ހުސެއިން އާދަމް ރައްދުދިން ބަޑި ދައްކާލައިފި

ހުސެއިން އާދަމް ގެންގުޅުއްވި ބަޑި ދައްކާލުން-- ފޮޓޯ: އަވަސް

މީގެ 28 އަހަރުކުރިން 1988 ވަނަ އަހަރު ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ރަޙުމްކުޑަ ބައިގަނޑަކާ ގުޅިގެން ދިން އެ އަނިޔާވެރި ހަމަލާތަކުގައި 19 ދިވެއްސެއް ޝަހީދުކޮށްލި އިރު އެ ދުވަހުގެ ބަތަލް ޝަހީދު ހުސެއިން އާދަމް ގެންގުޅުއްވި ބަޑި އާންމުކޮށް ދައްކާލައިފި އެވެ.

އެރޭ ސިފައިންގެ ގޭޓް ޑިއުޓީގައި ހުންނެވި ޝަހީދު ހުސެއިން އާދަމް އަކީ އެހަމަލާގައި ދިވެހި ރާއްޖެ ސަލާމަތްކުރުމަށް ޝަހީދުވެގެން ދިޔަ ނަމޫނާ ޝަހުސިއްޔަތެކެވެ. ދުޝްމަނުންނަށް ސިފައިންގެއަށް ވަނުން ހުއްޓުވައި އެހެން ސިފައިން ތައްޔާރުވުމަށް ފުރުސަތު ލިބުނީ ހުސެއިން އާދަމްގެ މަސައްކަތުންނެވެ. ދުޝްމަނުންގެ ފުރަތަމަ ހަމަލައާ އެކު ރައްދުގައި ހުސެއިން އާދަމް ހަމަލާދެއްވި އެވެ.

ހުސެއިން އާދަމް ޝަހީދުވެފައި---

ޝަހީދުންގެ ބިނާ ދިދަ ނެގުމަށް މިއަދު ފަތިސް ނަމާދަށް ފަހު ބޭއްވި ރަސްމިއްޔާތުގައިވަނީ އެބަޑިދައްކާލާފަ އެވެ. އެއީ އޭކޭ47 ގެ ބަޑިއެކެވެ. މީގެ ކުރިން ވެސް ބައެއް ރަސްމިއްޔާތުތަކުގައި އެބަޑި ދައްކާލާފައިވެ އެވެ.

ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އިލާމްގެ 80 ހަނގުރާމަވެރިން ދެ ދިވެހިން ކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރު އާއިއެކު ރާއްޖެއަރައި ސިފައިންގެ މައިމަރުކަޒަށް އެއް ފަހަރާ ތިން ދިމާލުން ވަރުގަދަ ހަމަލާތަކެއްދިނެވެ. އޭގެތެރޭގައި ޕޮލިސް ހެޑްކްއޯޓާއަށް ދިން ހަމަލާއާއި މެއިންގޭޓަށް ދިން ހަމަލާގެ އިތުރުން ހުޅަނގުފަރާތު ފާރުގޮއްވާލައިގެން ދިން ހަމަލާ ހިމެނެ އެވެ. ހަމައެއާ އެކު ރިޔާސީގަނޑު ދެ ގޭޓަށް ވަނީ ހަމަލާތައް ދީފަ އެވެ.

ދުޝްމަނުންގެ ހަމަލާތަކަށް ރައްދުގައި ދިވެހި ސިފައިންވެސް ދިޔައީ ރައްދުގައި ހަމަލާދެމުންނެވެ. ހުސެއިން އާދަމް ޝަހީދުވީ ހަމަލާތައް ދެމުންދަނިކޮށް ވަޒަން ހުސްވެގެން ރައްދުގައި ހަމަލާނުދެވިގެންނެވެ.

comment ކޮމެންޓް