މަތީ ދަރަޖަ ހޯދި 20 ބޭފުޅަކަށް މި އަހަރު އިނާމް

މަތީ ދަރަޖަ ހޯދި ބޭފުޅަކަށް ރައީސް އިނާމު ދެއްވަނީ -- ފައިލް ފޮޓޯ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު 20 ބޭފުޅަކަށް ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފި އެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ ދެ ބޭފުޅުން ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 15 ބޭފުޅުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ އެންމެ ބޭފުޅަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ޙާޞިލު ކުރައްވަނީ ދެ ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް އެ ޖަލްސާގައި ދެއްވާނެ އެވެ. އެގޮތުން މެޑެލް ދެއްވަނީ، ކީރިތި ގްރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވި ހަ ބޭފުޅަކަށާއި، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި މި އަހަރު ބޭއްވި މަތީޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ޙާޞިލުކުރި ދަރިވަރުންނަށެވެ.

comment ކޮމެންޓް