މޯލްޑިވިއަނުން އާ ސީޕްލޭނެއް ގެނެސް، ފްލީޓަށް 10 ބޯޓު ހަމަކޮށްފި

މޯލްޑިވިއަންގެ 10 ވަނަ ސީޕްލޭން މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޓްވިން އޮޓާ މަރުކާގެ އާ ބޯޓެއް ގެނެސް، އެ އެއާލައިންގެ ސީޕްލޭން ފްލީޓަށް 10 އެއާކްރާފްޓު ހަމަކޮށްފިއެވެ.

ކެނެޑާގެ ކެލްގަރީން މި މަހުގެ 25 ވަނަ ދުވަހު ފުރައިގެން އެ ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މޯލްޑިވިއަންއިން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ އެޗްސީ6 ޓުވިން އޮޓާ މަރުކާގެ އެއާކްރާފްޓުތަކުގައި ފްލޯޓު ހަރުކޮށްގެންނެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާދު ހަމީދު "ސަން" އަށް ވިދާޅުވީ، މި ބޯޓުގައި ފްލޯޓު ހަރުކޮށް، 10 ދުވަހުގެ ތެރޭގައި އެ ސީޕްލޭން ވެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އެންމެ ފަހުން ބޯޓެއް ގެނެސްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ.

ސީޕްލޭން ފްލީޓަށް މޯލްޑިވިއަންއިން 10 ބޯޓު މިއަދު ހަމަކޮށްފައިވާ އިރު، އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް8 މަރުކާގެ އަށް ބޯޓާއި ބައިނަލްއަގުވާމީ ދަތުރުތަކަށް އެއާބަސް 321 މަރުކާގެ ބޯޓަކާއި އެއާބަސް 320 މަރުކާގެ ބޯޓަކާ އެކު، އެ އެއާލައިނުގެ ފްލީޓުގައި ޖުމްލަ 20 އެއާކްރާފްޓު އޮވެއެވެ.

comment ކޮމެންޓް