ރަސްފަންނުގައި ކޭއެފްސީއާއި ޕިއްޒާ ހަޓްގެ ހިދުމަތް ފަށަނީ

ރަސްފަންނުގައި ހަދާ ޕެވޭލިއަން-- ފޮޓޯ: އިހުތިޝާމް

ރަސްފަންނު ބީޗްގައި ހަދާ ޕެވިލިއަންގައި މަޝްހޫރު ފްރެންޗައިޒް ދެ ބްރޭންޑެއް ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގުމަށް ނިންމައިފިއެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔްއެސްސީ)އިން ވަނީ ޕެވިލިއަންގެ ރެސްޓޯރެންޓް 10 އަހަރަށް ހިންގުމަށް ބްރަދާސް ކޭޓަރިންގއާ ހަވާލުކޮށްފައެވެ.

ބްރަދާސް ކޭޓަރިންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ނިޔާޒު ވިދާޅުވީ، ޕެވިލިއަންގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިހާރުވެސް ހިދުމަތް ނުދެވި ލަސްވެއްޖެ ކަމަށާއި ކުރިއަށް އޮތް ފަސް މަސް ތެރޭ ހިދުމަތްދޭން ފަށާނެ ކަމަށެވެ.

ރަސްފަންނުގެ މެދެއްހާ ހިސާބުގައި ހަދަމުންދާ އެ ޕެވެލިއަންގައި ފާހާނާއާއި ފެންވަރާ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ތަންތަނާއި ކެފޭއެއް ހިމެނެއެވެ.

ފަޒުލް ކުރިން ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފާހާނާ އާއި ފެންވަރާތަންތަން ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި ތާރީހު މިހާރު ފަހަނައަޅައިގޮސްފިއެވެ.

comment ކޮމެންޓް