ތޮއްޑޫ ކަރާ ދަނޑުތައް ރޯދައަށް ފައްކާވެފައި!

އއ. ތޮއްޑޫން: މަރިޔަމް ރާނިޔާ
މިރަށަށް އާދެވުމުން ކަރާ ދަނޑުތައް ބަލައިލަން ދިޔައިމެވެ. ފެނުނީ ގިނަ ބަޔަކު ރޯދައަށް ތައްޔާރުވުމަށް އަވަދިނެތި ކަރާ ހެއްދުމުގައި އުޅޭތީ އެވެ. ކަރާ ދަނޑުތަކުން ފެންނަމުންދިޔައީ ބިދޭސީންނާ ދިވެހިންނެނެވެ. ދަނޑުތަކުގައި މުޑުވައްކުރަމުން އަންނައިރު އަނެއް ބައި ދަނޑުތަކުގައި ކަރާ ވެޔޮ ވަކިހިއްޕާލައި ދެމެން ވަނީ ފަށާފަ އެވެ. ބަލައިލަން ވަރަށް ވެސް ރީތިވެފައި ފެއްސެވެ. ފައްކާވަމުން އަންނަ ކާރާތައް ބަލަމުން ވެޔޮތަކުގެ ތެރެއިން ހިނގައިގަތީމެވެ.

ދަނޑުވެރި އަލީ އަސީފު ބުނީ މިފަހަރުގެ ދަނޑުތައް ހެއްދުމުގެ މަސައްކަތް ދެތިން މަސްކުރިން ފައްޓާފައިވާ ކަމަށެވެ. އޭނާގެ ތަޖުރިބާއަށް ބަލައި ބުނަނީ ކަރާތައް މުޅިން ފައްކާވާނީ ރޯދަ އަށް ހަފުތާއަކާ ކައިރިވުމުން ކަމަށެވެ.

"ކަރާ ދަނޑުތައް ބެލެހެއްޓުމަކީ ބުރަ މަސައްކަތެއް. މިހާރު ގިނަ ދަނޑުތައް ބަލަހައްޓަމުން ގެންދަނީ ބިދޭސީ މަސައްކަތު މީހުން،" އަސީފު ބުންޏެވެ.

މި ރަށުގެ ދަނޑުވެރިން ބުނާ ގޮތުންނަމަ ރޯދަމަހު ކަރާ ދަނޑުތަކުން ދުވާލެއްގެ މައްޗަށް 100 ކަރާ ލިބޭނެ އެވެ. އެ ވިއްކައިގެން ސާފު ފައިދާގެ ގޮތުގައި މުޅި ރޯދަ މަހަށް 25،000 ރ. ލިބޭނެ އެވެ. މިފަހަރު މިރަށުން ދަނޑުވެރިންނަށް ދޫކޮށްފައި ވަނީ 150 އާއި 100 ފޫޓްގެ ދަނޑުތަކެވެ.

މިރަށުގެ ކައުންސިލު މެންބަރު މޫސާ ފާރޫޤު ވިދާޅުވީ ރޯދައަށް ކާރާ ހައްދަން މިއަހަރު 146 ދަނޑު ދޫކޮށްފައިވާ ކަމަށާއި މިދިޔަ އަހަރަށްވުރެ ކަރާ ދަނޑުތަކުގެ ސައިޒު އެވްރެޖްކޮށް ބޮޑުކޮށްފައިވާ ކަމަށެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް އެރަށުން ތިނެއް ނޫނީ ހަތަރު ދޯނީގެ ކަރާ ބަރުކޮށްގެން މާލެ ފުރުވައިލެވޭނެ ކަމަށް މޫސް ވިދާޅުވި އެވެ.

" މިދިޔަ ރޯދަ މަހު ދުވާލެއްގެ މައްޗަށް މާލެ ގެންދިޔައީ 2000 ކަރާ އެއީ 18 ޓަނުގެ ކަރާ، އެހެންނަމަވެސް މިއަހަރު މާލޭ އަށް ދުވާލެއްގެ މައްޗަށް 2500 ކަރާ މާލެ ގެންދާނެ، ވީމަ މި ރޯދަމަހު ގާތްގަނޑަކަށް 75،000 ކަރާ، އެއީ ތިންލައްކަ 3،75،000 ކިލޯ ކަރާ ތޮއްޑޫން މާލެ ގެންދާނެ ކަމަށް މިބަލަނީ، އެއަދަކީ އަންދާޒާކުރެވޭ އަދަދެއް އެއަށްވުރެ އިތުރުވުން އެކަށީގެންވޭ،" މޫސަ ވިދާޅުވި އެވެ.

ތޮއްޑޫ އިން ކަރާ ކިލޯއެއް ވިއްކާ އަގަކީ 12 ރ. ކަމަށްވާއިރު މިއަހަރުގެ މިރަށުން މާލެ ގެންދާ ކަރަލުން އާމްދަނީގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ރަށަށް ވަންނާނެ ކަމަށް ދަނޑުވެރިން ބުނެ އެވެ.
މި ރަށުގެ ދަނޑުވެރިން ކަރާ ހެއްދުމުގައި ގެނެސްފައިވާ ބަދަލުތަކާއެކު މިއަހަރުވެސް އެންމެ އިސްކަމެއްދީފައި ވަނީ "ކަޅުކަރާ" ހައްދާށެވެ.

"ހުދުކަރާވެސް މަދެއް ނުވާނެ. އެމްޑީޕީ ކަރާވެސް އުޅޭނެ،"

މިރަށުގެ ދަނޑުވެރިކަމުގައި 15 އަހަރު ވެފައިވާ އަލީ އަބްދުﷲ ބުނީ މޫސުން ރަނގަޅަށް އެތޮމުގެ ސަބަބުން މިފަހަރު ހުރިހާ ދަނޑުތަކެއް ވެސް އޮތީ ވަރަށް ފެޖިކޮށް ރީތިކޮށް ކަމަށާއި މިފަހަރު މިއީ ތޮއްޑޫގެ ކަރާގެ ދަނޑުވެރި ކަމަށް "ލަނޑެއް" ނުލިބި ދާ ފަހަރެއް ކަމަށެވެ. ފައިދާގެ ގޮތުގައި ބޮޑު އެއްޗެއް މިފަހަރު ލިބޭނެ ކަމަށް އަލީ ވެސް ބުންޏެވެ.

" ކަރާ ހައްދައިގެން ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ހަރަދުވަނީ މުޑުވައްކުރުމާއި ގަސްކާނާއަށާއި ކެމިކަލްތަކުގެ އިތުރުން ގެންގުޅޭ ބިދޭސީ މީހުންގެ ހަރަދަށް، އެކަމަކު މިފަހަރު ރަނގަޅު އެއްޗެއް ލިބޭނެ،" އަލީ ބުންޏެވެ.
ޖައުފަރު އާދަމް ބުނިގޮތުގައި ކަރާ މޫސުމް ރަނގަޅަށް ދިޔަ ނަމަވެސް މާލެ ގެންގޮސް ވިއްކުމުގައި އަބަދުވެސް ދިމާވާ ދަތިތަކާ މިފަހަރު ވެސް ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުން ކަރާ ވިއްކާނެ ޖާގައެއް ނުލިބުމާއި ނުއަގުގައި ކަރާތައް އަވަހަށް ވިއްކަން ޖެހުމުގެ ހިތްދަތި ކަމާ މިފަހަރު ވެސް ކުރިމަތި ވާނެ އެވެ.
" އެކަށީގެންވާ ގޮތުގައި ކަރާތައް ވިއްކާ ލެވިއްޖެނަމަ ރަނގަޅު އެއްޗެއް ލިބޭ، ދަނޑުވެރިކަން ކުރުމުގައި މިވީ 22 އަހަރު ދުވަހު ތެރޭގައި ލިބިފައިވާ ތަޖުރިބާ އަށް ބަލާއިރު ކަރާ ހައްދައިގެން ހަރަދުތައް ކަނޑާފައި ގެއަށް ގެންދަން ލިބެނީ 30،000ރ." ޖައުފަރު ބުންޏެވެ.

މިރަށުގެ ކަރާ ދަނޑުތަކުގެ އިތުރުން ފަޅޮލާއި ބައްޓާއި ތޮޅި އާއި ކިޔުކަންބާ އާއި، ފެޝަންފުރްޓާއި ކޮފީ ފަތް ވެސް ރޯދައާ ދިމާކޮށް ތޮއްޑޫ ދަނޑުވެރިން ވަނީ ވަރަށް ގަދައަށް ހައްދާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް