ކަނޑުގެ ސަތަހައިގެ ތެރޭގައި ނިވާވަމުން އައި އިރުގެ ދަޅަތަކުން އުދަރެސް މައްޗަށް ދިރުން ގެނެސްދީފައި އޮތެވެ. ފިނިކަން އެކުލެވިގެންވާ ރޯޅިތަކާއި ރާޅުތަކުގެ ލުއިލުއި އަޑު ހިނދުކޮޅަކަށް ވެސް ފަޒާގެ ތެރެއިން ފަނޑުވެގެން ނުދެއެވެ. ހަވީރުގެ ހިތްގައިމު ވަގުތުގެ އުފާ ހާސިލުކުރަން ނިކުމެ އުޅޭ އެކިއެކި އުމުރުފުރާތަކުގެ މީހުންތަކާއި ކުޑަކުދިންތަކުން ރަސްފަންނު އޮތީ ފަޅުފިލުވާލާފައެވެ. އެހެނިހެން މީހުންނެކޭ އެއްފަދައިން ޝުޖާއު ވެސް ގޮނޑުދޮށުގައި ހުރި އަށްޓެއްގައި އިށީންދެލައިގެން އިނީ އޭނަގެ ހިތާއި ނަފުސަށް ފިނިކަމެއް ހޯދައިދެވޭތޯއެވެ. ހެނދު ގޭތެރޭގައި ހިނގިކަންތަކަށް ފަހު އޭނަގެ ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ. އެކަމުގެ ސަބަބުން ހެނދުނުއްސުރެ އޭނަ ގެއަކަށް ނުދެއެވެ. އެއްވެސް މީހަކާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. އޭނަގެ ޚަބަރެއް ނުވެގެން ޢާއިލާގެ އެކި މީހުން ގުޅަމުން ދިޔަ ކަމުގައި ވިޔަސް އޭނަ ޖަވާބު ނުދިނީ ގަސްދުގައެވެ. މަންމަ ކުރި ކަންތަކާ މެދު އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަ ވެފައެވެ.

އިރުއޮއްސި ރޭގަނޑުގެ އަނދިރިކަމުގެ ފަށަލައިގެ ކުލަމަތި ދައްކާލުމާއެކު ގޮނޑުދޮށުން މީހުންތައް ހުސްވާން ފެށިއެވެ. އެއާއެކު ކުރިން އިވެމުން އައި އަޑުތައް ކެނޑި މާހައުލަށް ހިމޭންކަން ވެރިވާން ފެށިއެވެ. މިހާރު ރޯޅިތަކުގެ ސިއްރުވެރި އަޑު މެނުވީ ނީވެއެވެ. އެހިމޭންކަމުގެ ތެރެއަށް ސިކުނޑި ދޫކޮށްލައިގެން އިން ޝުޖާއުއަށް ސިހުމެއް ލިބުނީ ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށި އަޑަށެވެ. އެކަމަށް ސަމާލުކަމެއް ދޭ ހިތް ނުވެފައި އިންދާ އަނެއްކާ ވެސް ފޯނު ރިންގްވާން ފެށުމާއެކު އޭނަ ޖިންސުގެ ޖީބުން ފޯނުނަގައި އަވަސް ނަޒަރެއް ދިނެވެ.

''ފޯނު ނަގަން އެނގިއްޖެ ދޯ؟... ކޮންތާކުތަ ތިހުރީ؟، ޝުޖާގެ ޚަބަރެއް ނުވެގެން މަންމަ މިހާރު ރޯން ވެސް ފަށައިފި. އެނގޭ ތިހުރީ ހިތްހަމަނުޖެހިފަކަން، އެކަމަކު ތިހެން ކަންތައް ކުރީމަ ދެންތިބި މީހުން ކަންބޮޑުވާނެ ވަރެއް ނޭގޭތަ؟، ބައްޕަ ވެސް ހުރީ ރުޅިއައިސްފަ، ދެންވެސް ގެއަށް އަންނަން އުޅެބަލަ، ތިހެން ޝުޖާ ކަންތައް ކުރީމަ ވަކި ކަންތައް ހައްލުވާނެތަ؟، މީ ހުރިހާ ކަމަކަށް ފިލަންވީ ވަގުތެއް ނޫނޭ...'' ފޯނު ނެގުމާއެކު ޝުޖާއުގެ ކަންފަތުގައި ފުރަތަމަވެސް ޖެހުނީ އަނާންގެ އަޑެވެ. އަނާން ހިތްހަމަނުޖެހިފައިވާވަރު އެވާހަކަތަކަށް ސަމާލުކަން ދީގެން އިން ޝުޖާއުއަށް އަންދާޒާ ކުރެވުނެވެ. އެއާއެކު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''ޝުޖާ، އެއްޗެއް ނުބުނެ ތިހުރީ ކީއްވެތަ؟...'' ޖަވާބެއް ނުލިބުމާއެކު އަނާން އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

''އިރުކޮޅަކުން އެބަދަން...'' ޝުޖާއު ބުނެލިއެވެ. އަދި އަނާނަށް ފޯނުކޯލު ދިގުކުރުމުގެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އިރުކޮޅެއް ވަންދެން ތަރިތަކުގެ ޖާދުލުން ރޭގަނޑުގެ ފޭރާމަށް ދިރުން ގެނެސްދީފައި އޮތް މަންޒަރު ބަލަން އިނދެފައި ޝުޖާއު ތެދުވުނެވެ. އަދި އެތަނުން ދާން ހިގައިގަތީ ހިތުގައި އަޒުމެއް ކަނޑައެޅުމަށް ފަހުގައެވެ. މިހުރިހާ އިރު އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިވެފައިވި ކަންތަކާ ކުރިމަތިލުމަށެވެ. އޭނައަށް އެހަޤީޤަތަށް ފިލަން ނުދުވޭނެތީއެވެ. ވެދިޔަ ކަމެއް ބަދަލެއް ވެސް ނުކުރެވޭނެތީއެވެ. އެއީ އޭނަގެ ބާރުގެ ދަށުގައިވާކަމަކަށް ނުވާތީއެވެ. ނަމަވެސް އޭނައަށް ހުރިހާ ކަމެއް ހައްލުކުރަން މަސައްކަތްކުރެވިދާނެއެވެ. އޭނަ އެކަން ހާސިލުކުރެވޭތޯ ބަލާނެއެވެ.

*****

އަޒްޔާންގެ ޚަބަރެއް ނުވާތީ ނުތަނަވަސްވެފައި އޮތް ޒައިނަބުގެ ހިކިފައިވާ ތުންފަތަށް ހިނިތުވުމެއް ވެރިވެގެން ދިޔައީ ވޯޑަށް ވެދެގެން އައި އަޒްޔާން ފެނިފައެވެ. ޒައިނަބަށް އައި ބަދަލުތައް ފެނި ގާތުގައި އިން މީޝެލްއަށް ވެސް ފަސްއެނބުރި ބަލާލެވުނެވެ. އޭރު ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ކުދި ފިޔަވަޅުތަކެއްގައި އަޒްޔާން އެމީހުނާ ދިމާއަށް އާދެއެވެ.

''ޒޭން ނައިސްގެން ތިއްތަ ބުނާވަރުން ގުޅަން އުޅެނިކޮށް ތިއައީ...'' މީޝެލް ހިނިތުންވުމަކާއެކު ބުނެލަމުން އޭނަ އިން ގޮނޑިން ތެދުވެލީ އަޒްޔާނަށް އިށީންނަން ތަންދެއްކުމުގެ ގޮތުންނެވެ. އަދި ޒައިނަބުގެ ފައިލާކޮޅުން އުނދަގޫ ނުވާނެ ގޮތަކަށް އެނދުގެ އަރިމަތީގައި އިށީނެވެ.

''އޯހ ނޯ... ހަވީރު ދީފަ ދިޔަ ސިޓީއަށް ބޭސްނަގާކަށް ހަނދާނެއް ވެސް ނެތޭ... އަހަރެން އެބައަންނަން އިރުކޮޅަކުން މި ސިޓީއަށް ބޭސް ނަގައިގެން...'' ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވާފަދަ ގޮތަށް މީޝެލް ބުނެލިއެވެ. އަދި ނިކަން އަވަހަށް ތެދުވެ ކުޑަ ކަބަޑު މަތީ އޮތް ބޭސްސިޓީ އާއި އައިޑީކާޑު ނެގިއެވެ. އެހުރިހާ އިރު ވަންދެން އަޒްޔާން ހުރީ މީޝެލްގެ ހަރަކާތްތަކަށް ބަލާށެވެ.

''އަހަރެން ގޮސްދާނަން...'' މީޝެލްގެ އަތުގައި އޮތް ބޭސްސިޓީ ހޯދަން އަތްދިއްކޮށްލަމުން އަޒްޔާން ބުނެލިއެވެ.

''އަހަރެން ގޮސްދާނަމޭ، އެހެންނޫނަސް ތިއްތަ އެއޮތީ ޒޭން ދެކިލާ ހިތުންނޭ... އައިލް ބީ ބެކް އިން އެ ޖިފީ...'' ޒައިނަބަށް ބަލާލަމުން މީޝެލް ބުނެލިއެވެ. އަޒްޔާނަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި މީޝެލް އަވަހަށް ނިކުންނަން ހިނގައިގަތީ އޭނަގެ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުންނެވެ.

''ދަރިފުޅާ ހާދަ ވަރަކަށް ލޯ ރަތްވެފަ ތިހުރީ؟، އަނެއްކާ ނުނިދާތަ ތިހުރީ؟...'' ވަރުބަލިކަމުގެ އަސަރުވި އަޒްޔާންގެ މޫނަށް ފުންނަޒަރަކުން ބަލަމުން ޒައިނަބު އެހިއެވެ. އެއަޑަށް އަޒްޔާނަށް ހާސްކަމެއް ލިބުނެވެ. ޝީރީންގެ ވާހަކަތަކުން މުޅި ހަތަރުދަން ހުސްވެގެެން ދިޔައީ ހިތަށް ވެރިވެފައިވި ނުތަނަވަސްކަމުގެ ތެރޭގައެވެ. ވިސްނަން ބޭނުންނުވިކަމުގައި ވިޔަސް އެނޫން ކަމެއް އޭނަގެ ޚިޔާލުތަކުގައި ނުވިއެވެ. އިރުއިރުކޮޅާ ކުރެހިގެންދާ ތަސްވީރުތަކުން އޭނައަށް އިތުރު ތަކުލީފުތަކެއް ގެނެސްދިނެވެ. ބަތޫލްއާއި މެދު އޭނަގެ ހިތާއި ސިކުނޑި ފާޅުކުރަމުން އައީ މުޅިން ތަފާތު ޚިޔާލުތަކެވެ. ހިތް އެދެމުން ދިޔައީ ލޯތްބަށް އިތުބާރުކުރުމަށެވެ. ވިކަންތަކުގައި ބަތޫލްގެ ކުށެއް ނެތްކަމުގައެވެ. ނަމަވެސް އޭނަގެ ސިކުނޑި އެކަންތަކާ ފާޅުގައި ދެކޮޅުހަދައެވެ. ވަކިވެވެން ނެތް ހަނދާންތަކެއް އާލާކޮށްދެމުންނެވެ. ނަފުސުގެ ހަނގުރާމައިގެ ތެރޭގައި ގޮތެއް ނިންމަންވީ ކިހިނެއްކަން އޭނައަށް ވަނީ ނުކުޅެދިފައެވެ. ބަތޫލް އޭނަދެކެވާ ތެދުވެރި ލޯތްބަށް ފުރަގަސްދޭކަށް ހިތެއް ނޭދެއެވެ. ޚުދު އެލޯބްތަށް އޭނަ ވެސް ބޭނުން ވާތީއެވެ. ހަޔާތުގައި އާދެވިފައިވާ ހަތަރުއަނގޮޅިން ކުރިއަށް ދާންވީ ކޮންމަގަކުންކަމެއް އޭނައަކަށް ނޭގެއެވެ.

