ރާއްޖޭގެ ގައުމީ ސަލާމުގެ ރާގު ހެއްދެވި ލަންކާގެ މައެސްޓްރޯ ނިޔާވެއްޖެ

ޕަންޑިތު އަމަރަދޭވަ--

ދިވެހި ގައުމީ ސަލާމުގެ ރާގު ހެއްދެވި ލަންކާގެ މިއުޒީޝަން ޕަންޑިތު އަމަރަދޭވަ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އުމުރުން 88 އަހަރުގައި އޭނާ ނިޔާވީ ސްރީ ޖަޔަވަރްދަނަޕޫރަ ޓީޗިންގް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާގެ ސިއްހީ ހާލަތު ދަށްވެ ހޮސްޕިޓަލަށް ގެންދިޔައީ ވެސް މިއަދުއެވެ.

މުހައްމަދު ޖަމީލު ދީދީ ލިޔުއްވި ގައުމީ ސަލާމަށް ޕަންޑިތު އަމަރަދޭވަ އަމިއްލަ ރާގެއް ހައްދަވައި ދެއްވީ 1972 ވަނަ އަހަރު އެވެ. އޭނާ އެކަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އެދިވަޑައިގަތުމަކަށެވެ.

އޭގެ ކުރިން ގައުމީ ސަލާމުގެ ރާގުގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ އިނގިރޭސި ރާގެއް ކަމަށްވާ "އޯލްޑް ލޭންގް ސައިން" އެވެ.

ޕަންޑިތު އަމަރުދޭވަ މެދުވެރިކޮށް ގައުމީ ސަލާމް، އަމިއްލަ ރާގަކަށް ބަދަލު ކުރީ އިނގިރޭސި ރާނީ ރާއްޖެވަޑައިގެންނެވި ހަފްލާއާ ގުޅިގެންނެވެ.

އަމަރަދޭވަ އަކީ ސުރީލަންކާގައި އުފެދުނު އެންމެ ވަރުގަދަ އެއް މިއުޒީޝަނެވެ. އަދި މޮޅު ލަވަކިޔުންތެރިއެކެވެ.

comment ކޮމެންޓް