ޒުވާނުންގެ އިނާމަށް ސާޅީހަށް ވުރެ ގިނަ ފަރާތަކުން ކުރިމަތިލައިފި

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ޒުވާނުންގެ ގައުމީ އިނާމަށް މިއަހަރު ސާޅިހަށް ވުރެން ގިނަ ފަރާތުން ކުރިމަތިލައިފި ކަމަށް ޒުވާނުންނާ ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒުވާނުންގެ ދުވަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ސައުކަތު ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު އެވޯޑަށް ތަރުހީބް ބޮޑު ކަމަށާއި ނަތީޖާއެއްގެ ގޮތުން ކުރިމަތިލި ފަރާތްތަށް އިތުރުވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ތަރުހީބް އިތުރުވެގެން ދިޔަ ސަބަބަކީ ޒުވާނުން މި ސަރުކާރާ މެދު އޮންނަ އުންމީދު އާއި ގުޅުން ރަނގަޅު ކަމުގެ މިސާލެއް. ގާތްގަޑަކަށް މިވަނީ ސާޅީހަށް ވުރެން ގިނަ ފަރާތްތަކެއް ކުރިމަތިލާފަ،" ނާއިފު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންނަށް ހާއްސްކޮށްގެން ދެވޭ އެވޯޑްގެ މަގުސަދަކީ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަށް ޒުވާނުންގެ އެމްބެސެޑަރުންގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"އަޅުގަނޑުމެން ބޭނުންވަނީ ރައީސް ޔާމިންގެ މެނިފެސްޓޯގައި ވާގޮތުން ޒުވާނުން ބާރުވެރިކުރުވައި އަދި ޒުވާނުންގެ އެކިއެކި މަސަތްކަތްތަކުގަ ކިހާވަރަކަށްތޯ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް އެ ބޭފުޅުންގެ މަސަތްކަތް ކުރައްވަނީ. އެ ފަރާތްތަށް އެކި ކެޓަގަރީތައް ކުރެވިގެން އެވޯޑުތައް މިދެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުންގެ އިނާމަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ އިނާމެކެވެ.

އެގޮތުން މިއަހަރު ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ތަފާތު 10 ދާއިރާއަކުންނެވެ. އެއީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމުގެ ދާއިރާ، ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއާއި ދަރުމަވެރިންގެ ދާއިރާގެ އިތުރުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިންނެވެ.

މީގެ އިތުރުން ކުށްމަދުކުރަން މަސައްކަތްކުރުމުގެ ދާއިރާ އާއި ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުމުގެ ދާއިރާ އާއި އާޓް އެންޑް ކަލްޗާގެ ދާއިރާއާއި ވިޔަފާރި އަދި އިގްތިސޯދުގެ ދާއިރާގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ އިން ވެސް މިއަހަރު ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައިވެ އެވެ.

ޒުވާނުންގެ ގައުމީ އިނާމުގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޒުވާނުންގެ އިނާމް ލިބޭ ކޮންމެ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަކާއި 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ޒުވާނުންގެ އިނާމު ދިނުމަށް ބާއްވާ ޙާއްސަ ހަފްލާ އޮންނާނީ މިމަހު 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް