ޕެސިފިކް ކަނޑު ހުރަސް ކުރަނިކޮށް ގެއްލުނު ޗައިނާގެ ފަޅުވެރިޔާ ހޯދުން ހުއްޓާލައިފި

ޗައިނާގެ ފަޅުވެރިޔާ ގޯ ޗުއާން -- ފޮޓޯ: އޭޕީ

ބެއިޖިން (އޮކްޓޯބަރު 27): ދުނިޔޭގެ ރިކޯޑެއް މުގުރާލުމަށްޓަކައި އެކަނިމާއެކަނި ޕެސިފިކް ކަނޑު ހުރަސް ކުރަން މަސައްކަތް ކުރަނިކޮށް ގެއްލުނު ޗައިނާގެ ފަޅުވެރިޔާ ގޯ ޗުއާން ހޯދުމުގެ މަސައްކަތް އެމެރިކާގެ ކޯސްޓު ގާޑުން ހުއްޓާލައިފި އެވެ.

ގޯ މަސައްކަތް ކުރީ އެމެރިކާގެ ސެން ފްރެންސިސްކޯއިން ޗައިނާގެ ޝެންހާއީ އަށް 20 ދުވަސް ތެރޭ ދަތުރު ކުރުމަށެވެ. އެއީ މިހާރު އޮތް 21 ދުވަހުގެ ރިކޯޑު މުގުރާލުމަށެވެ.

ނަމަވެސް އަންގާރަ ދުވަހު، ގޯ ހަވާއީ ކައިރީގައި އުޅެނިކޮށް ގޯގެ ސަޕޯޓު ޓީމާއި އޭނާއާ ވަނީ ގުޅުން ކެނޑިފައެވެ. އަދި އެމެރިކާގެ ކޯސްޓު ގާޑުން ހޯދި ހޯދުމުން ގޯގެ ޔޮޓާއި އޭނާގެ ލައިފް ