ތުރުކީގައި ފޭސްބުކް، ޓުވިޓާ އަދި ވަޓްސްއެޕް ބްލޮކު ކޮށްފި

ތުރުކީގައި ވަނީ ފޭސްބުކާއި ވަޓްސްއެޕްގެ އިތުރުން ޓުވިޓާވެސް ބްލޮކް ކޮށްފަ -- ފޮޓޯ: ގެޓީ

އަންކާރާ (ނޮވެމްބަރު 5): ތުރުކީގައި ފޭސްބުކް، ޓުވިޓާ އަދި ވަޓްސްއެޕް ބްލޮކް ކޮށްފައިވާ ކަމަށް އިންޓަނެޓު މޮނިޓަރިން ގުރޫޕަކުން ބުނެފި އެވެ.

ތުރުކީގައި ބްލޮކްކުރާ އިންޓަނެޓް ވެބްސައިޓުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ "ޓާކީ ބްލޮކްސް" އިން ރޭގެ ވަގުތެއްގައި ބުނި ގޮތުގައި އެގައުމުން ވަނީ ފޭސްބުކު، ޓުވިޓާ އަދި ޔޫޓިއުބް ބްލޮކް ކޮށްފަ އެވެ.

އަދި އޭގެ މާގިނަ އިރުތަކެއް ނުވެ ވަޓްސްއެޕް ވެސް ވަނީ ބްލޮކް ކޮށްފައި ކަމަށް އެ ގުރޫޕުން ބުންޏެވެ. އެއީ ފަހުގެ އަހަރުތަކުގައި ތުރުކީގައި ވަޓްސްއެޕް ބްލޮކް ކުރި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޓާކީ ބްލޮކްސް އިން ބުނި ގޮތުގައި އެ ސޯޝަލް މީޑިއާ ސައިޓުތައް ބްލޮކް ކޮށްފައި ވަނީ އެވެބްސައިޓުތަކަށް ނުވަދެވޭ ވަރަށް ސައިޓުތައް ސްލޯ ކޮށްގެންނެވެ.

ތުރުކީން އެވެބްސައިޓުތައް ބްލޮކް ކޮށްފައި ވަނީ ސަރުކާރާ އިދިކޮޅު ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ (އެޗްޑީޕީ)ގެ ދެ ލީޑަރަކު ހައްޔަރު ކުރުމާ ގުޅިގެން، މީޑިއާ އެ ވާހަކަ ރިޕޯޓް ކުރުމަށް ހުރަސް އެޅުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ތުރުކީ ސަރުކާރުން ބުނި ގޮތުގައި އެމީހުން ހައްޔަރު ކޮށްފައި ވަނީ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދާ ތަހުގީގެއްގެ ދަށުންނެވެ.

ތުރުކީގެ ސަރުކާރުން ނިންމާ ސިޔާސީ ނިންމުންތަކާ ބެހޭ މީޑިއާ ކަވަރޭޖް ހުއްޓުވުމުގެ ގޮތުން އެގައުމުގައި އިންޓަނެޓް ބޭނުން ކުރުމަށް ހުރަސް އެޅުން ވަނީ އާއްމުވެފަ އެވެ.

ތުރުކީއަށް މިދިޔަ ޖުލައި މަހު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގައި އަދިވެސް އޮތީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. (އިންޑިޕެންޓެންޓް)

comment ކޮމެންޓް