މައިކަލް ނުކުތުމާއިއެކު ގައިގާ ބެޑްސީޓު އޮޅާލައިގެންގޮސް އޭނަ ދޮރު ތަޅުލައިގެން ފެންވަރަންވަނެވެ. ހޫނުފެނުން ފެންވަރާނިމުނުއިރުވެސް ހީކަރުވައިގަނެގެން ރޫރޫއަޅަން ފަށައިފިއެވެ. ސްވެޓަރު ހެދުމެއްލައިގެން ތަންކޮޅެއް ބޯ ޝޯލެއް އަޅާފައި ޖެކެޓްލިޔަސް ފިނިކަން ކެނޑޭގޮތެއް ނުވިއެވެ. ނުވީތާކަށް އޭނަ ކިބިހި އަޅާ ނޭފަތުން ފައިބަންފެށިއެވެ. ބަލިވެސްވީއެވެ. ގޭގައި އެކަނި އިނުމަށްވުރެ ބޭރަށް ނުކުމެލިޔަސް އެކަނިފިލާނެއެވެ ސިޓިންރޫމަށް ނުކުމެފައި ހެނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ކަންތައް ވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. ސިޓިންރޫމްގައި ޒޯހަން އިނެވެ. އޭނަ ކޮފީ ބޯން އިނދެފާ ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ.

"ތައްޔާރުވެލައިގެން ތާކަށް ދަނީތަ؟ މައިކަލް ބުނި ހެނާގެ ބޭބީސިޓާއަކަށް ވެދޭށޯ އޭނަ އަންނަންދެން........" ޒޯހަންގެ ޖުމްލަ އިވުމުން މައިކަލް ބޭރަށް ދިޔައީ އެކަނިކަން އެނގުނެވެ. އެކަމަކު މިދެމީހުން އޭނައާއި ދޭތެރޭގައި ދެކެނީ އަމިއްލައަށް އުޅެން ނޭގޭވަރުގެ ކުޑަކުއްޖެއްގެ ގޮތުގައިކަން އެނގުމުން ވަރަށް ދެރަވިއެވެ.

"އަހަންނަކީ ބޭބީއެއްނޫނޭ...." ހެނާ ދާން އެނބުރިލިއެވެ.

"ތިވާހަކަ މައިކަލް ކައިރީ ބުނަން ޖެހޭނީ. އަހަންނަށްވުރެ ބޮޑަށް ހެނާގެ ކަންތައް އެނގޭނީވެސް ފިރިމީހާއަށް ތާ. ކޮފީއެއް ބޯނަންތަ؟ "ޒޯހަން ސުވާލުކޮށްލިއެވެ.

"ނޯ ތޭންކްސް..." ހެނާ ބާރުބާރަށްގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިލިއިރު ހިތްތެޅޭ އަޑު އެހިމޭންކަމުގެ ތެރެއިން އޭނައަށް އިވުނެވެ. ޒޯހަން ފެނުމުން އޭނައަށްވަނީ ކޮންފަދަ ގޮތްތަކެއް ހެއްޔެވެ؟ ވާހަކަތަކުގައި ބުނާފަދަ އިހުސާސްތަކެވެ. ދެހިތުގެ ކޮންމެވެސް ކަހަލަ ގުޅުމެއްނުވާނަމަ މިފަދަ ކަމެއްވާން ޖެހެނީ ކީއްވެކަމެއްވެސް ނޭގެއެވެ. މައިކަލްދެކެ ލޯބިވެވުނުނަމަ ހިތާމަކުރާކަށް ނުޖެހުނީހެވެ. ނަމަވެސް ނަސީބުދެރަކަމުން ލޯބިވެވުނީ ހިލޭމީހެއްދެކެއެވެ. އޭނަ ޖެހޭނީ ކޮންމެގޮތެއް ހަދާފައިވެސް ޒޯހަން ހިތުން ނެރެ އެއްލާލާށެވެ.

ހަވީރު މައިކަލްއާއިއެކު ބާޒާރުކުރަން ދާންޖެހުނެވެ. މައިކަލް އޭނައަށް މޭކަޕްކުރާ ސާމާނު ގަނެދިނެވެ. މޭބެލިން ލިޕްސްޓިކްފަދަ އެއްޗެހި ގަނެދިނުމުގެ އިތުރުން އަމީރާ ލާކަހަލަ ނިވާކަންކުޑަ ނިދާހެދުންފަދަ އެއްޗެހިވެސް ގަނެދިނެވެ. އަންހެންކުދިން މާ ކުޑައިރު މުސްކުޅިއެއްހެން އުޅެންޏާ ފިރިމީހާގެ ހިތްވެސް އެހެން ފަރާތަކަށް ގޮސްދާނެކަމަށާއި އެކަހަލަ ދުވަހެއް ނާންނާނީ ފިރިމީހާއަށްޓަކާ ޒީނަތްތެރިވެގެން ހުރުމުން ކަމުގައި ބުނެލިއެވެ. ކޮތަޅުތައް ހިފައިގެން މަގަށް ނުކުތްއިރު އޮޓޯގެ ކިޔޫއެއް އޮތެވެ. މައިކަލްއާއިއެކު އޮޓޯއަށް އަރާފައިވެސް ހެނާ އިނީ މަންމަނެއް ފަދައިންނެވެ. މައިކަލްވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. އެވަގުތުވެސް މައިކަލްގެ ބަދަލުގައި ޒޯހަން މިވަގުތު އޭނައާއިއެކުގައި އިންނާނެނަމައޭ ހިތަށް އެރިއެވެ. ގެއާއި ކައިރިތަނަކުން މައިކަލް މޭވާގެ އިތުރުން ފިހުނު ކުކުޅާއި ނާން ވެސް ގަތެވެ. ގެއަށް އައިއިރު ޒޯހަން އިނީ އިންތިޒާރުގައެވެ. ދެމީހުން ގެއްލިގެން ފުލުހުންނަށް ގުޅަން އުޅެނިކޮށް އައީ ކަމުގައި ބުނެލީ ސަމާސާގޮތަކަށެވެ. މައިކަލް ޒޯހަންގެ ގައިގާ ކުޑަކޮށް ބައްދާވެސްލިއެވެ. އެދެމީހުންގެ އޮންނަ ގާތްކަމާއި އެކުވެރިކަން ހެނާއަށް އިތުރަށް ޔަގީންވިއެވެ.

"މިރޭ މިހެދުން ލައިގެން މޭކަޕްކޮށްގެން ސެންޓުވެސް ޖަހާލައިގެން ހުންނަންވާނީ. ލޯވެސް ރީތިވާނެ އަނދުން އެޅީމަ. ނޫނީ ލިބޭ އަދަބު ބޮޑުވާނެ އިނގޭ................."މައިކަލް ހެނާ ކޮޓަރީގައި އިންދާ އޭނައާއި ދިމާލަށް އެއްލައިލީ ލޭސްފޮތީގެ ހުދު ނިދާހެދުމެކެވެ. އެހެދުން ލުމެކޭ އެއްޗެއް ނުލައި ހުރުމެކޭ މާބޮޑު ތަފާތެއްނެތެވެ. ހިމަ ވާކޮޅެއް ލާފައިވާއިރު ކުރުކަމުން ފައިގެ ފަލަމަސްގަނޑާއި ހަމަޔަށްވެސް ނުފޯރައެވެ. ފިނިގަދަކަމުން ރޫރޫއަޅާއިރު ޖެކެޓް ގަޔާއި ވަކިކޮށްލެވޭނެހެއްޔެވެ؟ ހެނާ ވިސްނަން އިންއިރު ދެލޮލުން ކަރުނަ ފާއްދާލާފައިވެއެވެ. މައިކަލް އެބުނަނީ ކޮން އަދަބެއްގެ ވާހަކަހެއްޔެވެ؟ މިއަށްވުރެ ބޮޑު އަދަބެއް އަންހެންކުއްޖަކަށް ނުދެވޭނެއެވެ. ލޯބިވާ މީހާ ވަށައިގެން އެނބުރި އެނބުރި ހުންނައިރު ހެނާ މިޖެހެނީ ކަރުނަތައް ދިރުވާލައިގެން ހުންނާށެވެ.

ދީނުގައި އޮންނަނީ ފިރިމީހާއަށް ކިޔަމަންވުމަށެވެ. ހިތް ނުރުހުނަސް އޭނަ އެހެދުންލައިގެން މައިކަލް އެދުނުގޮތަށް ކުޑަކޮށް މޭކަޕްކޮށްލުމުން ހަގީގަތުގައި ލޯގަނޑުން ފެނުނީ މުޅިން އެހެން ކުއްޖެކެވެ. އަނދުން ފަވާލެވުނު ދެލޮލުގެ ރީތިކަން ފާހަގަކުރެވުނެވެ. ވަރަށް ލޯބި ކަމުގައި ހިތް ގަބޫލުކުރިއެވެ. އަމީރާފަދަ ރީތިކަމެއް ދެއްވާފައިނެތަސް އެންމެ ރަގަޅުކަންނޭގެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ހިތަށް ލިބުނު އުފަލެއްނެތެވެ. ހިތަށް ތަދުވަނީއެވެ. މޭގައި ނުފިލާ ރިހުމެއް އެބަހުއްޓެވެ. ރަޖާގައި ފިނިހިފާފައިވާތީ ރަޖާއަކުން ލިބުނު އެހީއެއްނެތެވެ. އެވަރުންވެސް އޭނަ ނިދިއަންނަން ފެށީ މާ ވަރަކަށެވެ. އެސްފިޔަތައް ގަދަކަމުން ހުޅުވަން އުޅުމުންވެސް ކަނު އަނދިރިކަން އޭނަ ވަށާލައިފިއެވެ. އެވަގުތު ހޫނުއަތަކުން މޫނުގައި ފިރުމައިލިހެންހީވިއެވެ. އެއީ ކޮންމެ ރެއެއްގެވެސް ހާލެވެ. މައިކަލްއާއި ޒޯހަންއާއި ދެމީހުން ސަކަރާތްޖަހަން ތިބެފާ ނިދަން ކޮޓަރިއަށް ވަންނާނީ ހެނާ ނިދާހާ އިރުކޮށްފައެވެ. ރީތިވާން ބުނެފައިވެސް އެކަމުން މައިކަލްއަށް ހުރީ ކޮން ފައިދާއެއްހެއްޔެވެ؟

މައިކަލްއާއި ޒޯހަން އަދި ހެނާ ހަފްތާއެއް ނުވަނީސް ރަށަށް އެނބުރި އަތުވެއްޖެއެވެ. ހެނާ އަމިއްލަ ގެއަށް ވަދެލާހިތެއްނުވިއެވެ. އޭނަވަނީ މަންމަމެންދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. ކޮންމެ ރެއަކު އޭނަގެ ލޮލުން އޮހޭ ކަރުނައިގެ ސަބަބަކީ މަންމައާއި އަމީރާއެވެ. ކުށްވެރިންނަކީ އެދެމީހުންނެވެ. އޭނަ ދުވަހަކު އޭނަގެ އާއިލާއަށް މާފެއްނުދޭނެއެވެ. މޫނުދެކޭކަށްވެސް ބޭނުމެއްނޫނެވެ. އޭނައަށްޓަކާ އެއެންމެން މަރުވެއްޖެއެވެ. މޫމިނާއަށް ހެނާ ފެނުމާއެކު ގައިގާ ހިފައިގަނެގެން އަތުގައި ބޮސްދީ ޅީދަރިފުޅަށްޓަކާ ހިތުގައިވާ ލޯބި ފައުޅުކޮށްދިނެވެ. ދެލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. މައިކަލްއަށް އެ މަންޒަރު ފެނުމުން އިސްޖަހައިލީ ކީއްވެކަމެއް ނޭގުނެވެ. މައިކަލް ހެނާ ގޮވައިގެން ދިޔައީ އެންމެ ފަހަތުގައި ހުރި ކޮޓަރިއަށެވެ. ތަޅުދަނޑި ދިއްކޮށްލުމުން ހެނާ ހިފަން އަތްދިއްކޮށްލުމުން މުށް ލައްޕާލިއެވެ. އެ ސަމާސާއިން ހެނާއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މައިކަލްގެ ސީރިޔަސްކަމާއި ނުލަފާކަން ބޭރުފުށުން ދައްކައިގެން ހުއްޓަސް ހިތް ކަފަކޮޅެއްހާ މަޑުކަން ޔަގީނެވެ. ކޮޓަރީގެ ތަޅު ހުޅުވާ ތަޅުލާން އުދަގޫވާނެކަމަށް ބުނެފާ އޭނަ ހެނާއަށް ދަސްކޮށްދިނެވެ.

"މިހާރު ހިތަށް އަރާނެ މިކޮޓަރިއަށް ގެނައީ ކީއްވެހެއްޔޭ. އަހަރެންގެ ކޮޓަރިއާއި ހަމަޔަށް ހެނާ ގެންދެވޭނީ ދެމީހުން ދަސްވެ އެކީގައި އުޅެން ބޭނުންވި ދުވަހަކުން....." މައިކަލް ބުނީ މަޑުމައިތިރިކަމާއި އެކުގައެވެ. އަދި ހެނާ މަންމަގެ ކޮޓަރިއަށް ނޫން ތަނަކަށް ވަންނަން ޖެހޭނީ އޭނަގެ ހުއްދަ ލިބިގެން ކަމުގައި އެންގިއެވެ. ހެނާ ހުރީ ބޮލަށް އުދަގޫވެފައެވެ.

"އެކަމަކު އަހަރެންގެ އަތުގައި ޑަބަލް ތަޅުދަނޑި އޮންނާނެ އިނގޭ. ބޭނުން އިރަކުން މިތަނަށް ވަދެވެންޖެހޭނެ ދޯ. ހޭއި ޔޫ ލުކް ސޯ އަޕްސެޓް. ޑޯންޓް ބީ. ރަގަޅުކުއްޖަކަށް ދެރަގޮތެއްނުވާނެ. އެހެންވީމަ ހަމަޖެހިލައިގެން އުޅެއްޗޭ........" މައިކަލް ތަޅުދަނޑިފަތިން އެކަތި ވަކިކޮށްލާފައި ނަގަމުން ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ. އަބަދު އެދެލޯ ކަރުނުން ތެމިފައިވާތީ މައިކަލްގެ ހިތަށް އަސަރުކުރީފަދައެވެ. މައިކަލް އެތަނުން ދިޔުމުން ހެނާ ކޮޓަރިއަށްވަންއިރު ސާފުތާހިރު ތަރުތީބު ކޮޓަރިއެކެވެ. މާގިނަ ފަރުނީޗަރުތަކެއް ނެތަސް ޒަމާނީކުލަޖެހިފައިވާ ތަނެކެވެ. ވައިލެޓާއި ފިޔާތޮށިން ކުލަ ގުޅުވާފައިވާއިރު އަންހެންކުއްޖަކު އުޅެން އަރާމެވެ. އޭނަ އެނދުގައި ކުޑަގޮތަކަށް އިށީދެ އިސްޖަހާލައިގެން އިނީ ވިސްނުމެއްގެ ތެރޭގައެވެ.

"ޝަރުތު ގިނަކަމުން ބޯ ހަލާކު. އެ ކޮޓަރިތަކުގައި ފޮރުވައިގެން ގުޅެނީ ކޯންޗެއްކަމެއްވެސް ނޭގޭ. އެހާވަރުން މައިކަލްގެ ކޮޓަރިއަށް ވަންނަހިތަކުން ނޫޅެން. އަމިއްލައަށް ތަންމަތި އަޅާ ތަރުތީބުކޮށް މޮޕްވެސް ކުރާނެތާ. އެތަނަށް ނުވެއްދިއްޔާ މާ ފަސޭހަ.........." ހެނާ ހިތާހިތުން ކިޔައިލިއެވެ.

ކޮޓެޖްގެ ފަހަތުފެންޑާބައި ހަދާފައިވަނީ ވަރަށް ހިތްގައިމުކޮށެވެ. ފާރުގައި ފާނޫޒުބައްތި ހަރުކޮށްލާފައިއިރު ފަނޑުއަލިކަމެއް މުޅިހިސާބަށް ފެތުރިފާވެއެވެ. އުނދޯލީގައި މަޚުމާޖެހި މަޑުބާލީސްތައް ޖަހާފައިވާއިރު ބާލީހަށް ލެނގިލައިގެން ރަފައެލްއާއި ލޫސިއާންގެ މަންމަ ނަބީލާ އޮށޯވެލައިގެން އޮތްއިރު އިރުއިރުކޮޅާ އަމިއްލަ ނަފުސަށްވެސް ހީލައެވެ. އިރުކޮޅެއްވާންދެން އޭނަގެ ލޯބިވާ މިހުރީޒް ދޮރުމަތީގައި އެހަރަކާތްތަކަށް ބަލަންހުރީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އިސްކޮޅުން ދިގުކަމުން ކިރިޔާ ބޯ ދޮރުގައި ނުޖެހޭކަމެވެ. އޭނަ ދެން އައިގޮތަށް މަގަތުގައި އިށީދެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. ނަބީލާއަށް ފެންނަނީ ކޯންޗެއްތޯ ސުވާލުކުރިއެވެ.

"އަހަރެން ގަބޫލުކުރަން ބޭނުންނުވިޔަސް އެނގޭ އަހަރެމެންގެ ދަރިންނަކީ ސީދާ އިންސާނުންގެ ނަސްލަށް ނިސްބަތްވާ ބަޔެއްނޫންކަމާއި އެތައް ބާރުތަކެއް ލިބިފައިވާކަން. ބުނަން އެހެން މީހުންނަށް އެކަން ނާންގާ އުޅޭށޭ. އަހަރެންގެ އާއިލާއިން އެކުދިންނަށް ދޭ ލޯތްބާއި އިހުތިރާމް އިންސާނުންގެ ތެރެއަކުންވެސް ނުލިބޭ. އިންސާނުންނާއި ޖިންނީންގެ ނަސްލާއި ގުޅިފައި އޮތީމަ އިންސާނުންނަށް ނުކުރެވޭ ކިތަންމެ ކަމެއް ކުރުމުގެ ބާރާއި ހުނަރު ހުރޭ. އިންސާނުންވެސް އެބަޖެހޭ އެކުދިން ބަލައިގަންނަން.........." ލޯތްބާއިއެކު ނަބީލާގެ އުނގުގައި ބޯ އަޅާލަމުން މިހުރީޒު ބުނެލިއެވެ.

"އެކަމަކު ނަބީލާއަށް އެނގޭތަ؟ ރަސްކަލުންނަށްވީމަ ދުޝްމިނުންގެ އުދަގޫވެސް އިންތިހާއަށް ޖެހޭނެ. އެގޮތަށް އަހަރެމެންނަށް އުދަގޫކޮށް ލޯބިވާ ފަރާތްތަކަށް ޖެއްސުންކުރާމީހުން ތިބޭކަމީ އެންމެ ބޮޑު އެއް ކަންތައް. އެހެން އުޅޭމީހުންނަށް އަދަބުދޭން ބޭނުންވި. އިންސާނުންގެ ތެރޭގައިވެސް އެއުޅެނީ ސިހުރުހަދާމީހުން. އެމީހުންނަށް ލިބިފައިވާ ބާރަކީ އަހަރެމެން އަންދާލުން. އެކަމަކު ބައްޕަ ބުނާގޮތުންވިއްޔާ އިންސާނުންގެ ސިފަތައް ލިބިފައިވާ ބަޔަކަށް ސިހުރެއް ނުޖެހޭނެ. އަހަރެމެންގެ ދަރިން އެތިބީ އިންސާނުންގެ ސިފައިގާ. އެކަމަކު ސިފަ ބަދަލުކޮށްގެން ހުއްޓާ ވެދާނެ ގޮތަކާއިމެދު ބިރުގަނޭ. އެއްވެސް ބަޔަކަށް ހަގީގަތް އެނގިގެން ނުވާނެ. ނަބީލާ ޖިންނި މޮޔަވެފައި ހުއްޓޭ ކިޔަސް ވަރިހަމަ...." މިހުރީޒު ބުނެލިއެވެ. މިހުރީޒު އެތައް ޒަމާނެއްވާންދެން ކޮޓެޖާއި ވަކިން އުޅުމަށްފަހު އެނބުރިއައީ އިންސާނުންގެ ފަރާތުން ލިބިދާނެ ނުރައްކަލަކާއިމެދު ފަރުވާލެއްނެތި އާއިލާއާއިއެކު ވަގުތުތައް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އޭނަގެ މައިންބަފައިންނާއި އާއިލާގެ އެތައް ބަޔަކު އަންދާލުމަށްފަހުވެސް ފަންޑިތަވެރިންނަށް ލިބުނު ހިތްހަމަޖެހުމެއްނެތެވެ. އޭނަވެސް ވަނީ އެކަމުގެ ބަދަލު ވަރަށް ހިތިގޮތަކަށް ބައެއް މީހުންގެ ކިބައިން ހިފުމުގައި ކާމިޔާބުކޮށްފައެވެ. ޖިންނި އިންސާނުންނާއި ދެމެދު ހަގުރާމައެއް ފަށާ ހިސާބަށްވެސް އެ ފިނި ހަގުރާމަދިޔައެވެ.

ދެކެވުނު ވާހަކަތައް އަހަން ދޮރުފަތުގެ ނިވަލުގައި ހުރި މީހަކަށް ލިބުނީ އަޖައިބެއްފަދަ ހައިރާންކަމެކެވެ. ކޮޓެޖާއި ބެހޭގޮތުން މިވަރަށް ވާހަކަދައްކާއިރު އޭނަވަނީ އެކަން ގަބޫލުނުކޮށްފައެވެ. މިހާރު އެކަން ޔަގީންވެ އަތްފައި ފިނިވެ ނުބައިގޮތެއް ހިތަށް ވިއެވެ. އޭނަ އަވަހަށް ދުރަށް ދާން ހިނގައިގަތެވެ.

މިހުރީޒް ކުއްލިއަކަށް ހޭންފެށީ އެވާހަކަތައް އަޑުއަހަން ދޮރުފަތުގެ ނިވަލުގައި ހުރީ ކާކުކަން އެނގިފައެވެ.