''މަންމައަށް ހިވާގޮތޭ ތީ...'' ގޮނޑި އެނދާއި ކައިރިކޮށްލަމުން އޭގައި އަޒްޔާން އިށީނީ ފަނޑު ހިނިތުންވުމަކާއެކުގައެވެ. އެހިނިތުންވުމުން ވެސް އެރީތި މޫނަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނެސްދިނެވެ.

''މަންމަ ގާތު ދޮގު ނަހަދައްޗޭ...'' އަޒްޔާންގެ ޖަވާބާމެދު ހިތުގައި ޝައްކު އުފެދުމާއެކު ޒައިނަބު ބުނެލިއެވެ. އޭނައަށް އަޒްޔާން ރަގަޅަށް ދަސްވެފައިވާތީ ކަމެއް ފޮރުވަން އުޅޭކަން ނަގައިގަނެވުނީއެވެ.

''މަންމާ އަހަރެން ކީއްކުރަންތަ ދޮގު ހަދަންވީ؟...'' ޒައިނަބުގެ އަތްތިލައިގައި ހިފާލައި މަޑުމަޑުން ފިރުމާލަމުން އަޒްޔާން ވާހަކަދެއްކިއެވެ. އޭނަ އިސްތިރިކޮށްލައިގެން އިނީ އިތުރުކަމެއް ޒައިނަބު ހޯދައިގެންފާނެތީ ޖެހިލުންވެފައިވާ ކަހަލަ ގޮތަކަށެވެ.

''އަޒްޔާން، މަންމައަށް ބަލާބަ، ކޮންމެވެސް ކަމެއް ވެއްޖެ... ކީއްވެތަ ނުބުނަން ތިއުޅެނީ؟...'' ނުތަނަވަސްކަމާއެކު ޒައިނަބަށް އަހާލެވުނެވެ. އޭނަ ތެދުވާން އުޅުމުން އަޒްޔާން އެކަމުގައި އެހީތެރިވެދިނެވެ. އަދި މަންމަގެ ހަށިގަނޑަށް ފަސޭހަކަމާއި އަރާމުލިބޭނެ ގޮތަކަށް ބާލީސްތައް ތަރުތީބުކޮށްލަދިނެވެ.

''ދަރިފުޅަށް ކަމެއް ވެއްޖެކަން މަންމައަށް ޔަޤީން، މީހަކު އެއްޗެކޭ ބުނީތަ؟...'' ޒައިނަބު ހިތުގެ ތެޅުން ކުއްލިއަކަށް ބާރުވާން ފެށީ ހިތަށް ވެރިވި ޚިޔާލެއްގެ ސަބަބުންނެވެ. އެއާއެކު އޭނައަށް އަޒްޔާންގެ އަތަށް ބާރުކޮށްލެވުނެވެ. އެވަގުތު އަޒްޔާން އިސްއުފުލާލިއެވެ. އެލޮލުގައިވި ތަފާތު އިހުސާސްތަކުން ޒައިނަބަށް ނޭވާ ހިފަހައްޓާލަން ޖެހުނެވެ. އޭނަގެ ހިތުގައި އޮތް ނުތަނަވަސްކަން އަނެއްކާ ހަޤީޤަތަކަށްވީބާއޭ އޭނައަށް އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ.

''އަޒްޔާން...'' ޒައިނަބަށް ގޮވާލެވުނެވެ. އޭނައަށް އަޒްޔާންގެ ހިމޭންކަމާއި އެމޫނުގެ ކުލަވަރުތަކުން ނުހަނު އުނދަގޫވިއެވެ. ޖަވާބު ލިބޭނެ އިރަކަށް ކެތްތެރިކަން ކުޑަވެފައިވީ ވެސް އެސަބަބާ ހުރެއެވެ.

''މަންމާ، އަހަރެން މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދޭނަންތަ؟...'' ފުންނޭވާއެއް ދޫކޮށްލަމުން އަޒްޔާން ބުނެލިއެވެ. އެޖުމްލަ ދުލުކުރިއަށް ނުގެނެސްވޭތޯ އޭނަ ވަރަށް މަަސައްކަތްކުރިއެވެ. މަންމަގެ ސިއްހީހާލަތު ހުރިގޮތުން އިތުރު އުދާސްކަމެއް ދޭން ބޭނުން ނުވާތީއެވެ. އެހެނަސް އޭނަގެ ހިތުގެ ދޫ ހިމޭނުން އޮންނާކަށް ބޭނުމެއް ނުވިއެވެ.

''ޖަވާބު ދެވޭވަރުގެ ސުވާލެއްނަމަ މަންމަ ޖަވާބުދޭނަން...'' އަޒްޔާނަށް ވަރަށް ވެސް ފުންނަޒަރަކުން ބަލާލި ޒައިނަބު ބުންޏެވެ. އަޒްޔާން ބުނަން އުޅޭ އެއްޗެއް ދުލާ ހަމައަށް ގެންނަން އުނދަގޫވެފައިވާ މިންވަރު އޭނައަށް ރަގަޅަށް ފާހަގަކުރެވުނެވެ. އޭނަގެ ހިތް ކުރިއަށްވުރެ އަވަސްވާންފެށީ ދެނެވެ. އޭނަ މަނާ ކުރުމުން ވެސް ޝީރީން އަޒްޔާނަށް ހަޤީޤަތް ހާމަކުރީ ހެއްޔެވެ؟ ނޫނީ ޖައުފަރުގެ އިތުރު ފިއްތުންތަކެއް ކުރިމަތިވީ ހެއްޔެވެ؟

