ޕީޕީއެމް ކައުންސިލުން ދުންޔާ އާއި ޔުމްނާ ވަކިކޮށްފިން: ސުލޫކީ ކޮމެޓީ

ދުންޔާ އަދި ޔުމްނާ: ޕީޕީއެމް ކައުންސިލުން އެ ދެ ބޭފުޅުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބުނޭ-- ސަން ފޮޓޯ

ޚިޔާލު ތަފާތުވެ، ދެބައިވެފައިވާ ޕީޕީއެމްގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ، އެޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްހެ ދެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި، އެޕާޓީގެ ކައުންސިލްގައި ހިމެނޭ އިތުރު ތިން މެމްބަރަކު އެޕާޓީގެ ކައުންސިލުން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ނިންމައިފިއެވެ.

ޕީޕީއެމްގައި ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނަކާއި އެޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނެއް އުފެދިފައިވާ އިރު، ދެ ފެކްޝަނުގެ ވެސް ދެ ކައުންސިލެއް އޮވެއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އުސޫލްތަކާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ، ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ކައުންސިލުން ވަނީ، ސުލޫކީ ކޮމިޓީ ސަސްޕެންޑު ކޮށްފައެވެ. ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަކީ ރައީސް ޔާމީނުގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ.

އެ ކޮމިޓީއިން މިއަދު ބައްދަލުވުމެއް ބާއްވައި، ރައީސް މައުމޫންގެ ފެކްޝަނުގެ ކައުންސިލްގައި ހިމެނޭ ފަސް މެމްބަރަކު ވަކި ކުރުމަށް ނިންމާފައިވެއެވެ.

އެ ފަސް މެމްބަރުންނަކީ ދުންޔާ މައުމޫން، ޔުމްނާ މައުމޫން، އައިމިނަތު އާތިފާ ޝުކޫރު، އަނީސާ އަހްމަދު އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ސޮއިކުރައްވައި، އެ ފަސް ބޭފުޅުންނަށް ވަކިވަކިން ފޮނުވާފައިވާ ސިޓީތަކުގައި ބުނެފައިވާ ގޮތުން، އެބޭފުޅުން ޕާޓީގެ ކައުންސިލުން ވަކިކުރުމަށް ނިންމީ:

  • ޕާޓީގައި ބައިބައިވުން އުފެދޭގޮތަށް މަސައްކަތްކޮށް، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިދިކޮޅު ހަދައި، އެއްބާރުލުން ނުދޭތީ.
  • ޕާޓީ ހިންގުން ޝަރުއީ ގޮތުން ހަވާލުކޮށްފައިވާ ފަރާތަށް (ޕާޓީގެ މުސްތަޝާރަށް) ދަތިވާ އަމަލުތަކެއް ހިންގާތީ.
  • ޕާޓީގެ (ރައީސް ޔާމީންގެ ފެކްޝަންގެ) ކައުންސިލް ބައްދަލުވުންތަކަށް ހާޒިރު ނުވާތީ.
  • އެ ކައުންސިލަށް އެނގުމެއް ނެތި ޕާޓީގެ ނަމުގައި ހިންގާ ހަރަކާތްތަކެއްގައި ބައިވެރިވާތީ.
  • ޕާޓީ ވަކިގޮތަކަށް ހިންގުމަށް ޝަރުއީ ކޯޓަކުން ހުކުމް ކޮށް، އެ ހުކުމަށް ޝަރުއީ މަރުހަލާތަކުން ތާއީދުކޮށްފައިވާ އިރުވެސް އެ ހުކުމާ ޚިލާފަށް ކަންކަން ކުރައްވާތީ.

މީގެ އިތުރުން، ދުންޔާ މައުމޫނަށް ޕާޓީގެ ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމުގައި ހުންނަވައި، ޕާޓީގެ މުހިންމު ބޮޑެތި ހަރަކާތްތަކުގައި އަންހެނުންގެ ހަރަކާތުގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

ޔުމްނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޔުމްނާ ގެންދަވަނީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ޕާޓީއާއި ސަރުކާރު ބަދުނާމުވާ ފަދަ ވާހަކަތައް ޓްވިޓާގައި ދައްކަވަމުން ކަމަށާއި، ޕާޓީ ބައިބައިވާ ފަދަ ވާހަކަތައް މީޑިއާގައި ދައްކަވަމުން ކަމަށެވެ. އަދި ޔުމްނާ ގެންދަވަނީ ޕާޓީގެ މުސްތަޝާރާ ބެހޭގޮތުން ދޮގު ވާހަކަދައްކައި، މުސްތަޝާރުގެ އަގު ވެއްޓުމަށް ވާހަކަ ދައްކައި، އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަމުން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

comment ކޮމެންޓް