އީވާ، އިބޫ އަދި ފައިސަލް އަލުން ޕާޓީތަކުގައި ރެޖިސްޓްރީކޮށްފި

އިބްރާހީމް މުހައްމަދު ސާލިހް، (ކ) ފައިސަލް ނަސީމް، (މ) އީވާ އަބްދުﷲ (ވ)

ފިންގަ ޕްރިންޓް ނުޖަހާ ފޯމު ހުށަނާޅާތީ ޕާޓީން ވަކި ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ޕާޓީތަކުގައި އަލުން ރަޖިސްޓްރީ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ޕާޓީން ވަކި ކުރި މަޖިލިސް މެމްބަރުން ޕާޓީތަކުގައި އަލުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަލުން ޕާޓީތަކުގައި ރަޖިސްޓްރީ ކުރީ ފިންގަ ޕްރިންޓް ޖެހި ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އީވާ އިބޫ އަދި ފައިސަލް ޕާޓީތަކުގައި ރެޖިސްޓްރީކޮށް މިހާރު މަޖިލީހަށް އެކަން އަންގާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ފިންގަޕްރިންޓް ޖެހި ފޯމު ހުށަނާޅާ މެމްބަރުން ޕާޓީން ވަކިކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގައި ވާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވެވޭނީ ފިންގަ ޕްރިންޓާ އެކު ފޯމު ހުށަހަޅާ ފަރާތްތަކަށެވެ.

އެ އިސްލާހަށް އަމަލުކުރަން ފެށުމާ ގުޅިގެން ޕާޓީތަކުން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވަކިވެފަ އެވެ. މީގެ ކުރިން އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ މިހާރު ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ. މިހާރު މެމްބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމެވެ.

comment ކޮމެންޓް