އަމަރަދޭވަގެ ހަނދާންތައް ދިވެހީން އަބަދުވެސް އާކުރާނެ: ރައީސް

ދިވެހި ގައުމީ ސަލާމުގެ ރާގު ހެއްދެވި ސްރީލަންކާގެ މިއުޒީޝަން ޕަންޑިތު އަމަރަދޭވަ

ދިވެހި ގައުމީ ސަލާމުގެ ރާގު ހައްދަވައިދެއްވި، ސްރީލަންކާގެ އިސް މިއުޒީޝަން ޕަންޑިތު އަމަރަދޭވަ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 88 އަހަރުގައި ޕަންޑިތު އަމަރަދޭވަ އަވަހާރަވީ އިއްޔެ، ސްރީލަންކާގެ ވެރިރަށް ސްރީ ޖަޔަވަރްދަނަޕޫރަ ކޯއްޓޭގައެވެ. އަމަރަދޭވަގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީވެސް އިއްޔެ ހެދުނުއެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށް ރައީސް ޔާމީން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ، ޕަންޑިތު އަމަރަދޭވަ ސްރީލަންކާގެ މިއުޒިކީ ދުނިޔެއަށް ކޮށްދެއްވި ޚިދުމަތްތަކާއި، 1972 ވަނަ އަހަރު ރާއްޖޭގެ ގައުމީ ސަލާމަށް މިއުޒިކު އުފެއްދެވުމަށް ކޮށްދެއްވި މަސައްކަތް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަމަރަދޭވަގެ ހަނދާންތައް ދިވެހީން އަބަދުވެސް ކުރާނެ ކަމަށެވެ.

ދިވެހި ޤައުމީ ސަލާމުގެ ޅެން ތައްޔާރުކޮށްދެއްވީ އަލްއުސްތާޒް މުހައްމަދު ޖަމީލް ދީދީއެވެ. އެ ޅެން ގައުމީ ސަލާމުގެ ގޮތުގައި މީގެ ކުރިން ކިޔަމުން ދިޔައީ، ސްކޮޓްލެންޑްގެ މަޝްހޫރު ލަވަ "އޯލްޑް ލެންގް ސައިން"ގެ ރާގަށެވެ.

އެހެން ނަމަވެސް އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެ ވަޑައިގަންނަވާ މުނާސަބާއާ ދިމާކޮށް، ޤައުމީ ސަލާމަށް އާ ރާގެއް ހެއްދެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ އެދިވަޑައިގަތުމުގެ މަތިން، ޕަންޑިތު އަމަރަދޭވައެވެ.

އަމަރަދޭވަ އަކީ ސުރީލަންކާގައި އުފެދުނު އެންމެ ވަރުގަދަ އެއް މިއުޒީޝަނެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއްވެސް މެއެވެ. އަމަރަދޭވަ ސްރީލަންކާގެ މިއުޒިކީ ދުނިޔެއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސްރީލަންކާއިން ވަނީ ފަންނުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ މަތީ ޝަރަފު "ކަލާ ކީރްތި" އަމަރަދޭވައަށް އަރުވައިފައެވެ. އަދި އިންޑިއާ ސަރުކާރުން ދޭ، ހަތަރުވަނައަށް އެންމެ މަތީ ޝަރަފު "ޕަދްމާ ސްރީ"ގެ ޝަރަފު ވެސް އަމަރަދޭވައަށް ވަނީ އަރުވައިފައެވެ.

comment ކޮމެންޓް