ޒޯހަން އޭނަގެ ހުރިހާ އެއްޗެއް ޕެކްކޮށްލުމަށްފަހު ކާރަކަށް ގުޅައިގެން ބީޗްމައުންޓްހޮޓަލަށް ބަދަލުވިއެވެ. އާއިލާމީހުން އެހާވަރަށް އެދޭއިރުވެސް އޭނަ އަދި މަޑުކުރަން ނިންމީ ކޮއްކޮމެންގެ މަރުގެ ހާދިސާގެ ހުރިހާ ސިއްރެއް ހޯދުމަށްފަހު ނޫނީ މިރަށުން ނުދާންވެގެންނެވެ. ނަމަވެސް މިހާރު ކަންތައް ދިމާވެފައިވާގޮތުން ކޮޓެޖުގައި ހުރުމުގެ މާނައެއްނެތެވެ. އޭނަގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް ފުނިޖެހި ބަރާވަމުންގޮސް ހުންނަނީ ނިކަން ބޮލަށް އުދަގޫވެފައެވެ. ނިންމަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. އަދި މިހާރު ކުރިމަތިލާން ޖެހިފައިވަނީ އެހާ ނުރުހެވޭކަމަކާއެވެ. މަޖުބޫރީ ހާލަތްތަކުން އަރައިނުގަނެވެނީ ކީއްވެބާވައެވެ. މައިކަލްގެ ކަންތައްތަކާވެސް އޭނަ ބޯގޮވާވަރުވެއެވެ. އެކުވެރިއަކަށްޓަކާ އެހާ ބޮޑު ގުރުބާނީއެއް ވާން ކެރިދާނެކަމަކަށް ޒޯހަން ހިޔެއްނުކުރެއެވެ. ނަމަވެސް މައިކަލްއަށްޓަކާ އެވަރުގެ ކަމެއް ކޮށްދެވުމުން އަމިއްލަ ނަފުސާއިމެދު ހިތްހަމަޖެހުނެވެ. ކޮޓަރިއަށް ވަންގޮތަށް ފެންވަރާ ހަދާލައިގެން އޭނަ މިސްރާބުޖެހީ ރަންކުރިއަށެވެ. އެގެ ފެނުމުންވެސް ނުބައިގޮތެއްވިއެވެ. މިގެވެސް އޭނައަކަށް ނޯމަލްއެއްނޫނެވެ. މައިކަލްއާއި ދެމީހުން ކާކޮޓަރިއަށްވަދެފައި ވާހަކަދައްކަން ޖައްސައިލިއެވެ.

"އަހަންނަށް މިހާރު އެއްކަން ޔަގީންވެއްޖެ. ކޮޓެޖްގައި ދިރިއުޅެނީ އިންސާނުންނެއް ނޫން.........." ޒޯހަން ބުނި އެއްޗަކުން މައިކަލް ހައިރާންވިހެނެއް ހިޔެއްނުވެއެވެ.

"ޒޭންއަށް އަދި ކިރިޔާ ރޭކާލީ؟ އަހަރެން ހީކުރީ އެއަށްވުރެ ޒޭންއަށް ވިސްނޭކަމަށް. އެކަމަކު ޒޭންއަށް ނޭގޭ އެއްޗެއް ބުނެފާނަން. ތަންކޮޅެއް ކުރީގައި ފަންޑިތަވެރިކަމާއި ކަންވެރިކަމަކީ މިތަންތާ އާއްމުކަމެއް. ގެހަދާފައިވެސް ސިކިއުރިޓީ ބަލަހައްޓަން ހަވާލުކުރަނީ ޖިންނިންނާއިކަމަށް ވަނީ. އެހެންވެ މިހިސާބަށް އައިއިރުވެސް ގިނަ ގެތަކުގައި ގާޑުންގެ ގޮތުގައި އެމީހުން ހަރަކާތްތެރިވޭ. ޒޭން ތީ އަންހެނެއްކަން މަށެއް ނުދަންނަން. ކޮޓެޖުން ތިއައީ ހަމަ ބިރުންތަ؟ ނޫނީ ކޮންމެވެސް އެހެން ކަމެއް އޮތީ ދޯ. އަހަންނަށްވެސް އަންގައިގެން އުޅެބަލަ........." މައިކަލް އެއްބުމަ އަރުވައިލިއެވެ. ހެނާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެދެމީހުން ފެނިގެން އަދި ފަހަތަށް ޖެހެން އުޅެނިކޮށް މައިކަލް ގޮވާލައިފިއެވެ. ކޮފީހަދައިދޭން އެދުމުން ހެނާ ތުންފިތާލައިގެން ހުރެ އައިސް އެމަސައްކަތްފެށިއެވެ. އަތްމަތި އަވަސްކޮށްލާފައި ދެ މަގު ކޮފީ ބެހެއްޓުމުން ރަހަ ބަލާލާފައި ހަކުރު އިތުރަށް އަޅައިދޭން ހެނާކައިރީގައި ޒޯހަން އެދުނެވެ.

"ބުނަން ޒޭން. އަހަރެންގެ އަންހެނުންނަކީ ޚާދިމާއެއްކަމަށް ހަދަން ނޫޅެބަލަ. އަމިއްލައަށްގޮސް ހަކުރު ހުރިތަނަކުން ނަގައިގެން އަޅާ. ހެނާ ނޫޅޭ ޒޭންއަށް ކޮފީ ހަދާހިތުން މޮޔަވެގެނެއް........" މައިކަލް އެއްލޯ މަރާލާފައި ބުނެލިއެވެ. މައިކަލް އެހެން ބުނީ އޭނަގެ ހިތުގައިވާ އެއްޗެއް އެނގިގެންހެއްޔެވެ؟ ގަސްތުގައި މަލާމާތްކުރީއެވެ. މައިކަލް ދެރަކޮށްލަންވެސް ހެނާ އަދި ޒޯހަންގެ އަތުން މަގު ހޯދައިގެންގޮސް ހަކުރު އަޅާދިނެވެ. އަނެއް ފަރާތަށް އެނބުރިގެން ހުރެ އޭނަ ހަކުރު އަޅައިގެން ގެނެސްދިނުމަށްފަހު މަޑުކޮށްނުލާ ދާން ހިނގައިގަތެވެ. ހެނާ ދިން ކޮފީތަށި ބޯން ފަށާފައި ޒޯހަން މޭނުބައިކޮށް އޯކަށް ދަމާގޮތްވިއެވެ. ހަކުރު ޓަނެއް ކާލިޔަސް އެހާ ފޮނިގަދައެނުވާނެއެވެ. އެވަރުންވެސް ދެރަނުވާންވެގެން އޭނަ އެތަށި ހުސްކޮށްލައިފިއެވެ.

