ރިސޯޓް ހެދުން ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރަނީ

ރާއްޖޭގެ ރަށްތަކެއް: ރިސޯޓް ހެދުން ފިޔަވައި އެހެނިހެން އިގްތިޞާދީ މަސައްކަތަކަށް ފަޅުރަށްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ޓޫރިސްޓު ރިސޯޓްތައް ހެދުން ފިޔަވައި އެހެނިހެން އިގްތިޞާދީ މަސައްކަތްތައް ކުރުމަށް ކްލޯޒް ބިޑްގެ ދަށުން ފަޅުރަށް ދޫކުރަން ސަރުކާރުން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ގެޒެޓްގައި އާންމުކުރި އިއުލާނެއްގައި ބުނީ، ރަށްތައް ދޫކުރަން ނިންމީ "ފަޅުރަށްރަށާބެހޭ ގަވާއިދު"ގެ ފަސްވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެގޮތުން ފަޅުރަށްރަށާ ބެހޭ ގަވާއިދުގެ ދަށުން ފަޅުރަށްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ރިސޯޓް ހެދުން ފިޔަވައި އެހެނިހެން އިގްތިޞާދީ މަސައްކަތްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ އިރު، މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ސަރުކާރުން ވަނީ ފަޅުރަށްރަށާބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓުނާޝިޕަކަށް ނުވަތަ ޖަމިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް އަދި ކައުންސިލަކަށް ވެސް ވަރުވާއަށް ފަޅުރަށްތައް ބޭނުންކުރެވިދާނެ ކަމަށެވެ. ވަރުވާއަށް ފަޅު ރަށެއް ހިފޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކުރިން އެ ގަވާއިދުގައި ބުނެފައި ވަނީ ވަރުވާއަށް ރަށެއް ބޭނުން ކުރެވޭނީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޖަމިއްޔާތަކަށް އެކަނި ކަމަށެވެ. އަދި ވަރުވާއަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަވެގެން ދިހަ އަހަރަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ފަޅުރަށްތަކާ ބެހޭ ގަވާއިދުގައި ބުނަނީ ފަޅުރަށެއް ކުއްޔަށް ހިފާއިރު އެ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި އާންމުކޮށް ނެތް ބާވަތެއް ނުވަތަ ޓެކްނޮލޮޖީއެއް ރާއްޖޭގައި އާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ހުށަހަޅާ މަސައްކަތުގެ ފުރަތަމަ ފަސް އަހަރު ދުވަހުގެ އިންވެސްޓްމަންޓަކީ 10 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެ 17 އަހަރު ކުރިން ހަދާފައިވާ ފަޅުރަށްތަކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހަދާފައިވާ ގަވާއިދުގައި ބުނެފައި ވަނީ ފަޅުރަށެއް ކުއްޔަށް ހިފާ ފަރާތުން އެ ރަށެއްގައި ހާއްސަކޮށް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް