ޓެކްސީ ބޯޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯޑު ދޫކުރުމުގެ ވިސްނުން އެބަހުރި: ސައީދު

މިއަދުގެ ކޮމެޓީގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމު ޓްރާންސްޕޯޓްގައި ބޭނުންކުރަމުން އަންނަ ޓެކްސީގެ ބޯޑު ބޭނުންވާ ފަރާތެއް ހުރިނަމަ އެފަރާތަކަށް ބޯޑު ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ ތެރޭގައި ގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ބަޖެޓް ކޮމެޓީގެ ދެވަނަ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ސެކަންޑްރީ މާކެޓްގައި ހުރި ބޯޑް ތަކަކީ ލިމިޓްކޮށްފައި ހުރި ބޯޑުތަކަކަށް ވާތީ އޭގެ އަގު އިންތިހާއަށް ބޮޑުވެ އެ މަސައްކަތް ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ނުލިބޭ ކަމަށެވެ.

"އެއްލައްކަ ދެލައްކަ ރުފިޔާއަށް ޓެކްސީ ބޯޑެއް މިހާރު މި ވިއްކަނީ ސެކަންޑަރީ މާކެޓްގައި. އެއީ އާންމުރައްޔިތުންނަށް އަދި ޓެކްސީ ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. ހަގީގަތުގައި ޓެކްސީ ބޯޑެއް ނުވެސް ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރެއްގައި، ވަކި އިންތިޒާމުތަކެއް ހަމަނުޖައްސައި ޓެކްސީ ބޯޑު ލިމިޓްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުމަކީ ޓެކްސީ ބޯޑު ބޭނުންވާ ފަރާތަކަށް، ބޯޑު ދޫކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލޭގަ ވެސް އަދި އެހެން ރަށްރަށުގައި ވެސް ވަކި ސްޓޭންޑަޑެއް ކަނޑައެޅިފައި އެބައޮތް. އެހެންވީމަ އެޔާ އެއްގޮތަށް ހަރުދަނާކޮށް މިކަން ގެންދެވޭނެ ލުއިފަސޭހަ ގޮތެއް މި ހަމަޖައްސަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިހާރު ސެކަންޑްރީ މާކެޓްގައި ޓެކްސީގެ ބޯޑު ވިއްކާ އަގަށްވުރެ، އަލަށް ދޫކުރަން ވިސްނާ ބޯޑުތަކުގެ އަގު ހެޔޮވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް ދޫކުރާ ޓެކްސީ ބޯޑުތަކުގެ ތެރޭގައި ކޮމާޝަލް ވެހިކަލްތަކާއި ޕިކަޕްތައް ވެސް ހިމެނޭނެ ކަމަށެވެ.

comment ކޮމެންޓް