"މައިކް. ހެނާ އެދިޔައީ މަށަށް ޖެއްސުމެއްކޮށްލާފައި. އެހެން ހުއްޓަސް ވަރެއްގެ ކުއްޖެކޭ ދޯ. ޔަގީން ހަކުރު ދަޅު ހުރިގޮތަށް މިއަށް އޮއްސާލީ....." ޒޯހަން އަނގަޔަށް ހަދައިލިގޮތުން މައިކަލް ހުރީ މަޖާވެފައެވެ.

"ޕުއަރ ޒޭން........" މައިކަލް ހިނިއައެވެ. ޒޯހަން މައިކަލްގެ ކަންފަތްކައިރީ ކޮންމެވެސް އެއްޗެކޭ ބުނެލާފައި ކޮނޑުގައި ބޮނޑިއެއް އެޅުމުން މައިކަލް ހޭންފެށިއެވެ.

ހެނާ ކޮޓަރިއަށް ގޮސްފާ އެކަނި އިނދެވެސް އެކަމާ ވިސްނިއެވެ. ޒޯހަންއަށް އެކަހަލަ ލަނޑެއް ދެވުނީތީ ހިނިވެސް އައެވެ. ޒޯހަންއަށް އެނގޭނެބާވައެވެ. އެހާ ގިނައިން ހަކުރު އެޅުމުން ޒޯހަން ކޮފީތަށްޓަށް ހަދާނީ ކިހިނެއްހެއްޔެވެ؟ ޔަގީނެވެ. ރަހަބަލާލާފައިގޮސް ސިންކަށް އޮއްސާލާނީއެވެ. ހެނާގެ ސިކުނޑިން އެކަން ފިލާނެގޮތެއް ނުވިއެވެ. ހަގީގަތުގައި އެހެން ފިރިހެނަކާއިމެދު ވިސްނާކަށް އޭނަ ނުވެސް ވާނެއެވެ. އެކުރެވުނީވެސް ރަގަޅުކަމެއް ނޫނެވެ؟ ފާޑަކަށް ފްލާޓް ކުރެވުނީ ނޫންހެއްޔެވެ؟ ހެނާ ވިސްނިވިސްނިހެން އެކަމާއި ދެރަވެ އެއީ ފާފައެއްކަމަށް ހީކުރެވި ރޮވޭގޮތްވިއެވެ. އެންމެފަހުން ނަމާދުކޮށްލައިގެން ދުޢާކުރީ ފިރިމީހާދެކެ ހިތުގައި ލޯބި ލެއްވުމަށާއި ފާފަތައް ފުއްސެވުމަށް އެދިއެވެ. އެހާ ގިނައިރުވާންދެން ނަމާދުކޮށް ދުޢާކުރުމުން ހިތަށް ފިނިކަމެއްލިބި ޒޯހަން މަތިން އިރުކޮޅަކަށް ހަދާން ނެތިއްޖެއެވެ. ހެނާގޮސް މޫމިނާއާއި އެކުގައި ވަގުތުތަކެއް ހޭދަކުރިއެވެ. ގަދަކަމުންވެސް މައިކަލްގެ މަންމައާއި މައިކަލްއަށްޓަކާ ހިތުގައި މަގާމެއް އުފައްދަން ހެނާ މަސައްކަތްއެބަކުރެއެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. އެހެން އުޅެމުން ސިޓިންރޫމްގައި ހުރި ކޮމްޕިއުޓަރު ނެޓަށް ގުޅާފައި ހުރިކަން އެނގުމުން ލޮލުގެ ވިދުންގަދަވެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކިޔަވާނެ މަގެއް ފެނުނީއެވެ.

ހެނާ އެންމެ އުފާވީ އޭނަގެ ޕީރިއެޑްދުވަސްކޮޅު ޖެހުމުންނެވެ. މިފަހަރު މައިކަލް ބޭނުންވިގޮތަށް ނުވިކަމަށްޓަކާ އޭނަ ހިތާހިތުން ޝުކުރުވެރިވިއެވެ. މައިކަލްއަށް ނާންގާ ދޭތެރެދުރުކުރާ ބޭސްކާން ހިތަށް އަރާފައިވެސް ހުއްދަކަމަކަށް ނުވާނެއޭ ހިތަށް އަރާފައި އެކަމުން ދުރުހެލިވެގަތެވެ. އެކަމަކު މިއީ އަނިޔާއެއް ނޫންހެއްޔެވެ؟ ތިމާގެ މަންމަ މާމަދަރިއަކު ހޯދާށޭ ކިޔާފައި އަށާރައަހަރުގެ އަންހެންކުއްޖަކަށް ދަރިން ހޯދަން މަޖުބޫރުކޮށްގެން މިކައިވެނި ހަލާލެއްވެސް ނުވާނެއެވެ. ހަދަންވީގޮތަކާއިމެދު ވިސްނަ ވިސްނާވެސް ހައްލެއް ނުހޯދުނެވެ. ވިސްނިވަރަކަށް ބޮލުގައި ރިއްސުންނޫންކަމެއް ނުވާނެއެވެ.