''ކޮންދުވަހަކުންތަ ބަތޫލްގެ ބައްޕަގެ ވާހަކަ އަހަރެންގާތު ބުނަން ހުރީ؟... އެކަންތައް އަބަދުގެ އަބަދަށް ސިއްރުކުރަންތަ މަންމަ މަސައްކަތްކުރީ؟... އަހަންނަށް ހަޤީޤަތް އެނގުން މުހިންމުކަމަކަށް ނުވީތަ؟...'' އަޒްޔާން ބުނެލިއެވެ. އެއާއެކު ޒައިނަބުގެ މޫނުގެ ޖަޒުބާބުތައް ފަނޑު ހުދުވެގެން ދިޔަ އެވެ. ދެލޯބޮޑުކޮށްލަމުން އޭނައަށް ބަލަން އިނދެވުނީއެވެ. އޭނައަށް ލިބުނު ޝޮކު ފިލައިގެންދާން އެތައް ވަގުތެއް ނެގިއެވެ. ޝީރީން އަޒްޔާނަށް ކިޔާދީފައިވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އުސުވާލާއެކު އޭނައަށް އިތުރު ހާސްކަމެއް ލިބުނެވެ. އެންމެފަހުން އޭނަގެ ބިރު ހަޤީޤަތަކަށް ވަނީ ބާވައެވެ!

''ކި...ކިހިނެއް؟...'' ޒައިނަބަށް ވާހަކަދައްކަން ވެސް އުނދަގޫ ވިއެވެ.

''ބޮޑުދައިތަ ބުނީ...'' ޒައިނަބު ބުނަން އުޅުނީ ކީކޭކަން ދޭހަވުމާއެކު އަޒްޔާން ޖަވާބުދާރީ ވިއެވެ. މަންމައަށް އައި ބަދަލުތަކުން އަޒްޔާންގެ ހިތަށް އިތުރަށް އަސަރުކުރިއެވެ. އުސުވާލު ކުރެވުނު ކަމާމެދު އޭނައަށް އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެކަމުން މަންމައަށް ލިބޭނެ ތަކުލީފުތަކާ މެދު ކުރިން ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟

''އަޒްޔާން، މަންމަ މިބުނާ އެއްޗެއް އަޑުއަހައްޗޭ، އެއީ މާޒީ، އެކަން މަންމަ ހަނދާން ނައްތާލައިފިން، ދަރިފުޅު ވެސް އެކަން ހަނދާންނައްތާލާ.... ބުނަން، މާޒީގަ ކަންވެފަ އޮތް ގޮތުގެ ސަބަބުން ދަރިފުޅު ފަހުން ހިތާމަކުރަންޖެހޭވަރުގެ ކަމެއް ނުކުރައްޗޭ... މަންމަ މިބުނީ ކީކޭކަން ދަރިފުޅަށް އެބަ ވިސްނޭދޯ؟، މިކަމުގެ ތެރެއަށް ބަތޫލް ނުގެންނާތި... ދަރިފުޅު އަޑުއެބައަހަންތަ؟... އެއްޗެކޭ ބުނެބަލަ... ބުނެބަލަ މަންމަގެ މިވާހަކައާ ޤަބޫލޭ... އެކަންތައް ހަނދާން ނައްތާލާނަމޭ...'' ޒައިނަބުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އޭނަ ހަޤީޤަތުގައި ބިރުގެންފައި ހުރީ ޝީރީން އަޒްޔާނަށް މާޒީ ކިޔާދީފައިވާ މިންވަރު ނޭގޭތީއެވެ. އެހުރިހާ ކަމުގެ ހިލަން އަޒްޔާނަށް ވެއްޖެނަމަ ރުޅިވެރިކަމުގެ ތެރޭގައި ކޮށްފާނެކަމަކާ މެދު އޭނަގެ ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބަދަލުހިފުމާއި، ރުޅިވެރިކަމުގެ ރޯޅިއާއި ތޫފާން އަމާޒުވާނީ ބަތޫލްއަށްކަން އެނގޭތީއެވެ. އެކަންތަކުގެ ތެރޭގައި ބަތޫލް ހަނާވާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ކުރިފަދަ ހިތި ތަޖުރިބާއެއް އިތުރު އަންހެންކުއްޖަކު ތަހައްމަލުކުރަން ނޭދޭތީއެވެ.

''ކީއްވެތަ އެކަންތައް މަންމަ ސިއްކުރީ؟... އަހަންނަށް ނޭގި މަންމައަށް ތަކުލީފެއް ދެވިފައިވާނަމަ އަހަންނަށް މަޢާފުކޮށްދީ...'' އަޒްޔާންގެ ޖުމްލައިގައި ފޮރުވިފައިވި މާނަ ޒައިނަބަށް ނަގައިގަނެވުނެވެ.

''ދަރިފުޅާ، ފަހަރެއްގައި ވެސް އެހެންކަންތައް ވެދާނެ ކަމަކަށް މަންމަ ހިޔެއް ނުކުރަން... މިކަމުގައި ބަތޫލްގެ ކުށެއް ނުވޭ، ކުރިކަމެއް ވިއްޔާ ކުރީ ޖައުފަރު...... ދަރިފުޅު ދެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާ، އެނގޭ ބުނާއިރު ވެސް އެހާ ފަސޭހަކަމަކަށް ނުވާނެކަން، އެކަމަކު އެންމެނަށް އޮތް ރަގަޅު ގޮތަކީ އެއީ......'' ޒައިނަބު ބުންޏެވެ. ދެމައިންނަށް އިތުރަށް އެވާހަކަ ކުރިއަށް ގެންދާނެ ފުރުސަތު ނުލިބުނީ މީޝެލް އައުމާއެކުގައެވެ.

*****

މައިދޮރުން އެތެެރެއަށް ވަދެގެން އައި ޝުޖާއު ފެނުމާއެކު ސޯފާގައި ރޯން އިން މާރިޔާއަށް ތެދުވެވުނު ގޮތެއް ވެސް ނޭގެއެވެ. އޭރު އޭނަގެ ގާތުގައި އަނާންގެ އިތުރުން ނޫހު ވެސް އިނެވެ. މާރިޔާ ދުވެލާފައި ގޮސް ޝުޖާއުގެ ގައިގައި ބައްދައިލިއިރު ހީވީ އެތައް ޒަމާނަކަށް ފަހު ދަރިފުޅާ ބައްދަލުވުމުގެ ނަސީބު ލިބުނުހެންނެވެ. މަންމަގެ ހާލަތު ފެނި ވަގުތުން ޝުޖާއުގެ ހަރުހިތް މަޑު ފުށްކޮޅަކަށްވެ ނިމިއްޖެއެވެ. ކުރެވުނު ކަންތަކާ މެދު ވިސްނި އޭނަ ދެރަ ވިއެވެ.

''ދަރިފުޅު ހިތްހަމަނުޖެހޭކަމެއް ދެން ދުވަހަކު މަންމަ ނުކުރާނަން، ދެން ދުވަހަކު ވެސް މަންމަ ދޫކޮށްލާފައި ނުދައްޗޭ......'' މާރިޔާ ރޮމުން ބުންޏެވެ. އޭނަ ހީކުރީ އައިސްފައި ހުރި ރުޅީގައި އޭނަ ދޫކޮށްފައި ޝުޖާއު ދިޔައީކަމަށެވެ. ހިތްބިރުގެންވަފއިވީ ވެސް އެސަބަބާ ހުރެއެވެ.

''ޝުޖާއުއަށް ގުޅީމަ ފޯނަށް ޖަވާބު ނުދެވެންވީ ކީއްވެތަ؟...'' ރުޅިއައިސްފައި ހުރި ނޫހު ބުނެލިއެވެ. އެއާއެކު އެކަމަށް ޝުޖާއު މަޢާފަށް އެދުނެވެ. އަޑުލަން ބޭނުންވިއެއްކަމަކު ކުރެވުނު ކަންތަކާ މެދު ޝުޖާއު ދެރަވެފައިވާ މަންޒަރު ފެނި ނޫހު ދެން ޚިޔާރުކުރީ ހިމޭންކަމެވެ.

'' ދަރިފުޅު ބޭނުންނަމަ މަންމަ ގުޅާފަ ދޮންތައާ ވާހަކަދައްކާނަން...'' ޝުޖާއުއާއެކު އައިސް ސޯފާއާއި އަރާހަމަކުރަމުން މާރިޔާ ވާހަކަދެއްކިއެވެ. ޝުޖާއު އެކަމަށް ތާއީދުކޮށް ވާހަކަ ނުދެއްކުމުން މާރިޔާއަށް ހީކުރެވުނީ އަދިވެސް ޝުޖާއު ހުރީ އޭނަ ދެކެ ހިތްހަމަނުޖެހިފައި ކަމަށެވެ.

''އަދިވެސް މަންމަ ދެކެ ރުޅިއައިސްފަ ދޯ ތިހުރީ؟...'' އަޑަށް މޮޅިވެރިކަން ގެންނަމުން މާރިޔާ އެހިއެވެ. އެއާއެކު ޖަވާބުދިނުމުގެ ގޮތުން ޝުޖާއު ދެފަރާތަށް ބޯހޫރާލިއެވެ. ހުރިހާ މަންޒަރެއް ބަލަން އިން އަނާން ހިތްހަމަނުޖެހުނީ މަންމަ އަދިވެސް ކަންތައް ސިއްރުކުރާތީއެވެ. އޭނައަށް ވަނީ މަންމަ މިއަދު މެންދުރު ފޯނުން ދެއްކި ވާހަކަތައް އަޑުއިވިފައެވެ. އެވަރުގެ ބޮޑުކަމެއް ޝުޖާއުއަށް އެނގެން ޖެހޭއިރު ވެސް ނުބުނުމުން އޭނަ ރުޅިއައެވެ. މަންމަގެ މަޤުސަދަކީ ކޮބާ ބާވައޭ ވެސް އޭނައަށް ޒަމީރާ ސުވާލުކޮށްލެވުނެވެ. އޭނަ ކެތްކޮށްލައިގެން އިނީ ޝުޖާއުއާއި އޭނަ އެކަނިވުމުން އެވާހަކަތައް ބުނަން ހިތުލައިގެންނެވެ.

*****

ކޮޓަރިއަށް ވަދެ ފޯނު ޗާޖަށް ޖަހަން އުޅުނު ޝުޖާއުއަށް ފަސްއެނބުރި ބަލާލެވުނީ އެތެރެއަށް މީހަކު ވަނުމުންނެވެ. ހަށަން ބަނދެލައިގެން ހުރި އަނާން އޭނައަށް ފެނުނީ ދެނެވެ.

''ލެކްޗާރ ދޭންތަ ތިއައީ؟...'' ފަނޑު ހިނިތުންވުމަކާއެކު ޝުޖާއު ސުވާލުކުރިއެވެ.

''އެހެންކަމަށް، އެކަމަކު އެކަންތަށް ފަހަށް ބާއްވާލާފަ މުހިންމު ވާހަކައެއް ބުނެލަން މިއައީ...'' ކުރިއަށް ހިނގައިގަންނަމުން އަނާން ވާހަކަދެއްކިއެވެ. އެއަޑުގައިވި ސީރިޔަސްކަމުން ޝުޖާއުގެ ފުރިހަމަ ސަމާލުކަން އަނާންއަށް ހުއްޓުނެވެ. އަނެއްކާ ކޮންކަމެއް ގޯސްވީބާއޭ އޭނަ ހިތާ ހިތާ ސުވާލުކޮށްލިއެވެ.

''ވަޓް ހެޕެންޑް؟...'' އަނާންއާއި ކުރިމަތިލަމުން ޝުޖާއު އަހާލިއެވެ. އަނާން އޭނައަށް އަޑުއިވުނު ވާހަކަތައް ޝުޖާއުއާ ހިއްސާކުރިއެވެ. އެކަމުން އިތުރު ނުތަނަވަސްކަމެއް ޝުޖާއުއަށް ލިބުނެވެ. ބޮލަށް އަރަގައިގެން ދިޔަ ބާރާއެކު ބޮލުގައި ވެސް ރިއްސާލިއެވެ. ހާސްކަމުގެ ލިސާންތަކުން މުޅި މީހާ ނުތަނަވަސް ކުރުވުމަށްފަހުގައެވެ. އޭނައަށް މޫނުގައި އަވަސްއަވަހަށް އަތް ހިންގާލެވުނެވެ. އޭރު އޭނަ ހުރީ ރުޅިއަށްވުރެ ބޮޑަށް ހިތް ނުތަނަވަސްވެފައެވެ. ހުރިހާ ކަމެއް ބޮއްސުން ލައިގެން މިދަނީ ކީއްވެ ހެއްޔެވެ؟ ޔަޤީނެވެ. އޭނަދެކެ މިހާރު ބަތޫލް ހުންނާނީ ރުޅިއައިސްފައެވެ.

''ޝުޖާ...'' ޝުޖާއުގެ އާދަޔާ ޚިލާފު ހިމޭންކަމުން އަނާންއަށް އުނދަގޫވިއެވެ. ކޮޓަރީގެ ދެކޮޅަށް ހިނގަންފެށި ޝުޖާއުގެ ހަރަކާތްތަކަށް ބަލަން އަނާންއަށް ހުރެވުނެވެ. އޭނަ ވެސް ހުރީ ކޮއްކޮއަށް އެހީގެ އަތެއް ފޯރުކޮށްދޭނެ ގޮތަކާމެދު ވިސްނާލަން ނޭގިފައެވެ. މިވަގުތު އޭނަގެ ލަފާ ޝުޖާއުއަށް ބޭނުންވާނެކަން އެނގޭ އިރު ވެސް މެއެވެ.

''ދެން ކިހިނެއްތަ ހަދާނީ؟... މީ އަހަަރެން ދެކެން ބޭނުންވި ދުވަހެއް ނޫން...'' ފިޔަވަޅުތަކަށް ހުއްޓުމެއް ގެންނަމުން އަނާން ހުރި ދިމާއަށް އެނބުރިލުމަށްފަހު ޝުޖާއު އެހި އެވެ.

*****

ފެންވަރާލައިގެން ނިކުތް ބަތޫލް އަވަސްވެގަތީ އިޝާނަމާދު ކުރުމަށެވެ. އޭރު އޭނަގެ ދެލޮލުން ކަރުނަ ވަނީ ހިކިފައެވެ. ނަމަވެސް ލޮލުގައި ފުން ރަތްކަމެއްގެ އަސަރު ވިއިރު ލޮލުގެ ބޭރުފަށަލަ ވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. އެދޮން މޫނުގެ ވިދުން ވެސް ވަނީ ފަނޑުވެފައެވެ.

ނަމާދުކޮށް ނިމުމުން ބަތޫލްގެ ދިލަ ހިތުގައި ރޫޚާނީ ފިނިކަން އެކުލެވިގެންވި ރޯޅިތަކެއް ބީހިލިކަމުގެ އިހުސާސްކުރެވުނެވެ. އޭނަ ނަމާދުކޮށް ނިންމާލުމަށްފަހު މާތް ރަސްކަލާނގެ ހަޒުރަތުގައި ދުޢާ ދެންނެވިއެވެ. އޭނައަށް ކުރިމަތިވެފައިވާ ހިތާމަޔާއި މާޔޫސްކަމުން މިންޖުކޮށްދެއްވުމަށް އެދިއެވެ. އޭނަގެ ދިރިއުޅުން ބާއްޖަވެރިކޮށްދެއްވުމަށް އެދިއެވެ. އޭނަގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ގުޅިފައިވާ ބައިވެރިޔާ އެހިތަށް މިންވަރުކުރެއްވުމަށް އެދިއެވެ.

ނަމާދަަށް ފަހު މުސައްލަ އޮޅާލުމަށްފަހު ރީތިވާމޭޒު މަތީ ބާއްވަމުން ގޮސް ބަތޫލް އުއްޑުން އެނދަށް ވެއްޓިގަތެވެ. އޭރު ހައިހޫނުކަމުގެ ސަބަބުން ގޮހުރުން އަޑުއަޑުވެސް އިވެއެވެ. އެއަޑުތަކާއެކު އޭނައަށް ބަނޑުގައި ފިރުމާލެވުނެވެ. ފެން ނުލިބުމުގެ ސަބަބުން އޭނަގެ ތުންފަތް ވަނީ ހިކި ކަރުތެރެ ވެސް ވަނީ ކުރަކިވެފައެވެ. ނަމަވެސް އޭނަ އޮތީ ކޮޓަރިން ނުނިކުންނަން ހުވާކޮށްގެންނެވެ. އެއްވެސް މީހަކާއި ކުރިމަތިލާކަށް އޭނަ ބޭނުމެއް ނުވެއެވެ. ތަފާތު ޚިޔާލުތަކުގެ ތެރޭގައި ބަނދެވެމުން އައި ބަތޫލްގެ ދެލޯ އަނެއްކާ ވެސް ކަރުނުން ފުރިގެންއައީ އަޒްޔާންގެ ހަނދާންތައް އާލާވާން ފެށުމުންނެވެ. އޭނަ ހުރީ އެސޫރަ ދެކިލާ ހިތްވެފައެވެ. އެހިތްގައިމު އަޑު އަހާލާ ހިތްވެފައެވެ. ފޯނުމަތިން ބަތޫލް ހަނދާން ވީވެސް އެދަނޑިވަޅުގައެވެ. އަވަސްއަވަހަށް އެނދުން ތެދުވެ އޭނަ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނަގެ އަތްދަބަސް ކާމޭޒުމަތީ ބާއްވާފައި އައި ހަނދާން ވިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އޭނަ ކޮޓަރިން ނިކުންނަން ދިޔައީ ހުރިހާ ކަމަކަށްވުރެން ވެސް އަޒްޔާންގެ އަޑު އަހަލާ އޭނަގެ ހާލު އަންގަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އެހުރިހާ ކަމަކުން އޭނަ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރާށާ އެކުވެސް މެއެވެ.

ކޮަޓަރިން ނިކުތް ބަތޫލް ބޭރަށް އަޅަން އުޅުނު ފިޔަވަޅު ގަނޑުވެގެން ދިޔައީ ބޮޑުކޮޓަރީގައި ހިންދުއާއި ވާހަކަދައްކަން ހުރި ޝުޖާއު ފެނިފައެވެ. ވީފޫއްސެއްގެ ބޮޑުކަމުން އޭނަ އަތުކޮޅަށް ދޮރުލައްޕާލިއެވެ. އެހުރިހާ ކަމަކަށް ސަމާލުކަން ދީގެން ހުރި ޝުޖާއު ކުރިއަށް ހިނގައިގަތެވެ.

*****

''ކީއްކުރަން ތިއައީ؟...'' ރުޅިމޫނު ހަދައިގެން ހުރި ބަތޫލް ދޮރު ހުޅުވުނު އަޑާއެކު ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. ބަތޫލްގެ ހަރުކަށިކަން ފެނި ހިތަށް އުނދަގޫވިކަމުގައި ވިޔަސް ޝުޖާއު އެކަން ފާޅުކުރުމެއް ނެތި އެތެރެއަށް ވަނެވެ.

''އަހަރެން ބޭނުމެއް ނޫން ޝުޖާއުއާ ވާހަކަދައްކަން، މިތަނުން ނުކުމޭ!... މަށަށް ރަގަޅީ ދެން ޝުޖާއު ދުވަހަކު ވެސް ނުފެނުނިއްޔާ... އަހަރެން ދުވަހަކު ހިޔެއް ނުކުރަން ޝުޖާއު ވެސް އެހުރިހާ ކަމެއްގައި ބައިވެރިވެދާނެކަމަކަށް... އަހަރެން ހާދަ ވަރަކަށް ޝުޖާއުއަށް އިތުބާރުކުރީމޭ، އެކަމަކު އެހުރިހާ ކަމެއްގެ ނާޖާއިޒް ފައިދާ ނެގީ، ހީކުރީތަ އަހަންނާ ޒޭން ދުރުކުރެވުމަށްފަހު ޝުޖާއު ބޭނުންހާކަމެއް ހާސިލުވާނެޔޭ؟، އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް، ދުވަހަކު އަހަރެންގެ މިހިތެއް ބަދަލެއް ނުވާނެ... ދުނިޔޭގައިވާހާ ދުވަހަކު އަހަރެންގެ ހިތް އެދި ހޯދާނީ ހަަމައެކަނި ޒޭން... ގަދަ މަޖުބޫރުން ލޯބި ހާސިލުކުރެވޭކަމަށްތަ ޝުޖާއު ހީކުރީ؟... އެއީތަ ލޯބިވާ ގޮތް ހާމަކުރާ ގޮތަކީ؟...'' ބަތޫލް ރުޅިއައިކަމުގައި ވިޔަސް އެންމެފަހުން އޭނައަށް ރޮވުނެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލަމުން އޭނަ ޝުޖާއުއަށް ފުރަގަސް ދިނެވެ.

ބަތޫލްގެ ޖުމްލައިން ޔަޤީނުން ވެސް ޝުޖާއުއަށް ޝޮކެއް ލިބުނެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތަށް ކުރި ފުން އަސަރުތަކުގެ ދާސްތާ ދިގުލައިގެން ދިޔައެވެ. ލޯބިވާ އިންސާނަކު އަނެކަކު ދެކެ ލޯބިވާކަމަށް އިޤުރާރުވުމުން ހިތަށް ލިބޭނެ ފުން އަނިޔާތައް އެކަން ތަޖުރިބާކޮށްފައިވާ މީހަކަށް މެނުވީ އިހުސާސްނުކުރެވޭނެއެވެ. އެވަގުތު އަސަރުތަކުން ފުރިގެންވި އާހެއް ޝުޖާއުގެ ހިތުގެ އަޑިން ބޭރުވިއެވެ.

''ބަތޫލް...'' ޝުޖާއު ގޮވާލިއެވެ.

''އަޑެއްނީވޭތަ؟، މިތަނުން ނިކުންނާށޭ... އަހަރެން ޝުޖާއު ދެކެ ނަފުރަތުކުރަން، އަޑު އިވިއްޖެތަ؟...'' ބަތޫލްގެ ކޮންމެ ލަފުޒެއް ވިހައިގެ އަސަރުއެކުލެވިފައިވި ތީރުތަކެއް ފަދައިން އައިސް ޝުޖާއުގެ މެޔަށް ހެރުނެވެ. އެވިހައިގެ އަސަރު ވެސް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ ނާރުތަކުގެ ތެރެއަށް ދައުރުވެ ނިމިއްޖެއެވެ.

''ޝުޖާއު ހީކުރީތަ މަންމެންގެ ރޭވުމުގައި ބައިވެރިވެ އަހަންނާ ޒޭން ވަކިކުރުވިކަން މުޅި އުމުރުދުވަހު ސިއްރުކުރެވޭނެކަމަށް؟...'' ބަތޫލް ބުނެލިއެވެ. އޭނަގެ އަޑު ނިކުތީ ރުއިމުގެ ތެރޭންނެވެ.

ބަތޫލް މާނަ ކުރަން އުޅުނު އެއްޗެއް ޝުޖާއުއަށް ވިސްނައެއް ނުގަނެވުނެވެ. ބަތޫލް އެދައްކަނީ އޭނަ ކޮންކަމެއްގައި ބައިވެރިވި ވާހަކައެއް ހެއްޔެވެ؟

''ބަތޫލް ކީކޭތަ ތިކިޔަނީ؟...'' ހައިރާންވި ޝުޖާއު އެހިއެވެ. އެކަންތަކަށްވުރެ ބޮޑަށް ބަތޫލް ރޯތީ އޭނަގެ ހުރީ ކަންބޮޑުވެ ދެރަވެފައެވެ. ބަތޫލް އޭނައަށް އަމާޒުކުރަމުން އައި ވިހަގަދަ ޖުމްލަތަކަށް ވިސްނާލުމެއް ނެތި އޭނަ ބޭނުންވީ ބަތޫލްގެ ހިތާމަތަކަށް ލުޔެއް ހޯދަށޭށެވެ. ކޮންމެ ފަދަ ހާލަތަަށް ދާން ޖެހުނު ކަމުގައި ވިޔަސް ހިތުން ރުހުމުން އޭނަ އެކަމެއް ކޮށްދޭނެއެވެ. އަމިއްލަ އުފާތަކަށްވުރެ އޭނައަށް މުހިންމީ ބަތޫލްގެ އުފާތައް ކަމުގައި ވީތީއެވެ.

''އަދިވެސް ނޭގޭ ކަމަށްތަ ތިހެދެނީ؟...'' ބަތޫލް ރުންކުރުރާގަކަށް ބުނެލިއެވެ.

''އަހަރެން ބުނީތީ ޤަބޫލުކޮށްބަލަ، އަހަންނަކަށް ނޭގޭޔޭ ބަތޫލް ތިކިޔާ އެއްޗެއް... ޕްލީޒް...'' ބަތޫލްއާއި އަރާހަމަކޮށްލި ޝުޖާއު ވާހަކަދެއްކީ އާދޭހުގެ ރާގަކަށެވެ. އޭނައަށް އިތުބާރުކުރުމަށް އެދޭ ހާލުގައެވެ.

''ކިހިނެއް ވެދިޔަ ކަންތަކަށްފަހު އަހަރެން ޝުޖާއުއަށް އިތުބާރުކުރާނީ؟...'' ބަތޫލްގެ އަޑު ދިޔައީ ކުރެހިގެންނެވެ. އޭނަ ޝުޖާއުއާއި ކުރިމަތިލަމުން ހިތުގެ އުދާސްތަކާއި ޝަކުވާތައް ބޭރުކުރިއެވެ. އެހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަމުން ދިޔަ ޝުޖާއު ހުރީ ހައިރާންވެފައެވެ. ހަޤީޤަތް ހާމަވަމުން ދިޔަ ވަރަކަށް އަޒްޔާނާ މެދު ކަންތައް ކުރެވުނު ގޮތާ މެދު އޭނަ ދެރަ ވިއެވެ. ޒަމާންވީ އެކުވެރިޔާއަށް އިތުބާރުކުރެވުނުނަމައޭ ހިތަށް އެރިއެވެ. އޭނައަށް ވެސް އޭރު ވަނީ ފުން އަސަރުތަކެއްކޮށްފައެވެ. ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟

''ބަތޫ، ޕްލީޒް އަހަަންނަށް އިތުބާރުކުރޭ، އަހަންނަށް ތިއިން އެއްވެސްކަމެއް ނޭގެޔޭ، އެނގުނުނަމަ އަހަރެން އެހެން ކަންތައް ވިޔަކަ ނުދިނީމުސް، އަހަރެން އަބަދު ވެސް ބަތޫގެ އުފަލަށް އިސްކަންދޭނަން، އެކަން ހަނދާނުގައި ބަހައްޓައްޗޭ...'' އަސަރުން ފުރިގެންވި ރާގަކަށް ޝުޖާއު ބުންޏެވެ. ބަތޫލްއަށް ޝުޖާއުއަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެރީތި ދެލޮލުގައިވި ހިތާމައާއި މޮޅިވެރިކަމުން އެހިތަށް އަސަރުކުރުވިއެވެ. އޭގެ އިތުރުން އެމޫނުގައިވި ހިތާމައެވެ. ހިތަށް އެރި ތަދާއެކު ބަތޫލްއަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ. ފަހަރެއްގައި ވެސް ޝުޖާއުއަށް އިތުބާރު ނުކުރާނަމޭ ބުނުމުގެ ނިޔަތުގައެއް ނޫނެވެ.

''އަހަރެންގެ ސަބަބުން ބަތޫއަށް ހިތްދަތިކަމެއް ލިބިފައިވާނަމަ އެކަމަށް މަޢާފަށް އެދެން... އަހަރެން މިހުރިހާ ކަމެއް ހައްލުކޮށްދޭނަން...'' ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތައް ޝުޖާއު ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ބަތޫލްގެ އަތުގައި ހިފެހެއްޓީ ނުގުޑާނެ ފަދަ އަޒުމެއްގައި ހުރެއެވެ. އޭނަގެ ހިތަށް ބަޔާންކުރަން ދަތި ޝަޒާ ލިބުނުކަމުގައި ވިޔަސް ދެން އިތުރަށް ބަތޫލްގެ ލޮލުން ކަރުނަ ފައިބާ މަންޒަރު ބަލަން އޭނައަށް ކެތެއް ނުކުރެވޭނެއެވެ. އެލޯތްބަށްޓަކައި ޤުރުބާންވާންޖެހުނަސް އޭނައަށް ހެވެވެ. އެއީ އެހިތުގެ އުފާ ކަމުގައި ދެކިގެންނެވެ.

(ނުނިމޭ)

comment ކޮމެންޓް