ހުރާ ކުޑަކުއްޖާ ޒަހަމްވި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި

ކ.ހުރާ --

ކ. ހުރާގައި ކުޑަކުއްޖަކު ޕިކަޕެއްް ދަށުވެ ހިނގި އެކްސިޑެންޓުގައި ޕިކަޕް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޕިކަޕް ޑްރައިވަރު ހައްޔަރު ކުރީ އިއްޔެ ކަމަށާއި އޭނާ މިހާރު ހުރީ ގޭ ބަންދުގައި ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާ ދަށުވި ޕިކަޕު ދުއްވަން އިނީ އުމުރުން 50 އަހަރުގެ މާލެ މީހެކެވެ. ހުރާ މީހަކާ އިނދެގެން އޭނާ އެރަށުގައި ދިރިއުޅޭތާ މިހާރު 20 ވަރަކަށް އަހަރު ވެދާނެ އެވެ.

މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު ގޭބަންދުގައި ބަހައްޓަން ކޯޓުން ދީފައި ވަނީ 10 ދުވަހުގެ މުއްދަތަކެވެ.

ހުރާގައި ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވީ ތިން އަހަރުގެ ކުޑަކުއްޖެކެވެ. އެކްސިޑެންޓުގައި ޕިކަޕު ދަށުވުމާ ގުޅިގެން އެ ކުއްޖާގެ ލިވާ ފަޅައިގެން ގޮސްފައިވާ އިރު ހާލު ވެސް ސީރިއަސް އެވެ. އެ ކުއްޖާ އަށް ފަރުވާދިނުމަށް އިއްޔެ ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް