ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނިހާނު، ނައިބަކަށް އާމިރު

މެންބަރު އާމިރު އަދި ނިހާން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މުގައްރިރަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އަދި ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އައްޔަންކޮށްފި އެވެ.

އެ މަގާމަށް ނިހާނު އައްޔަންކޮށްފައި ވަނީ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމެޓީ ގުޅިގެން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނިހާނަށް މުގައްރިރުކަން އަދި އާމިރަށް ނައިބު މުގައްރިރުކަން ދިނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އެ ބައްދަލުވުމުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓް ދިރާސާކުރަނީ މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމިޓީ ގުޅިގެންނެވެ. ސަރުކާރުން މި އަހަރަށް ހުށަހެޅި ބަޖެޓްވެސް ދިރާސާކުރެއްވި ކޮމެޓީގެ މުގައްރިރުކަން ކުރައްވާފައި ވަނީ ނިހާނެވެ. ނައިބު މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓް ދިރާސާކުރަނީ މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމިޓީ ގުޅިގެންނެވެ.

މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު
  • ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ
  • ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު
  • މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް
  • ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު
  • ހަނިމާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން ޝަހުދީ
  • ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ
  • ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު
  • ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
  • މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު
  • ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް
  • ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު

އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް
  • ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ފަޒާދު
  • މަޑަވެލީ ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު
  • ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ
  • ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް
  • ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް
  • ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ
  • މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް
  • ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒ
  • ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައިވެ އެވެ. އޭގެތެރެއިން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ.

comment ކޮމެންޓް