ހެނާ ނެތުމުން އަމީރާއަށް އެކޮޓަރި މުޅިން މިލްކުވިޔަސް ހެނާގެ މަތިން ހަދާންވާވަރުން އެކަނިއުޅޭހިތެއްވެސް ނުވެއެވެ. އެކަނި ނިދާން ނުކެރުމުން އޭނަ އޮންނަނީ އެކޮޓަރީގައި އާޒް ބާއްވައިގެންނެވެ. އެހެންހުއްޓާ އާޒް މާގަދަޔަށް ހުމެއް އައިސްގެން ހޮސްޕިޓަލުގައި ބޭއްވުމުން އެރޭ އަމީރާ ނިދަންޖެހުނީ އެކަނިއެވެ. އަމީރާ ކޮޓަރީގެ ތަންޑުތައް އަޅުވާލުމަށްފަހު އެނދުގައި އޮށޯތީ ބަގަރާ ސޫރަތްވެސް ޖަހައިގެންނެވެ. އޭރު ކިރިޔާ ދިހައެއްޖެހީއެވެ. އޭނަ ނުނިދިފާ އޮތްވާ ކޮންމެވެސް މީހަކު ކޮޓަރީގެ ތަޅުގައިހިފާލައިފިއެވެ. ދެންއިވުނީ ތަޅުވަޅަށް ތަޅުދަނޑިޖަހައިލި އަޑެވެ. ދޮން ބައްޕަ ކޮޓަރިއަށް ވަދެގެން އަންނަތަން ފެނިފާ އަމީރާ ހައިރާންވެ އަންތަރީސްވިއެވެ. ކައިރިވެލާފައި އަނގައިން ބުނުމެއްނެތި އުޅުނީ ގަޔަށް އަތްލާށެވެ. ކުއްލިއަކަށް އަމީރާގެ ހަށިގަނޑަށް އާދަޔާ ޚިލާފު ބާރެއްލިބި ފުންމައިގެން ތެދުވެ ކަޅިއަޅައިގަތްގޮތަށް އެދެލޯ ވިދައިލިއެވެ. ނަޝީދުއަށް ހަމަލާދިނީ ފިރިހެނެއްގެ ފުރިހަމަ ބާރާއިއެކުގައެވެ. އަމީރާ ނަޝީދު ގެ އަތް އަނބުރާލާފައި ދެތިންފަހަރު ފާރުގައި އަޅާ ވިހެލިއެވެ. އެތަންމިތަނަށް ފަޔާއި ގޮށްމުށުގެ ހަމަލާތައް އަރަމުން ދިޔައެވެ. ކަރާޓޭއާއި ޖޫޑޯގެ ހުނަރުވެސް ހުރިފަދައިން އޭނަ ފަޔާއި އަތް ވައިގެ ތެރޭގައި ހަރަކާތްކުރިއެވެ. ފުންމައިގެން ދާއިރުވެސް ވައިގެ ތެރޭގައި އުދުހިލާފައި އަންނަނީ ބަލާމީހަކު ހައިރާންވެ ތަލިން ކުޅުހިކޭފަދަ ގޮތަކަށެވެ. ތަދުވެގެންގޮސް ކުކުރާލަ ކުކުރާލާ އޮވެފައި އަމީރާއަށް ބަލައިލިއިރު އަމީރާގެ ދެލޯ ހީވަނީ އަނގުރު އަލިފާންގަޑެއް ހެންނެވެ.

"ކަލޭ މިތަނުން ނުކުމޭ. ނޫނީ ފުރާނަ ދަމައިގަންނާނަން. ދެން ކައިރިވެއްޖެއްޔާ މިވަރެއްނޫން ކުރާނީ...." އަމީރާ ކަރުތެރެއިން އަޑު ނެރުނެވެ. އެހާ ބަރު އަޑެއް އަމީރާ ނެރުނީ ކޮންތާކުން ހެއްޔެވެ؟ ވިސްނާލުމުން ނަޝީދުއަށް އެނގުނީ މޮޔަމީހުން އެގޮތަށް އަޑުނެރޭކަމެވެ. ދެވަނަފަހަރަށް އުދުހިލާފައި ކަހަލަ ގޮތަކަށް އަމީރާ އޭނައާއި ދިމާލަށް ފުންމައިގަތްތަން ފެނިފާ ނަޝީދު އަޅާއިތިކޮށް ދުއްވައިގަތެވެ. އަމީރާ ފަހަތުންގޮސް ބުރަކަށްޓަށް އެތިފަހަރެއް ވީއްލުމުން ވިއްސައިގެންގޮސް ޑްރެސިން ޓޭބަލް މަތީގައި ޖެހި ސެންޓްފުޅިތައް ތެޅުނު އަޑުފަށްގަނޑު ފަޒާގައި ގުގުމައިލިއެވެ. އަމީރާ އެވަރުންވެސް ފުއްދާލީއެއްނޫނެވެ. ނަޝީދުގެ ދެފައިގާ ހިފާ ދަމާ ކޫއްތަމުންގޮސް ކޮޓަރިން ބޭރަށް ހޫރާލުމުން ނަޝީދު ހަޅޭއްލަވައިގަތްއަޑުވެސް އެތައް ދުރަކަށް އިވޭނެކަން ގައިމެވެ. އަމީރާ ދޮރުލެއްޕިގޮތަށް ނާމާން އަޑަކުން ހޭންފެށިއެވެ. އިރުކޮޅެއްފަހުން ހަމަޔަކަށް އެޅި އެނދަށް ދެމުނުގޮތަށް އެތައް އިރެއްވާންދެން އޮވެލާފައި ލޯ ހުޅުވާލައިފިއެވެ. ދެން ބުދެއްހެން ހުރެ ކުރިއަށް ދިޔަގޮތަށް ދޮރު ހުޅުވާލާފައި މިސްރާބު ޖެހީ މޫދާއި ދިމާލަށެވެ.

ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށްފަހު އޭނަ ފުލުހުންނަށްވެސް އެކަން ރިޕޯޓްކުރިއެވެ. ދޮންދަރި އަމީރާ މޮޔަވެގެން އޭނައަށް ހަމަލާދިނީކަމަށް ބުނެ އަމީރާ ކުށްވެރިކުރިއެވެ. އަމީރާ އަކީ ސްކިޒޮފްރީނިއާ ބަލިމީހެއްކަމަށާއި އޭނަ މޮޔައިންގެ ހޮސްޕިޓަލަކަށް ކޮންމެހެން ލާންޖެހޭނެކަމަށް ބުނެ ހޮސްޕިޓަލް ފައިލްތައްވެސް ފުލުހުންނަށް ހުށަހެޅިއެވެ. ހުރިހާ ހެކިތަކެއް ހުރީ އަމީރާއާއި ދެކޮޅަށެވެ.

އަމީރާ މޫދުކައިރިއަށް ވެއްޓިފާ އޮތްވާ ފުލުހުންނަށް ފެނިގެން އޭނަ ގެނެސް ހޮސްޕިޓަލާއި ހަވާލުކުރިއެވެ. އެޑްމިޓްކުރީ ޕްރައިވެޓް ރޫމެއްގައެވެ. އަމީރާ ހާސްވެފައި ވަގުތުން ލޫސިއާންއަށް މެސެޖްކުރިއެވެ. މިއީ ދޮންބައްޕަގެ ރޭވުމެއްބާވައޭ އޭނަގެ ހިތަށް އެރީއެވެ. އަމީރާގެ ނަސީބުކަން ނޭގެއެވެ. ނަޝީދުއަށް ވެފައިވާ ވަރު ބޮޑުކަމުން އޭނަ އެޑްމިޓްކޮށްފައި އޮތުމުން އަމީރާއަށް ފަރުވާދޭން ގެނައީ ރަފައެލްއެވެ. ރަފައެލް އެހެންމީހުން ނެރެލާފައި ސުވާލުކުރަން ފަށާއިރަށް އަމީރާ ރޯންފެށިއެވެ. ދޮންބައްޕައަށް ހަމަލާދިންކަން ހަނދާންނެތް ކަމަށާއި އޭނަގެ ބޮލުގައި އެކަން އަޅުވަނީކަމުގައި ބުނެ ގެއަށް ފޮނުވާދޭން އެދުނެވެ.

"ލުކް އެމީ. މިހާރު އެމީއަށް އެންމެ ރަގަޅުގޮތަކީ އިހަށް މިތާއޮތުން. އެމީ މެންޓަލް މައްސަލައެއް ހުރެގެން އޭނައަށް އެޓޭކްކުރިކަމަށް ވެއްޖެއްޔާ އެމީ އެކުށުގައި ބެދޭނެ ގޮތެއް ނޯންނާނެ. އަހަރެން އެމީ ސަލާމަތްކޮށްދޭނަން. އެ ފުރުސަތު އަހަންނަށް ދީ............." ރަފައެލް އެތާހުރި ގޮނޑިއެއްގައި އިށީދެލައިގެން އިންއިރު ބޮކީގެ އަލި ޓޭންވެފައިވާ މޫނަށް އެޅިފައިވެއެވެ. އަމީރާ އެނދުގައި ދެފައި އެލުވާލައިގެން އިންއިރު އެރީތި މޫނުގެ ކުލަވަނީ އޮއްސިފައެވެ. އޭނަ އެއްގޮތަކަށްވެސް މޮޔައެއްގެ ގޮތުގައި ނަންވާކަށް ނޭދެއެވެ.

ދިހަވަރަކަށް މިނިޓްފަހުން ދޮރު ހުޅުވާލާފައި ލޫސިއާން ވަންތަން ފެނުމުން އަމީރާއަށް ބަލައިލެވުނީ ކަރުނައާއިއެކު ހިނިތުންވަމުންނެވެ. ލޫސިއާންގެ އަތުގައި އޮތީ ފިނިފެންމަލުގެ ބުކޭއެކެވެ. އެމާތަކުގައި ޝަބްނަމްގެ ތިކިތައް ވިދާތީ އިތުރަށް ތާޒާކަމުގައި ދައްކައެވެ. ލޫސިއާން އަމީރާގެ އަތަށް މާބޮނޑި ދިނުމަށްފަހު ކޮލުގައި އަތް ބީއްސާލިއިރު ރަފައެލް އިނީ ފޯނާއި ކުޅެކުޅެއެވެ. އަމީރާ އެކަމާއި ވިސްނައިލިއެވެ. ގައިމު އެއިނީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައެވެ. ދެލޯބިވެރިން އިރުކޮޅެއްވާންދެން ވާހަކަދައްކަން ތިބިއިރު ދޭތެރެއަކުން ރަފައެލް ކޮންމެހެން ބުނަންވާ އެއްޗެއް ބުނެލިޔަސް އޭނަ އިނީ ހިމޭންވެފައެވެ. ފަތިސްނަމާދަށް ބަންގިދޭން ކައިރިވިތަނާ ލޫސިއާން ފަހުން އަންނާނަމޭ ކިޔާފައި އެތަނުން ނުކުތެވެ. ރަފައެލްގެ ސަމާލުކަން އަމީރާއަށް ހުއްޓުނެވެ.

"އަމީރާ. އަހަރެން ބޭނުން ވާހަކައެއް ބުނެލަން. ވަރަށް ދެރަވެސްވާނެ. ގަބޫލުކުރާކަށްވެސް ބޭނުމެއްނުވާނެ. އެކަމަކު މިއީ އަމީރާއަށް އެނގެން ޖެހޭނެ ސިއްރެއް.............." ރަފައެލް ތުންފަތުގައި ދަތްއަޅާލުމަށްފަހު ވިސްނައިލީ އެވާހަކަ އަމީރާގެ ކަންފަތާއި ހަމަޔަށް ފޯރުވަންވީ ގޮތެކެވެ. ބުނަންވީ ކިހާވަރަކަށް ކަމެވެ. އޭރުވެސް މާ ބޮނޑި މޭގައި ޖައްސާލައިގެން އިންގޮތުން ހީވީ ލޫސިއާން ދިން އެއްޗެއް ގަޔާއި ވަކިކޮށްނުލާން އުޅޭހެންނެވެ.

"ޓެލް މީ ޕްލީޒް..." އަމީރާ ކަންބޮޑުވުމާއިއެކު އަހާލިއިރު ދެލޯވަނީ ރަފައެލްގެ މޫނަށް ހުއްޓިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު