އާ ޓާމިނަލް މަސައްކަތް ކުރުމަށް ބިންލާދިން ގްރޫޕުން ސާވޭ ކުރަން ފަށައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު --

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ކޮންޓްރެކްޓަރު، ޓާމިނަލް އަޅާ ބިމުގެ ސަރަހައްދު ސާވޭ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓުގެ ތަރައްގީގެ މާސްޓާޕްލޭނާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ޓާމިނަލަކީ ކޮންޓްރެކްޓަރު އަމިއްލައަށް ޑިޒައިންކޮށްގެން އަޅާ ތަނެއް ކަމަށާއި، އެތަން ޑިޒައިންކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އައިއެންއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމަށް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާއެވެ. މިއީ ގާތްގަނޑަކަށް 300 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ދެކުނަށްވާ ސަރަހައްދަށެވެ. އެކަމަށްޓަކައި، އެދިމާލުން ކުރިމަތީގައި އޮތް ފަޅުގެ ސަރަހައްދު ވަނީ ނެރާ ދިމާލުން ހިއްކައިފައެވެ. އަދި މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނުން މީގެ ކުރިން ހުރި ބޮންޑެޑް ވެއާހައުސްތައް ހުޅުމާލެއަށް ބަދަލުކޮށް، އަދި އެތަނުގައި ހުރި އެމްއޭސީއެލްގެ އިދާރީ އޮފީސްތައް، ހުޅުލޭގެ އިރުމަތީ ފަރާތުގައި އަލަށް ހެދި އިމާރާތްތަކަށް ވަނީ ބަދަލުކޮށް ނިންމައިފައެވެ.

އާދިލް ވިދާޅުވި ގޮތުގައި، ސައުދީ ބިންލާދިން ގްރޫޕުން މިހާރު ވަނީ އާ ޓާމިނަލްގެ ޑިޒައިންކުރުން ގާތްގަނޑަކަށް ނިންމައި، ޓާމިނަލް އަޅާ ބިމުގެ ސަރަހައްދު ސާވޭ ކުރަން ފަށައިފައެވެ.

"މިހާރު އެ ދަނީ ސާވޭ ކުރަމުން. މިހާރުވެސް އެ ޓީމު [މިތަނުގައި] އެސްޓެބްލިޝްވެފައި އެ އޮތީ،"

އާދިލް ވިދާޅުވީ، ޓާމިނަލް އަޅައި، އެތަނުގެ ބޭނުން ހިފުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ބަލަނީ ތިން އަހަރު ވަރު ވާނެ ކަމަށް މުޅި ޓާމިނަލް ފަންކްޝަނަށް ގެންނަން. ޓާމިނަލް އެޅުމުގެ ޑިއުރޭޝަނަށް ބަދަލެއް ނާދޭ. އެކަމަކު ނިމޭ ތާރީޚު ލަސްވުމުގެ ފުރުސަތު އެބަ އޮތް،"

އެގޮތުން، މުޅި ތަން އޮޕަރޭޝަނަށް ގެނެވޭނީ 2019 ވަނަ އަހަރު ކަމަށް އާދިލް ވިދާޅުވި އެވެ. ނަމަވެސް ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް 2018 އަށް ނިންމަލެވޭތޯ މަސައްކަތް ކުރާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

އާ ޓާމިނަލް އަޅަނީ 80،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

އާ ޓާމިނަލް އެޅުމާ އެކު، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓު ކުރުމަށް، ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގަ އެވެ.

comment ކޮމެންޓް