Sun Online
ބެން ހޫޕަރ އެޓްލާންޓިކް ކަނޑުގައި ފަތަނީ
ބެން ހޫޕަރ އެޓްލާންޓިކް ކަނޑުގައި ފަތަނީ

އިނގިރޭސި ރައްޔިތަކު، ފަތާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމުގެ ދަތުރެއް ފަށައިފި

މުހައްމަދު ޖަވާދު ޔޫސުފު
ލިޔުނީމުހައްމަދު ޖަވާދު ޔޫސުފު

ޑަކާރު (ނޮވެމްބަރު 8): ދުނިޔޭގެ އެންމެ ބޮޑު އެއް ކަނޑު ކަމަށްވާ އެޓްލާންޓިކް ކަނޑުގައި ފަތައިގެން އެ ކަނޑު ހުރަސްކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ފެތުންތެރިއަކު ފަށައިފިއެވެ.

އުމުރުން 38 އަހަރުގެ ބެންހޫޕަރ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ބްރަޒީލްގެ އުތުރުގެ ގޮނޑުދޮށަށް ދިޔުމުގެ ދަތުރުފެށީ އެފްރިކާގެ ހުޅަނގުގެ ގައުމެއް ކަމަށްވާ ސެނެގޯލްގެ ގޮނޑުދޮށުންނެވެ. މި ދަތުރުގައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމަށްޓަކައި ފަތާފައި ތިންހާސް ކިލޯމީޓަރު ކަޑައްތުކުރަން އޭނާއަށް ޖެހޭނެއެވެ. ފަތާފައި ބެންހޫޕަރ ކުރާ މި ދަތުރުގައި އޭނާއަށް އެހީތެރިވަނީ 10 ފަޅުވެރިން ހިމެނޭ ބޯޓެކެވެ.

އެޓްލާންޓިކް ކަނޑު

އެބޯޓުގައި ބެން ހޫޕަރ އަށާއި އޭނާގެ ދަތުރަށް އެހީތެރިވާ 10 މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީތަކެތި ހުންނާނެއެވެ. ފަތާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރެވޭނެ ކަމަށް ހޫޕަރ ލަފާކޮށްފައިވަނީ ފަސް މަސްދުވަހުގެ ތެރޭގައެވެ. އޭނާ ފަސް މަސްވަންދެން ދުވާލެއްގެ މައްޗަށް 8 ގަޑީއިރާއި 10 ގަޑީއިރު އެޓްލާންޓިކް ކަނޑުގައި ފަތާނެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ފެތުމަށް ހޫޕަރ ކަނޑައަޅާފައިވަނީ 20 ކިލޯމީޓަރެވެ.

ދަތުރު ފެށުމުގެ ކުރިން ދިން ބަޔާނެއްގައި ހޫޕަރ ބުނީ ކަނޑުމަތިން ދިމާވެދާނެ ކަމަށްބެލެވޭ މިޔަރެއް ފަދަ އެއްޗެއްދެކެ އޭނާ ކުޑަކޮށްވެސް ބިރުނުގަންނަ ކަމަށާއި ބިރުގަންނަނީ އެކަނޑު ހުރަސްކުރާއިރު ކުރިމަތިވެދާނެ ތޫފާންތަކެއްގެ ސަބަބުން އޭނާވެސް އަދި އޭނާއަށް އެހީތެރިވާ ބޯޓުވެސް ޣަރަގުވެދާނެތީ ކަމުގައެވެ. ޚާއްސަކޮށް ތޫފާންގެ ވަގުތުގައި ގުގުރީގެ ހޮނުއެޅުންފަދަ ގުދްރަތީ ކާރިސާއަކާ ދިމާވެދާނެކަމުގެ ބިރު ބޮޑުކަމަށްވެސް ހޫޕަރ ބުންޏެވެ.

ހޫޕަރ ފަތާފައި އެޓްލާންޓިކް ކަނޑުގައި ކުރާ ދަތުރު ކަވަރ ކުރާނީ "ސުވިމް ދަ ބިގް ބުލޫ" ސައިޓުންނެވެ. އެސައިޓުން ހޫޕަރގެ ދަތުރުގެ ވީޑިޔޯ ފެންނާނެއެވެ. މިއީ ފަތާފައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމަށް އިންސާނަކު ނުކުންނަ ފުރަތަމަ ފަހަރެވެ.

މިދަތުރަށް ތައްޔާރުވުމުގެ ތަމްރީންތައް ހޫޕަރ ހަދަމުންގެންދާތާ ތިންއަހަރުވެއްޖެއެވެ. ތިންއަހަރުގެ ތަމްރީނަށްފަހު ބެންހޫޕަރ ދަތުރަށް މިނުކުތީ މިފަދަ ދަތުރަކަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއެކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

ބެން ހޫޕަރ އަކީ އިނގިރޭސި ފުލުހުންގެ ތެރޭގައި ކުރިން މަސައްކަތްކުރި މީހެކެވެ. (ބީބީސީ)

infinity loading...
×
DB released 01.