ވިލާ ކޮލެޖުގެ ރެކްޓަރަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފި

ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު --

ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކޮލެޖެއް ކަމުގައިވާ، ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރަށް އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ (އޯޔޫއެމް)އިން އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފި އެވެ.

އޮނަރަރީ ޑިގްރީއަކީ، އެކި ދާއިރާތަކަށް ނުވަތަ މުޖުތަމަޢަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް، ޔުނިވާސިޓީ ނުވަތަ ކޮލެޖަކުން އަރުވާ ރަމްޒީ، ޝަރަފުގެ ޑިގްރީއެކެވެ.

ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަންވަރަށް އޯޔޫއެމްއިން އަރުވާފައި ވަނީ ތައުލީމީ ދާއިރާގެ އޮނަރަރީ ޑޮކްޓަރޭޓެކެވެ. މިއަދު މެލޭޝީއާގެ ކުއާލަ ލަމްޕޫރުގައި އޮތް އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާގެ 19 ވަނަ ކޮންވޮކޭޝަން ހަފްލާގައި، އެ އޮނަރަރީ ޑިގްރީ ޑރ. އަންވަރަށް އެރުވީ، ރާއްޖޭގެ ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ޑރ. އަހްމަދު އަންވަރު ޕްރައިމަރީ ޓީޗިންގް ޓްރެއިންިނގް ސެޓްފިކެޓެއް އިންޑިއާގެ މައިސޫރުން ހާސިލުކުރެއްވި އިރު، ތައުލީމީ ދާއިރާއިން އިތުރަށް ކިޔަވައި ވިދާޅުވީ ސްކޮޓްލެންޑާއި އިނގިރޭސި ވިލާޓުންނެވެ.

ތައުލީމީ ދާއިރާއިން ޑރ. އަންވަރު ޕީއެޗްޑީ ހައްދަވައި، ޑޮކްޓަރޭޓް ހާސިލުކުރެއްވީ 2008 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްއިންނެވެ.

ވިލާ ކޮލެޖު އުފެއްދުމުގައި ވެސް ފާހަގަ ކޮށްލެވޭ ބޮޑު ރޯލެއް އަދާކުރެއްވި ޑރ. އަންވަރު 2007 ވަނަ އަހަރު ވިލާ ކޮލެޖުގެ ރެކްޓަރުގެ މަގާމަށް ވަޑައިގަތީ، ސަރުކާރުގައި ތައުލީމީ ދާއިރާގައި 35 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި ޑރ. އަންވަރު ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އޭރުގެ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު)ގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައި، މަތީ ތައުލީމު ރެގިއުލޭޓު ކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރައްވައިފަ އެވެ.

ތައުލީމީ ދާއިރާގެ އިތުރުން ޑރ. އަންވަރު ވަނީ އެސްޓީއޯގައި ވެސް ޚިދުމަތް ކުރައްވައިފައެވެ. އަދި ށ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގައި ފ. އަތޮޅު ތަމްސީލުކުރައްވާ މެމްބަރުކަން ވެސް ޑރ. އަންވަރު އަދާކުރެއްވި އެވެ.

ޑރ. އަންވަރު ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، 2011 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާއަށް ދެއްވައިފައެވެ.

comment ކޮމެންޓް