ފޭދުއާއި، ކަނޑިތީމު އަދި ގުރައީދޫން އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހޯދި ފޭދޫ ---

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ސ. ފޭދު އާއި ށ. ކަނޑިތީމު އަދި ކ. ގުރައިދޫ ހޯދައިފި އެވެ.

އައްޑޫ ސިޓީގެ ޗެމްޕިއަންކަން ފޭދޫ ހޯދާފައި ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގްރޫޕްގައި ދެން ހިމެނޭ މަރަދޫފޭދު އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ފޭދޫ މޮޅުވި އިރު، ދެ ވަނަ މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. އެ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ހޮވިފައި ވަނީ ފޭދޫގެ މުހައްމަދު ޝިފާހު އެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދާފައި ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ބިލެއްފަހި އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެ ގްރޫޕްގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރީ ކަނޑިތީމުންނެވެ. އެ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ހޮވިފައި ވަނީ ކަނޑިތީމުގެ މުހައްމަދު ޝާންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކަނޑިތީމު ---

ކ. އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ ހޯދާފައި ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ގުޅި އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ގްރޫޕްގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ ގަރައިދޫންނެވެ. އެ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެސް ހޮވިފައި ވަނީ ގުރައިދޫގެ އަހްމަދު ސަމާއު އެވެ.

އެ މުބާރާތުގެ ހއ. އަތޮޅާއި، ރ. އަތޮޅާއި، ހދ. އަތޮޅު އަދި ފ. އަތޮޅު ގްރޫޕްގެ މެޗުތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ވަށަފަރުން ހޯދާފައިވާ އިރު، ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދުވާފަރެވެ. ހދ. އަތޮޅުގެ ޗެމްޕިއަންކަން ނާވައިދޫ ހޯދި އިރު، ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ނިލަންދޫ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރުން ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޒޯން ބުރުން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ބުރު ކުރިއަށްދާނީ އަތޮޅުތައް ނުވަތަ މާލޭގެ އަވަށްތަކުގެ މެދުގަ އެވެ. ފުރަތަމަ ބުރުން އެންމެ ކުރީގައި އޮންނަ ޓީމުތަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގުރައިދޫ ---

އެ މުބާރާތުގެ ފުރަތަމަ ބުރަކީ ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ދެ ޓީމަށްވުރެ ގިނައިން ވާދަކުރާ އަތޮޅު ނުވަތަ އަވަށްތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ، އެ ޓީމަކަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެ އެވެ.

މިހާތަނަށް އަތޮޅުގެ ބުރުގެ ޗެމްޕިއަންކަން ހޯދި ގއ. ކަނޑުހުޅުދޫ، ހއ. ވަށަފަރު، ރ. ދުވާފަރު، ހދ. ނާވައިދޫ، ނ. ނިލަންދޫ، ސ. ފޭދޫ، ށ. ކަނޑިތީމު، ކ. ގުރައިދޫއާއެކު ނ. ހޮޅުދޫ، ޅ. ހިންނަވަރު، އއ. އުކުޅަސް، އދ. މާމިގިލި، ވ. ފުލިދޫ، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ޏ. ފުވައްމުލަކުގެ މިސްކިތްމަގު ޓީމު އަދި ހެންވޭރުގެ ރޮކްސްޓްރީޓް އެސްސީ ވެސް ޒޯން ބުރުގައި ވާދަކުރާނެ އެވެ.

އެ މުބާރާތުގެ ޒޯން ބުރަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އެ ބުރުން ޗެމްޕިއަންކަން ހޯދާ އަށް ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ.

ޖުމްލަ 50 ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.

comment ކޮމެންޓް