ޓީޗަރަކަށް ކާޑެއް ހަދައި ދީގެން ހޮޓެލް ޖެންގައި ދެ ދުވަސް ހުރުމުގެ ފުރުސަތު މީކައިލް އަށް

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ އެއްވަނަ އަށް ހޮވުނު މީކައިލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ އެއްވަނަ އަލީ މީކައިލް އަށް ލިބިއްޖެ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން 20 އަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ވަނަތަކަށް ހޮވުނު ކުދިންނަށް އިނާމު ހަވާލުކޮށްދެއްވީ މިއަދު އަޒުރް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮޓެލުގެ ޖެނެރަލް މެނޭޖަރު ގޯލްޑެން ވެސެލް ވައިޓްހެޑެވެ.

އެގޮތުން، މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ރެހެންދި ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން 10 އަހަރުގެ މީކައިލް އަށް އިނާމެއްގެ ގޮތުގައި ހޮޓެލް ޖެން އިން ވަނީ ތިން މީހުންނަށް ފުލްބޯޑުގައި އެ ހޮޓަލުގައި ދެ ދުވަސް ހުރުމުގެ ފުރުސަތު ދީފަ އެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ އެއްވަނަ އަށް ހޮވުނު މީކައިލް ހެދި ކާޑު

މީކައިލް ބުނި ގޮތުގައި، މިއީ އޭނާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ޓީޗަރުންނަކީ ވަރަށް މުހިއްމު ބައެއް ކަން ފާހަގަކޮށް މީކައިލް ވަނީ އޭނާއަށް ކާޑު ހައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރުއަދާ ކޮށްފަ އެވެ.

މުބާރާތުގެ ދެވަނަ އަށް ހޮވުނީ، ތާޖުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ހ. ތޮނާޑާ، އުމުރުން އަށް އަހަރުގެ މާޝީ މުހައްމަދު ބިލާލެވެ. އިނާމެއްގެ ގޮތުގައި މާޝީ އަށް ހޮޓެލް ޖެން އިން ހުށަހެޅީ ހޮޓެލް ޖެންގެ ޗިލް އެންޑް ރިލޭކްސް ޕެކޭޖެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ ދެވަނަ ހޯދި މާޝީ ހެދި ކާޑު ---

މުބާރާތުގެ ތިން ވަނަ އަށް ހޮޓެލް ޖެން އިން ހުށަހެޅީ ތިން މީހުންނަށް އެ ހޮޓަލުން ކޮމްޕުލިމެންޓަރީ ހައި ޓީ ބުފޭ އެކެވެ. އެ އިނާމު ހޯދީ ތާޖުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ، މ. ރަބާލޭން، އުމުރުން ނުވަ އަހަރުގެ އިބްރާހިމް މާދް ސާޖިދެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ ތިން ވަނަ ހޯދި މާދް ހެދި ކާޑު ---

މުބާރާތާ ގުޅިގެން ހޮޓެލް ޖެންގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖާ ނީނާ މުހައްމަދު ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުންނާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ބައެއް ދުވަސްތަކަށް ހާއްސަކޮށްގެން ހޮޓެލް ޖެން އިން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ހާއްސަ ޕްރޮގްރާމްތަކަކާ މުބާރާތްތައް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން، ޓީޗަރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހުޅުވާލުމުން އާއްމުންނާއި ސްކޫލްތަކުން ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި މުބާރާތަށް 40 އަށްވުރެ ގިނަ ހުށަހެޅުން ހުށަހެޅި ކަމަށެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ ކާޑު ހެދުމުގެ މުބާރާތުގެ ވަނަތަކަށް ދިޔަ ކުދިންނާއެކު އެ ހޮޓަލުގެ ޖެނެރަލް މެނާޖަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުމުރުން 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހުޅުވާލި އެ ފުރުސަތުގައި ލިބުނު ކާޑުތަކަށް ފަނޑިޔާރުކަން ކޮށްފައިވަނީ ހޮޓެލް ޖެންގެ މެނޭޖްމަންޓުގެ ޓީމުންނެވެ.

comment ކޮމެންޓް