ވަކިވަކި ފަރުދުންގެ އަތުން އިތުރު ޓެކުހެއް ނުނެގުމަށް ޔޫއޭއީން ނިންމައިފި

ދިރްހަމް --

ވަކިވަކި ފަރުދުންގެ އަތުން، ނުވަތަ އާންމު ފަރުދުންގެ އަތުން އިތުރު ޓެކުހެއް ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފިއެވެ.

ޔޫއޭއީގެ ފިނޭންސް މިނިސްޓްރީގެ އަންޑަ ސެކެއްޓަރީ، ޔޫނުސް އަލް ޚޫރީ ވިދާޅުވީ، މިހާރު ނަގަމުންދާ ފީތަކާއި ޓެކްސްތަކުގެ އިތުރުން، އެހެން ޓެކުހެއް ނުވަތަ ފީއެއް ނުނެގުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވާއިރު ގަލްފުގެ އެކި ގައުމުތަކުން ދަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައިވުމާ ގުޅިގެން ސަރުކާރުތަކުގެ އާމްދަނީ އިތުރު ކުރުމަށް އެކި އުސޫލުތައް ތައާރަފް ކުރަމުންނެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން ވެލިއު އެޑެޑް ޓެކްސްގެ ގޮތުގައި ޓެކުހެއް ނަގަން ގަލްފްގެ ހަ ގައުމަކުން ވަނީ އެއްބަސްވެފައެވެ.

ޔޫއޭއީން ވަކިވަކި ފަރުދުންގެ އަތުން އިތުރު ޓެކުހެއް ނުނަގަން ނިންމާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓު ވަނީ ފާސްކޮށްފައެވެ. އެގޮތުން އަންނަ އަހަރަށް އެގައުމުން ފާސްކޮށްފައިވަނީ 13.3 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ. ޚޫރީ ވިދާޅުވީ އަލަށް ނެގުމަށް ހަމަޖައްސާފައިވާ ވެލިއު އެޑެޑް ޓެކްސްގެ ސަބަބުން ބަޖެޓަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ.

comment ކޮމެންޓް