އައިފޯން 8 އަށް ކުރާ އުއްމީދާއި ފަތުރާ އެކި ވާހަކަތައް!

އެޕަލްގެ އުފެއްދުންތަކަކީ އަބަދުވެސް ކޮލިޓީ ރަނގަޅު، މީހުންގެ އިތުބާރު ހޯދާފައިވާ ޗާލު، މޮޅު އުފެއްދުންތަކެކެވެ. ޚާއްސަކޮށް އެ ކުންފުނިން އުފައްދާ އައިފޯނުގެ މޮޑެލްތަކަކީ މުޅި ދުނިޔެ ސިއްސުވާލާ މޮޑެލްތަކެކެވެ. އައިފޯން 7 ނެރުމާއެކު ޓެކްނޮލަޖީއަށް ލޯބިކުރާ އެންމެންގެ ނަޒަރު ހުއްޓުނީ އެއަށެވެ.

އައިފޯން 7 ގަތުމަށް ބައެއް މީހުންގެ އަމިއްލަ ހަށިގަނޑު ގުނަވަންތައް ވިއްކިއިރު، ބައެއް މީހުން މީހުން ދަނީ އަމިއްލަ ނަން "އައިފޯން 7" އަށް ބަދަލުކޮށް ފޯނު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ކޮންމެއަކަސް އައިފޯނުގެ ސަބަބުން ދުނިޔެއަށް ކުރި "އިމްޕެކްޓް" ކިތަންމެހާވެސް ބޮޑެވެ.

އައިފޯން 7 ނެރުނުތާ އަދި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އައިފޯން 8 އަށް ކުރެވޭ އުއްމީދުތައް ބޮޑުވެއްޖެ އެވެ. އެއާ އެކު އެ ފޯނަށް ކުރެވޭ އިންތިޒާރު އިތުރުވެއްޖެއެވެ.

ބައެއް ސޯޝަލް މީޑިއާ ބްލޮގް ތަކުގައި ތުންތުން މަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު އައިފޯނުގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަންނަ އަހަރު އެޕަލް އިން ނެރޭ އައިފޯނު 8 ގެ ތިން ސައިޒެއް ހުންނާނެ އެވެ. ބައެއް ފަރާތްތަކުން މިހެން ބުނަމުން ދިޔަ ނަމަވެސް ގިނަ ފަރާތްތަކުން ވަނީ މި ވާހަކަ އަކީ ދޮގެއް ކަމަށް ބުނެފައެވެ.

ނިކެއި އޭޝިއަން ރިވިއު އިން ބުނި ގޮތުގައި، އެޕަލްގެ ކުރީގެ މޮޑެލްތަކާ ޚިލާފަށް އަންނަ އަހަރުގެ ތެރޭގައި ނެރޭ އައިފޯން 8 ގެ ކޭސިން އުފައްދާފައި ވާނީ ބިއްލޫރިންނެވެ. އަދި އައިފޯނުގެ 8 ގެ ތިން ސައިޒެއް ނެރޭނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ. އެގޮތުން 4.7 އިންޗީގެ ޑިސްޕްލޭ ހުންނަ ފޯނަކާއި ފަސް އިންޗީގެ ފޯނަކާއި 5.5 އިންޗީގެ ފޯނެކެވެ.

މީގެ އިތުރުން އާ އައިފޯނުގެ ޑިސްޕްލޭ ހުންނަ ފަރާތުގައި ސްޕީކަރުގެ އިތުރަށް ހޯމް ބަޓަން ނީންނާނެ ކަމަށްވެސް ނިކެއި އޭޝިއަން ރިވިއުއިން ބުނެއެވެ. އަދި އައިފޯނު 8 ގައި ބޭނުންކޮށްފައި ހުންނާނީ، އެލްސީޑީގެ ބަދަލުގައި އޯއެލްއީޑީ ސްކްރީނެއް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އެޕަލް އިން ހޯދަމުންދާ ކާމިޔާބީތަކަކީ ދުނިޔެ ހައިރާން ކުރުވާ ފަދަ ބޮޑެތި ކާމިޔާބީތަކެކެވެ.

comment ކޮމެންޓް