އަހަރެއްގެ ތެރޭގައި ފޭސްބުކްގެ ފައިދާ 165 ޕަސަންޓު މައްޗަށް!

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް --- އޭއެފްޕީ ފޮޓޯ

މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކާއި މެސެޖިންގް އެޕް "މެސެންޖާ"އާއި "ވަޓްސްއެޕް"ގެ އިތުރުން ފޮޓޯ ޝެއާރިންގް ނެޓްވޯކް އިންސްޓަގްރާމް ހިންގާ ފޭސްބުކް ކުންފުންޏަށް ލިބުނު މާލީ ފައިދާއަށް އަހަރު ދުވަސް ތެރޭގައި 165 ޕަސަންޓުގެ ކުރިއެރުން ލިބިއްޖެ އެވެ.

ފޭސްބުކުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ލިބިފައިވާ ފައިދާއަކީ 2.38 ބިލިޔަން ޑޮލަރެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު އެއީ 1.4 ބިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. ނުވަތަ 165 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފޭސްބުކަށް ލިބުނު އާމްދަނީއަކީ އެންމެ 896 މިލިޔަން ޑޮލަރެވެ.

ތިން ވަނަ ކުއާޓަރުގެ އާމްދަނީއަށް ބަލާއިރު، އެ ކުންފުންޏަށް ލިބިފައި ވަނީ 7.01 ބިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 4.5 ބިލިޔަނަށް ވުރެ 56 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިއީ ފޭސްބުކަށް ލިބޭނެ ކަމަށް އަންދާޒާ ކުރި 6.96 ބިލިޔަން ރުފިޔާގެ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެއްކަން ފާހަގަ ކުރެވެ އެވެ.

މިއީ އެނެލިސްޓުންގެ ލަފާކުރުންތަކަށް ވުރެ ވެސް އިތުރަށް އާމްދަނީ އާއި ފައިދާ ފޭސްބުކްއިން ޖެހިޖެހިގެން ހޯދަމުން އަންނަތާ ހަ ވަނަ ކުއާޓަރެވެ.

ފޭސްބުކަށް ލިބުނު އާމްދަނީގެ 84 ޕަސަންޓު ލިބިފައި ވަނީ އިޝްތިހާރުތަކުންނެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އިޝްތިހާރުން ލިބުނު އާމްދަނީއަކީ ޖުމްލަ އާމްދަނީގެ 78 ޕަސަންޓެވެ.

ފޭސްބުކަކީ ބޮޑެތި ފައިދާތަކެއް ޖައްސަމުން އަންނަ، ކާމިޔާބު ކުންފުންޏެކެވެ. މިދިޔަ ހަތަރު އަހަރު ދުވަހު، ފޭސްބުކުން ދަނީ އަހަރުން އަހަރަށް ބަލާއިރު ކޮންމެ ކުއާޓަރެއްގައި ވެސް އެ ކުންފުންޏަށް ލިބޭ އާމްދަނީ މަދުވެގެން 35 ޕަސަންޓުން އިތުރުކުރަމުންނެވެ.

ފޭސްބުކްގެ އެކްޓިވް ޔޫޒަރުންގެ އަދަދަކީ 1.79 ބިލިޔަން މީހުންނެވެ.

comment ކޮމެންޓް