ޗާޖިން ޓެސްޓުން އައިފޯން އެންމެ ފުލުގައި!

ޗާޖު ކުރަން ފެށުމުގެ ކުރިން: ކޮންމެ ފޯނެއްވެސް ޗާޖު ކުރަން ފަށްޓާފައިވަނީ ބެޓެރީ އެއް ޕަސެންޓުގައި ހުއްޓާ ---

އާ ފޯނެއް ބާޒާރަށް ނުކުތުމާ އެކު، އެ ފޯނުތައް ރިވިއު ކުރާ މީހުން އެކިއެކި ޓެސްޓް ތައް ހަދައި، ފޯނުގައި ހުރި މޮޅު ކަންކަމާ، ބަލި ސިފަތައް ފާހަކަ ކުރެ އެވެ. އެންމެ މޮޅުކަމަށް ބުނާ ފޯނުތަކާ އަޅައިކިޔައެވެ. މިކަން ކަމަކީ ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް ގަންނާނެ ފޯނެއް އިހްތިޔާރު ކުރުމަށް ފަސޭހަވެގެން ދާ ކަންކަމެވެ.

އެ ގޮތުން ގޫގުލް އިން އެންމެ ފަހުން ނެރުނު ފޯނު، ޕިކްސެލް އެކްސްއެލް އާއި، އެޕަލް އިން ނެރުނު އައިފޯން 7 ޕްލަސް އައި ސެމްސަން ގެލެކްސީ އެސް 7 އެޖް ގެ ބެޓެރީ ޗާޖް ވާ މިންވަރު ބެލުމަށް ވަނީ ޓެސްޓެއް ހަދާފައެވެ.

ޔޫޓިއުބުގައި އާއްމު ކޮށްފައިވާ އެ ވީޑިއޯގައި، ހުރިހާ ފޯނެއްވެސް ޗާޖު ކުރަން ފަށާފައިވަނީ، ބެޓެރީ އެއް ޕަސެންޓުގައި ބަހައްޓައިގެން ފްލައިޓް މޯޑު އޮން ކުރުމަށް ފަހުގައެވެ. ޗާޖު ކުރުމަށް ބޭނުން ކޮށްފައިވަނީ ފޯނާއެކު، ފޯނުގެ ފޮށީގައިވާ ޗާޖަރެވެ.

އެ ޓެސްޓުގެ ނަތީޖާތަކަށް ބަލައިލާނަމެވެ. ބެޓެރީ ޗާޖިން ޓެސްޓުން އެއްވަނައަށް ދިޔައީ ސެމްސަން ގެލެކްސީ އެސް 7 އެޖް އެވެ. އެސް 7 އެޖް ގައި 3600 މިލިއެމްޕަޔަރުގެ ބެޓެރީއެއް ހިމެނޭ އިރު، އެ ފޯނު ފުލް ޗާޖު ވެފައިވަނީ އެއް ގަޑިއިރާ 29 މިނިޓުންނެވެ. އެ ވަގުތުތެރޭގައި ޕިކްސެލް އެކްސްއެލް ފޯނު 84 ޕަސެންޓު ޗާޖުވެފައިވެއެވެ. ނަމަވެސް އައިފޯން 7 ޕްލަސް ޗާޖުވެފައިވަނީ އެންމެ 54 ޕަސެންޓެވެ. އައިފޯން 7 ޕްލަސް ފޯނުގައި ހިމަނާފައިވަނީ 2900 މިލިއެމްޕަޔަރުގެ ބެޓެރީ އެކެވެ. އަދި ޕިކްސެލް އެކްސްއެލް ފޯނުގައި 3450 މިލިއެމްޕަޔަރުގެ ބެޓެރީ އެއް ހިމަނާފައިވެއެވެ.

ދެވަނައަށް އެންމެ އަވަހަށް ފުލް ޗާޖުވެފައިވަނީ ޕިކްސެލް އެކްސެލް ފޯނެވެ. އެއީ ދެ ގަޑިއިރާ ތިން މިނިޓް ތެރޭގައެވެ. އޭރު އައިފޯން ޗާޖުވެފައިވަނީ 86 ޕަސެންޓެވެ. އައިފޯން ފުލް ޗާޖުވެފައިވަނީ ތިން ގަޑިއިރާ 27 މިނިޓުންނެވެ.

ސެމްސަންގ ގެލެކްސީ އެސް 7 އެޖް ފޯނަކީ އައިފޯނާއި، ޕިކްސެލް އެކްސެލް ފޯނުގެ ކުރިން ބާޒާރަށް ތައާރަފް ކޮށްފައިވާ ފޯނެކެވެ. އެސް 7 އެޖް ބާރާޒަށް ނެރެފައިވަނީ މިއަހަރުގެ މާޗު މަހު ތެރޭގައެވެ. އައިފޯން 7 ޕްލަސް ސެޕްޓެމްބަރު މަހު ނެރެފައިވާއިރު، ގޫގުލް ޕިކްސެލް އެކްސްއެލް ނެރެފައިވަނީ ނިމިދިޔަ އޮކްޓޯބަރު މަހުތެރޭގައެވެ.

އެސް 7 އެޖް އާއި، ޕިކްސެލް އެކްސެލް ފޯނާ ހިލާފަށް އައިފޯނު 7 ޕްލަސްގައި ފާސްޓް ޗާޖިން އެއް ނުހިމެނޭއެވެ.

އައިފޯން ގެންގުޅޭ ފަރާތްތަކުން އައިޕެޑްގެ ޗާޖަރަކުން ޗާޖު ކޮށްލުމުން ތަންކޮޅެއް އަވަހަށް ފޯނު ޗާޖުކޮށްލެވިދާނެ އެވެ. އެޕަލް އިން ފޯނާ އެކު ފޮށީގައި ހިމަނާ ޗާޖަރުގެ ވޯލްޓޭޖް މަތިކޮށްލައިފިނަމަ އެއީ އައިފޯނު ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ހިތްހަމަ ޖެހުމެއްކަން ޔަގީނެވެ.

comment ކޮމެންޓް