އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

އިސްލާމީ ދައުލަތުގެ ދުސްތޫރުގައި ރަންއަކުރުން ލިޔެވިފައިވާ އެއް އުސޫލަކީ އިސްލާމީ ދައުލަތުގެ ވަލިއްޔުލްއަމްރުއާއި އޭނާގެ ސަރުކާރު މާތްﷲގެ ޙަޟުރަތުގައްޔާއި އެކަލާނގެ ޚަލްޤުތަކުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހުމެވެ.

ހަމައެފަދަ މުހިންމު އަނެއްކަމަކީ ބައިތުލްމާލަކީ މާތްﷲގެ މިލްކެއްކަމެވެ. ރައްޔިތުން ސަރުކާރާ ޙަވާލުކޮށްފައިވާ އަމާނާތެއްކަމެވެ. އެންމެ ބައިލާރިވެސް ޙައްޤުގޮތުގައި މެނުވީ ބައިތުލްމާލަށް ވައްދައިގެން ނުވާނެއެވެ. ބައިތުލްމާލުގައި ހިމެނޭ އެއްޗެއްގެ ރެވިއޮއްޓަރެއްގެ މިންވަރުވެސް ހުއްދަ ހަލާލުގޮތުގައި މެނުވީ ޚަރަދުކުރެވިގެން ނުވާނެއެވެ. ވަލިއްޔުލްއަމްރަށް ބައިތުލްމާލުން ހުއްދަވެގެންވަނީ ކީރިތި ޤުރްއާނުގައި ޔަތީމުކުއްޖެއްގެ މުދަލުން އެކުއްޖާގެ ވަލީވެރިޔާއަށް ހުއްދަކުރައްވާފައިވާ މިންވަރެވެ. އާދެ، ވަލިއްޔުލްއަމްރުގެ އަމިއްލަ އާމްދަނީ އިން އޭނާގެ ޟަރޫރީ ބޭނުންތައް ފުއްދޭކަމުގައި ވާނަމަ ބައިތުލްމާލުން މުސާރަނަގަން އޭނާ ލަދުގަންނަން ޖެހޭނެއެވެ. ވަލިއްޔުލްއަމްރުގެ ކިބައިގައި އެފަދަ ތަނަވަސް ކަމެއް ނެތްނަމަ އޭނާގެ ޟަރޫރީ ބޭނުންތަކަށް ބައިތުލްމާލުން މުސާރައެއް ނެގިދާނެއެވެ. މުސާރައިގެ އަދަދަކަށް ވާންޖެހޭނީ ކޮންމެ ހެޔޮވިސްނޭ މީހަކު އިންސާފުވެރި ޢަދަދެއްކަމުގައި އެއްބަސްވާނެ ޢަދަދެކެވެ. ބައިތުލްމާލުން ޚަރަދުކުރެވޭ ވަކިލާރިކޮޅުކޮޅުގެވެސް ހިސާބުކިތާބު ހަމަޔަށް ދެއްކުމަކީ ވަލިއްޔުލްއަމްރުގެ ވާޖިބެކެވެ. ބައިތުލްމާލުގެ ހިސާބުކިތާބު ހޯދައިބަލަން އެދުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިފައިވާ ޙައްޤެކެވެ.

މާތްﷲ އާއި އެކަލާނގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ޤާނޫނު އިސްލާމީ ދައުލަތެއްގައި ފުރިހަމަޔަށް ހިންގަންވާނެއެވެ. ހަމައެފަދައިން އެޤާނޫނުތަކުގެ ތަރަހައިގައި ދައުލަތުގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވާ ހުރިހާ ޤާނޫނުތަކެއްވެސް ތުނޑުންތުނޑަށް ހިންގެންވާނެއެވެ. ހަމައެކަކަށްވެސް ޤާނޫނަށްވުރެ މައްޗަކު ނުހުރެވޭނެއެވެ. އެންމެންގެ ކަނދުރާތަކާ ހަމައަށްވެސް ޤާނޫނުތަކުގެ ދިގުއަތް ފޯރާނެއެވެ. ޤާނޫނު ފުރަގަހަށް އެއްލައިލައިފައި ޤާނޫނުގެ އިމުންބޭރުން ނުވަތަ "ޗާޓުން ބޭރުން" އެއްވެސްކަމެއް ކުރުމުގެ ޙައްޤެއް ހަމައެކަކަށްވެސް ނޯންނާނެއެވެ. ވަލިއްޔުލްއަމްރުގެ މައްޗަށާއި އެންމެ ދެރަ ނިކަމެތި ފެމުސްވެރިންގެ މައްޗަށްވެސް ހިންގޭނީ އެއްޤާނޫނެކެވެ. އެއްވެސް ރިޢާޔަތެއް ނުވަތަ އިނާޔަތަކާ ނުލައެވެ. އިންސާފު ޤާއިމުކުރުމުގައި އެކެއްގެވެސް މޫނަކަށް ކަނދުރާއަކަށް ބަލައިގެންނުވާނެއެވެ. ފަނޑިޔާރުގެތަކުގެ މައްޗަށް އެއްވެސް ކަހަލަ ފިއްތުމެއް އޮވެގެން ނުވާނެއެވެ. އެއްވެސް ސިފައެއްގައި އެއްވެސް މިންވަރެއްގެ ބަނދެވުމެއް އޮވެގެންނުވާނެއެވެ.

އެންމެހައި ޙައްޤުތަކަކާއި ވާޖިބުތަކެއްގައި މުސްލިމުން ހަމަހަމަވުމަކީ ވެސް އިސްލާމީ ދުސްތޫރުގެ އަސާސެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުގައި އެ އަސާސަށްވަނީ ފުރިހަމަޔަށް އަމަލުކުރެވިފައެވެ. މުސްލިމުންގެ މެދުގައި ނަސްލާއި ބަހާއި ދިރިއުޅޭތަނުގެ މައްޗަށް ބިނާކޮށް އެއްވެސް ކަހަލަ ތަފާތުކުރުމެއްނެތެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އިމާންވާ އެންމެންނަކީ ދަރަޖައިގެ ގޮތުން އެއްވަރު ބައެކެވެ. ހަމަހަމަބައެކެވެ. އެކެއްގެ މައްޗަށް އަނެކަކަށް އެއްވެސް ތަރްޖީހެއް ދެވޭނަމަ ދެވޭނީ އެމީހެއްގެ ޢިލްމާއި، ޚުލުޤާއި، ސީރަތުގެ އަސާސުގެ މައްޗަށް ބިނާކޮށެވެ.

އާދެ، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަލްޚުލަފާއުއްރާޝިދޫން ބިނާކުރެއްވި އިސްލާމީ ދައުލަތް ބިނާވެފައިއޮތީ މަތީގައި ޚުލާސާ ކުރެވިފައިވާ އަސާސުތަކުގެ މަތީގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީދާ ތަރުބިޔަތުން އުފެދުނު އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް މުސްލިމުންގެ ވެރިކަމުގެ ނިޒާމް ބައްޓަންކުރަންޖެހޭގޮތް ރަނގަޅަށް އެނގެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވީ އެކަލޭގެފާނަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭކަލަކު ޞަރީޙު ބަސްފުޅުން ޢައްޔަންކުރައްވައިފައެއް ނޫނެވެ. އެހެންކަމާއެކު ވެސް މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ މަޝްވަރާގެ މައްޗަށް ބިނާކޮށް އިންތިޚާބުކުރެވޭ ޚަލީފާއެއްގެ ވެރިކަމެއްކަން މުސްލިމުންނަށް އޮޅިފައެއްނެތެވެ. އެހެންކަމުން މުސްލިމުންގެ ތެރެއިން ޢާއިލީ ރަސްކަމަކަށް ޖާގައެއް ނުލިބެއެވެ. އެކަކުވެސް ކަނޑީގެ ބާރުގައި ވެރިކަމަކަށް އަންނާކަށެއް މަސައްކަތެއް ނުކުރެވެއެވެ. މުސްލިމުންގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިންނަކީ ވެސް މުސްލިމުން ހިތުން ރުހުމުން އިންތިޚާބުކުރި ހަތަރު ޚަލީފާއިންނެވެ. އެއްބޭކަލަކަށްފަހު ފަހުން އަނެއް ބޭކަލެކެވެ.

މަތީގައި އެވަނީ އިސްލާމީ ދައުލަތެއްގެ ދުސްތޫރީ އުސޫލުތަކަށް ބަލައިލެވިފައިވާ އަވަސް ބަލައިލުމެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ އިސްލާމީ ދައުލަތަކީ ޢާއްމުކޮށް މިފެންނަ ދައުލަތްތައްފަދަ ހަމައެކަނި ސިޔާސީ ދައުލަތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މާތްﷲގެ ނުބުއްވަތުގެ އެންމެ ފުރިހަމަ މާނައިގެ ނިޔާބަތެކެވެ. އެދައުލަތުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ދައުލަތުގެ އިދާރީ ހިންގުމުގެ އިންތިޒާމު ރޭވުމެއްނޫނެވެ. އަމްނުއަމާންކަން ޤާއިމުކޮށް ސަރަޙައްދު ބެލެހެއްޓުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެދައުލަތުގެ ވާޖިބަކީ މުސްލިމުންގެ ދީނީ އިޖްތިމާޢީ ހުރިހާ ދާއިރާތަކެއްގައި މުޢައްލިމެއްގެ ޙައިޘިއްޔަތުންނާއި މުރްޝިދެއްގެ ހައިޘިއްޔަތުންނާއި މުރައްބީއެއްގެ ޙައިޘިއްޔަތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަދާކުރެއްވި ހުރިހާ ވާޖިބުތަކެއް އެއްވެސް ކަމެއް ހައިވިޔަނުދީ ފުރިހަމަޔަށް އަދާކުރުމެވެ. މާތްﷲގެ ދީނުގެ ފުރިހަމަ ނިޒާމު އޭގެ ޙަޤީޤީ ސިފައިގައި ހިންގުމެވެ. އެނިޒާމު އޭގެ އަސްލު ރޫޙުގައި ދިރުވައި ދެމެހެއްޓުމެވެ. މުސްލިމުންގެ އިޖްތިމާޢީ ހުރިހާ ހަކަތަ އަކާއި ބުންވަރެއް މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުމުގެ މަގުގައި ހޭދަކުރުމެވެ.

މުސްލިމުންގެ ހާލަތު ބަދަލުވުން

ނަމަވެސް އަލްޚިލާފަތުއްރާޝިދާ ނިމުމަކަށް އައުމާއެކު އިސްލާމީވެރިކަމުގެ ނިޒާމުވަނީ ބަދަލުވާންފަށައިފައެވެ. ހިޖްރީ އެންމެ ފުރަތަމަ ޤަރުނުގެ ފަހުކޮޅަށް އައިއިރު އިސްލާމީ ދައުލަތަކީ ޙަޤީޤަތަށް ދަންނަވާނަމަ ޤައިޞަރިއްޔަތެކެވެ. ނުވަތަ ކިސްރަވާނިއްޔަތެކެވެ. އެއީ އަޅުގަނޑުގެ މިއަދުގެ ބަޠަލުގެ އިޞްލާޙީ މަސައްކަތްޕުޅު ޚާއްސަކުރެއްވި ދާއިރާއެވެ.

މިބަދަލު އަންނާންފެށީ އެކަންއެހެންވެދާނެކަމަށް އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެންމެ ބޮޑަށް ބިރުފުޅުގެންވަޑައިގެންނެވި ދާއިރާއިންނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ހަވީރު ވީއިރު އެންމެބޮޑަށް ބިރުފުޅުގެންވަޑައިގެންނެވި ކަމަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުއްސުރެ ފެށިގެން އެކަލޭގެފާނުގެ ޙަޔާތްޕުޅާ ހަމަޔަށް އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުން އެބޭކަލުންގެ ޢާއިލާ އާއި ގާތްތިމާގެފުޅު ބޭފުޅުންނާބެހޭގޮތުން ގެންގުޅުއްވި ސިޔާސަތު އެކަލޭގެފާނަށްފަހު ބަދަލުވެގެން ހިނގައިދާނެތީއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފަނުގެ ޙަޔާތްޕުޅުގައި ޢަލީ ރަޟިޔަﷲ ޢަންހު ފިޔަވައި ހާޝިމްވަންހައިގެ އެއްވެސް ބޭކަލަކަށް ދައުލަތުގެ އެއްވެސް މަޤާމެއް ނުދެއްވައެވެ. އަމީރުލް މުއުމިނީން އަބޫބަކުރު އައްޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ވެރިކަމުގައި އެކަލޭގެފާނުގެ ޤަބީލާގެ މީހަކަށް ދައުލަތުގެ އެއްވެސް މަޤާމެއް ނުދެއްވައެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ ވެރިކަމުގައި ޢަދިއްޔުވަންހައިގެ އެންމެ މީހަކަށް ވަރަށް އާދައިގެ މަޤާމެއް ދެއްވިއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުކުރައްވައި އޭނާ އެމަޤާމުން ދުރުކޮށްލެއްވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު އެކަލޭގެފާނަށްފަހު ޚަލީފާކަން ލިބިވަޑައިގެންފާނެ ކަމުގައި ފެނިވަޑައިގެންނެވި ތިން ބޭކަލުން ކަމުގައިވާ ޢުޘްމާނުގެފާނާއި ޢަލީގެފާނާއި ސަޢުދު ބިން އަބީ ވައްޤާޞު (ރަޟިޔަﷲ އަންހުމް) އެކަލޭގެފާނުގެ އަރިހަށް ވަކިވަކީން ގެންނަވައި އެސިޔާސަތު ބަދަލުނުކުރައްވަން ނަސީޙަތްވެސް ދެއްވިއެވެ. ނަމަވެސް އަމީރުލް މުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހު އަށްފަހު އެސިޔާސަތު ވަނީ މުޅިން ބަދަލުވެފައެވެ. ނަތީޖާއަކަށްވީ ޤަބީލީ ޢަޞަބިއްޔަތަށް މުސްލިމުންގެ ތެރެއިން ބޯހިއްލައިލުމުގެ ފުރުޞަތު ލިބުމެވެ. މުސްލިމުންގެ މުޅި ސިޔާސީ ނިޒާމު ބަދަލުވެގެންދިޔުމެވެ.

މިގޮތުން އެންމެފުރަތަމަ އައި ބަދަލަކީ ވަލިއްޔުލްޢަމްރު އިންތިޚާބުކުރުމަށް އައި ބަދަލެވެ. އިސްލާމްދީން އިސްލާމީ އުންމަތާ މަތިކޮށްފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާތްﷲގެ ދީން ޤާއިމްކުރުމެވެ. އެދީނުގެ ޙުކުމްތައް ތަންފީޒުކުރުމެވެ. އުންމަތުގެ ވަކީލެއްގެ ޙައިޘިއްޔަތުން އެމަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ އަމީރުލްމުއުމިނީނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ވަކީލެއްގެ ނުވަތަ ނާއިބެއްގެ މަޤާމަކީ ވާރުތައިން ލިބޭނެ މަޤާމެއްނޫނެވެ. ނުވަތަ ގޮށްމުށުބާރުން ފިރުކައިގަނެވޭނެ މަޤާމެއްވެސް ނޫނެވެ. މުވައްކިލުގެ ރުހުމާއި ޤަބޫލުގައި އޭނާ ހަވާލުކުރުމުން ލިބެ މަޤާމެކެވެ.

ކުރީޒަމާނުގައި އަތާއަތްޖޯޑުކޮށްހިފާ ބައިތަކީ ވެރިމީހާއާ ރުހި ޤަބޫލުވުމާއި އޭނާއާ މަޤާމު ޙަވާލުކުރުމެވެ. ވެރިމީހާ ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމަށާއި، ރައްޔިތުންނަށް އިޚްލާސްތެރިވުމަށާއި، އަދުލުވެރިވުމަށާއި، ވެރިކަމުގެ އެހެނިހެން ވާޖިބުތައް އަދާކުރުމަށް ވާ އަހްދެކެވެ.

މިޒަމާނުގައި މިމަޤްސަދުގައި ބޭނުންކުރެވެނީ ރައްޔިތުންގެ ސިއްރުވޯޓާއި، ވޯޓުކަރުދާހާއި، ވޯޓުފޮއްޓާއި ހުވާކުރުމުގެ ރަސްމިއްޔާތެވެ. މިއީ އިސްލާމީ ސިޔާސަތުގެ އެހެން ދާއިރާއެކެވެ. އިދާރީ މައްސަލައެކެވެ. ޢުމަރުބިން ޢަބްދުލްޢަޒީޒުގެ ސީރަތާއި ގުޅުމެއްނެތް ދާއިރާއެކެވެ. އެހެންކަމުން އެދާއިރާ ދޫކޮށްލާނަމެވެ.

އާދެ، މައިގަނޑު ނަމާއި ކައިރިއަށް ޖެހި ބަލައިލާއިރު އަލްޚުލަފާއުއްރާޝިދޫންގެ ހަތަރު ބޭކަލުންކުރެ ކޮންމެ ބޭކަލަކީވެސް މުސްލިމުން އެބޭކަލަކާ ޚަލީފާކަން ޙަވާލުކުރުމުން ޚަލީފާކަމާ ޙަވާލުވެވަޑައިގެންނެވި ބޭކަލެކެވެ. އަމިއްލަފުޅަށް އެމަޤާމު އަތްތެރިކުރެއްވި ބޭކަލެއް ނޫނެވެ.

ނަމަވެސް އުމަވީ ދައުލަތުގެ ބާނީ އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހުގެ ޚަލީފާ ކަމަކީ (މުޢާވިޔަތުގެފާނަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގޭގެ ބަޝާރަތު ދެއްވައިފައިވާ ބޭކަލެކެވެ. މި މަޒުމޫނު ވިދާޅުވާ ބޭފުޅުން އެކަން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.) މުސްލިމުން އެކަލޭގެފަނާ ޙަވާލުކުރި ޚަލީފާކަމެއްނޫނެވެ. އެކަލޭގެފަނުގެ ޚަލީފާ ކަމަކީ މުސްލިމުން އެކަލޭގެފާނާ ޙަވާލުނުކުރިނަމަ ޤާއިމުނުވާނެ ޚަލީފާކަމެއްވެސް ނޫނެވެ. އެކަލޭގެފަނު ޚަލީފާކަން ހޯއްދަވަން ބޭނުންފުޅުވީއެވެ. ހަނގުރާމަކުރައްވައިގެން ޚަލީފާކަން ހޯއްދެވީއެވެ. އެކަލޭގެފާނު ޚަލީފާކަން އަތުލެއްވުމުން މުސްލިމުންގެ ކުރިމަތީގައި އެކަލޭގެފާނަށް ބައިޢަތުނުހިފައި ހަދާނެ އެހެން ގޮތެއް ނެތީއެވެ. މުސްލިމުން އެކަލޭގެފާނަށް ބަޢިއަތު ނުހިފިނަމަ އޭގެ ނަތީޖާއަކަށްވީހީ އިތުރު ލޭއޮހޮރުމެވެ. މުސްލިމުން އިތުރަށް ބައިބައިވެ ހަމަނުޖެހުން ބޮޑުވުމެވެ. އެހެންކަމުން މުސްލިމުން އިސްކަންދިނީ އަމްނުއަމާން ކަމަށެވެ. މުސްލިމުންގެ ސަފުތައް އެކަތިގަނޑަކަށް ހެދުމަށެވެ. ހަމަޖެހުމަށެވެ. އެގޮތުން އަލްއިމާމު ޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހު ވެރިކަމުން ތަނާޒުލްވެ ވަޑައިގަތުމާއެކު އޭރު ދުނިޔޭގައި ތިއްބެވި ޞަޙާބީންނާއި ޠާބިޢީންނާއި އުންމަތުގެ މުޞްލިހުން އަމީރު މުއާވިޔާގެ ވެރިކަން ޤަބޫލުކުރައްވައި އެކަލޭގެފާނަށް ބަޢިއަތު ހިއްޕެވިއެވެ. އެކަން ހިނގީ ހިޖްރައިން ސާޅީސް އެއްވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައެވެ. (ޚިލާފަތު ވަމުލޫކިއްޔަތު – ސައްޔިދު އަބުލް ޢައުލާ މައުދޫދީ)

comment ކޮމެންޓް