިގޮތުން ޒޯހަން އޭނަގެ ނަން ކިޔަން ބޭނުންނުވާކަން ހެނާއަށް އެނގުނެވެ. ޒޯހަންގެ ޖުމްލަތައް އޭނަގެ ހިތަށް ހާދަ އަސަރެއްކުރުވައިފިއެވެ. އޭނަ ބޭނުންވަނީ އެކަނިވެލާށެވެ. ހިތްފުރެންދެން ރޯލާށެވެ. ޒޯހަންއާއި ސަމާސާކުރުމުގެ އެއްވެސް ހައްގެއް އޭނައަށް ނެތްކަން މިއަދު އޭނަ ސާބިތުކޮށްދީފިއެވެ. ތެދެކެވެ. އެއީ މީހުން ސަމާސާއަށް ކުރާ ކަހަލަ ކަންތައްތަކެވެ. ކުށްވެރިޔަކީ އޭނައެވެ. ދެމީހުންވެސް ތިބީ އޭނައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ތޫނު ލޯތަކެވެ. ނުރުހުންވެފައެވެ. ހެނާ ލަދުންނާއި ދެރަވެގެންގޮސް މަރުވާވަރުވިއެވެ. ބިންފަޅާލާފައި އަޑިޔަށްދާނެނަމައެވެ. ހެނާއަށް ނުވިސްނުނަސް އެވަގުތު އެދެ ފިރިހެނުންވެސް ބަލަންތިބީ ކޮންމެވެސް ވަރަކަށް ހަމްދަރުދީވެފައެވެ.

"ހެނާ ރޫމަށްދޭ. ވީލް ޓޯކް ލޭޓަރ....." މައިކަލް އަމުރުކުރުމުން ހެނާ ދުވެފާގޮސް ކޮޓަރިއަށްވަދެ އެނދަށް ބަންޑުންވެއްޓިގަތެވެ. އެއްވެސް މީހެއްގެ ފަރާތުން އޭނައަށް އުފަލެއްނުލިބޭނެއެވެ. އެއްވެސް ތަނަކުން ހިމާޔަތެއް ނުލިބޭނެކަން ޔަގީންވެއްޖެއެވެ. އަމީރާގެ ސިފަތައް ނުލިބުމުން އެކަކުވެސް އޭނައަކަށް ލޯތްބެއް ގަދަރެއްނުކުރެއެވެ. ދުވަހަކު މިހާ ހިތަށް އަސަރުކުރިކަމެއް ނޭގެއެވެ. ޒޯހަން ކިޔާލި އެއްޗެހީގެ ބުރަދަން ހުރިވަރުން އޭނަގެ ސިކުނޑިއަށް އެބަރު އުފުލަން ނުކުޅެދުނެވެ. ހިތުން ލޭ ކަރުނަ އޮހޮރުވާލައިފިއެވެ. ހެނާ ރޮއިރޮއިފާ އެންމެފަހުން ނަމާދުކުރަންފެށިއެވެ. ދުޢާކުރުމުން ނޫންގޮތަކަށް އެހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ. ސަޖިދާއަށް ތިރިވިގޮތަށް އޮވެވުނީ ބޯ ހިއްލައިލަން ބޭނުންނުވެފައެވެ. މުސައްލާ ތެމުނުއިރުވެސް ހެނާ ގިސްލަގިސްލާފައި ރޮނީއެވެ. މާތް ﷲ ފިޔަވާ އެއްވެސް ފަރާތެއް އޭނަދެކެ ލޯބިނުވާކަމަށް ގަބޫލުކުރެވިއްޖެއެވެ. އިންސާނުންގެ ހިތްތަކަކީ ހިލަފަދަ އެއްޗެކެވެ. އެފަދަ ބަޔެއްގެ ފަރާތުން އޯގާތެރިކަމާއި ލޯތްބަށް އެދުމުގެ މާނައެއްނެތެވެ. އެއީ ދުވަހަކު އޭނައަށް ލިބޭނެ އެއްޗެއް ނޫނެވެ. އެންމެ ނިކަމެތިވެ އެކަނިވެރިވާއިރުވެސް ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެންވަނީ އެކަނި ހެއްދެވިފަރާތުންނެވެ. ގިނައިރުވަންދެން ދުޢާކުރުމުން ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބި ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ.

ޒޯހަން އެގޮތަށް ހެނާއަށް އެތިވަރު ގޮވުމަށްފަހު ގޮސް ފެންޑާގައި ހުރި ބާލީސްޖެހި ވަށް ހެމޮކްގައި އިށީދެ ކުރިމަތިން ފެންނަމުންދާ ގަސްތަކަށް ބަލަން އިނެވެ. ޚިޔާލަށް އަންނަނީ ހެނާގެ މޫނެވެ. އެދެލޮލުގައިވި ހިތާމަވެރި އަސަރުތަކެވެ. އެހާ ހިތާމަވެރި ދެލޯ ދުވަހަކު ޒޯހަން ދެކެފައެއްނެތެވެ. ހެނާއާއި ދިމާލަށް އެގޮތަށް އެއްޗެހި ކިޔުމުގެ އެއްވެސް ހައްގެއް އޭނައަށް ލިބިފައެއްނެތެވެ. އެހާ ހިތުގައިޖެހޭފަދަ ގޮތަކަށް އޭނަ އެފަދަ ބަސްތައް ބުނެގެން ނުވެސްވާނެއެވެ. ހިތަކީ އިންސާނެއްގެ ބާރުފޯރާއެއްޗެއް ނޫންކަން ޚުދު އޭނަވެސް ދަނެއެވެ. އެކަން ނޭގޭހާ އޭނަ ގަމާރެއްވެސް ނޫނެވެ. ހެނާ އޭނަދެކެ ލޯބިވުމަކީ ހެނާކުރި ކުށެއްނޫނެވެ. ހެނާގެ އިޚުތިޔާރުގައި އޮތްކަމެއްވެސް ނޫނެވެ. ވީއިރު އޭނައާއި އަޅައިގެން ނޫޅޭށޭ ކިޔާފައި އެގޮތަށް ލަދުގަންނަވާލާކަށް ނުވެސް ޖެހޭނެއެވެ. އޭނަވެސް މައިކަލްއާއި ބައިވެރިވެގެން ހެނާއާއިމެދު ކަންތައްކުރަނީވެސް ބޭއިންސާފުކޮށެވެ. އެކަން އެނގޭދުވަހަކުން ހެނާއަށް އަދި ވާނީ ކޮންފަދަ ގޮތެއްހެއްޔެވެ؟ ހިތްވެސް ހުއްޓިދާނެއެވެ. ބަލިކަށި އަންހެންކުއްޖަކަށް އޮޅުވާލައިގެން އޭނަވެސް މިވެއްޓިގަތީ ކޮންފަދަ ދަށުދަރަޖައަކަށް ހެއްޔެވެ؟

ޚިޔާލުގެ ވާފަށް މާދުރަށް ދޫކޮށްލައިގެން އޮވެ ނިތުގައި އަތްބޭއްވިއެވެ. އުޑުގައި ފިޔަޖަހާ ތަރިތައް ފެންނަލެއް ފުރިހަމަކަމުންވެސް މިއަދު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެން އޮތްވާ މައިކަލް ދެތަށިކޮފީ ހިފައިގެން އައެވެ. އެއްތަށި ޒޯހަންއަށް ދިއްކޮށްލާފައި ކުރިމަތީގައި ހުރި ދިގު ގޮނޑީގައި އިށީނީ ފާރުގައި ބުރަކަށި ޖައްސާލައިގެންނެވެ.

"މިފަހަރު ނުވީމަތަ ތި ވިސްނަނީ؟ "މައިކަލް އަހާލައިފިއެވެ.

"ނޭގުނު......." ޒޯހަންއިނީ އަނގައިން ބުނާހިތްވެސް ނުވެފައެވެ. އޭނަ މިވަގުތު ބޭނުމީ އެކަނިވެރިކަމެވެ.

"ހެނާ ބުނި ޕީރިއެޑްވި ވާހަކަ. ޒެންއަށް ހާދަ ކަމެއް ނުވެއޭ. ނޫނީ އެއްވެސް ގުޅުމެއް އަދިވެސް ނުބާއްވަނީތަ؟ " މައިކަލް އޮޅުންފިލުވަން ބޭނުންވިއެވެ.

"ވަޓް؟ ހެނާ މައިކަލްގެ ކައިރީ އެކަހަލަ ވާހަކަވެސް ދައްކަނީތަ؟ "ޒޯހަން ހައިރާންވިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަ އެކަމާއި އެހާ ހިތްހަމައެއް ނުޖެހުނެވެ.

"ނޫނޭ. ރޭގަ އަހަރެން ދިޔައީއޭ އެ ރޫމަށް ސިގިރެޓްފޮށި ބަލާ. ދެން ހެނާ ނުނިދާކަން އޮތްކަން އެނގުނު އެސްފިޔަތަޅުވާގޮތުން. ޖެއްސުމަކަށް އަތުގައި ހިފާލީމަ ބިރުން ހީވީ އެހެންކަމެއްހެން. ވަގުތުން އަދި ސަލާމަތްވާން ބުނެފި ޕީރިއެޑްވެގެންނޭ. އޭނައަކަށް ނޭގޭނެވިއްޔާ ޒެންއާއިއެކުކަން ނިދަނީ. ލުކް ޒެން. އަހަންނަށް އެނގޭ މިކަން ކޮށްދެނީ މަޖުބޫރުވެގެންކަން. އެކަމަކު ޑީލްވާނީ ޑީލްއަށް. ހެނާ ޕްރެގްކޮށްދިނުމަށްފަހު ޒެން ފްރީވީ. މި މަންތުގައި އަދި ޓްރައިކޮށްދީ........" މައިކަލް އެހެން ބުނުމުން ޒޯހަން ބޯޖަހައިލީ އެހާ ބޭނުންވެފައި ހުރެގެނެއްނޫނެވެ. އަންހެންކުއްޖަކަށް އޮޅުވާލައިގެން އެކުއްޖާގެ ބޭނުން ކުރާކަން އެނގިއްޖެއްޔާ އެހިތަށްވާނެ ގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ހެނާ މޮޔަވެދާނެއެވެ.

"ހެނާއަށް އެނގޭ ދުވަހަކުން ކިހިނެއްވާނީ....." ޒޯހަންއަށް އަހައިލެވުނެވެ.

"ޝީ ޝުޑް ނެވަރ ފައިންޑް އައުޓް........." މައިކަލް އަކުރުތަކަށް ބާރުލާފައި ކިޔާލިއެވެ. އެހަގީގަތް ފަޅާއަރައިފިއްޔާ މުޅި ޕްލޭން ފަނިވީއެވެ. ހެނާއަށް އެނގިއްޖެއްޔާ މަންމަގެ ކަންފަތަށް އެވާހަކަ ފޯރާކަށް ގިނައިރެއްނުވާނެއެވެ. އޭނަ ވިސްނަނީ އެކަނި މަންމައާއިމެދުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު