މިމަހުގެ 14 ވަނަދުވަހުގެ ރޭގެ ހަނދު ފެންނާނީ އާދަޔާ ޚިލާފަށް ބޮޑުކޮށް، 30 ޕަސެންޓް އަލިގަދަކޮށް

ވޮޝިންޓަން (ނޮވެމްބަރު 6): މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ހަނދު ފެންނާނީ "ސުޕަމޫން" އެއްގެ ގޮތުގައިކަމަށް ފަޒާގެ ދިރާސާތަކާބެހޭ އެމެރިކާގެ "އިދާރާ ނާސާ" އިން ބުނެފިއެވެ.

ނާސާއިން ނެރުނު ބަޔާނެއް ބުނާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހަނދު ފެންނާނީ އާންމުކޮށް ހަނދު ފެންނަވަރަށްވުރެ 14 އިންސައްތަ ބޮޑުކޮށެވެ. އަދި ހަނދުގެ އަލިކަންވެސް އެހެންރޭރޭ ފެންނަ ހަނދުގެ އަލިކަމަށްވުރެ 30 އިންސައްތަ ގަދަވާނެއެވެ. ސްޕަމޫންގެ ގޮތުގައި އެކި ދުވަސްވަރު ހަނދު ފެންނަމުން ދެއެވެ. ސްޕަމޫން ކިޔަނީ ހަނދު އާދައިގެ ގޮތުގައި ފެންނަވަރަށްވުރެ އޭގެ ސައިޒް މަދުވެގެން އަށް އިންސައްތައަށް ބޮޑުވާ ހާލަތްތަކުގައެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފެންނަ ބޮޑު ހަނދު ނުވަތަ ސްޕަމޫންއަކީ 1948 ވަނައަހަރަށްފަހު އެންމެ ބޮޑުކޮށް (14 އިންސައްތަ ބޮޑުކޮށް) ބިމަށް ހަނދުފެންނަ ފުރަތަމަ ފަހަރެވެ.

އާދައިގެ ހަނދަކާއި ސްޕަމޫންއެއް

އާންމުކޮށް ހަނދާއި ދުނިޔެއާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަތަރު ސަތޭކަ ކިލޯމީޓަރެވެ. ނަމަވެސް އެހެން ރޭރޭގެ ހަނދަށްވުރެ އެރޭގެ ހަނދު ސާޅީސް އަށް ހާސް ދުއިސައްތަ އަށްޑިހަ ކިލޯމީޓަރަށް ބިމާ ގާތްވާނެ ކަމަށާއި އެރޭގެ ހަނދު ހުންނާނީ ބިމާ ގާތްގަނޑަކަށް ތިންލައްކަ ތިރީސް ހަ ހާސް އެއްސަތޭކަ ވިހި ކިލޯމީޓަރުގެ ދުރުމިނެއްގައި ކަމަށް އެ ބަޔާން ބުނެއެވެ.

ސްޕަމޫންގެ ގޮތުގައި އާދަޔާ ޚިލާފަށް ބޮޑުކޮށް ހަނދު ފެންނަނީ ދުނިޔެ ވަށައި ހަނދު ދަތުރުކުރާ އޯބިޓްގައި ދުނިޔެއާ އެންމެ ބޮޑަށް ގާތަށް ޖެހޭ ދުވަސްވަރު ހަނދުމަހުގެ 14 ވަނަ ރެއާ ދިމާވުމުންނެވެ. މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރެއަކީ ސަފަރުމަހުގެވެސް 14 ވަނަ ދުވަހުގެ ރެއެވެ. މިހާބޮޑުކޮށް ދެން ހަނދު ފެންނާނެ ކަމަށް ސައެންސްވެރިން ބުނަނީ 2034 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭގައިވެސް ސްޕަމޫންއެއް ފެންނާނެއެވެ. އެއީ މިމަހުގެ 14 ވަނަދުވަހުގެ ރޭ ފެންނަ ސްޕަރމޫން އަށްވުރެ ފެންނާނެ ސައިޒް ކުޑަ އަދި އަލިވެސް ކުޑަ ސްޕަމޫންއެކެވެ.

ސްޕަރ މޫންއެއް

މީގެއިތުރުން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުވެސް ސްޕަމޫންއެއް ފެނިފައިވެއެވެ. އެއީވެސް މިމަހުގެ 14 ވަނަދުވަހުގެ ރޭ ފެންނާނެ ސްޕަރމޫން އަށްވުރެ ފެންނަ ސައިޒް ކުޑަ އަދި އަލިވެސް ކުޑަ ސްޕަމޫންއެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް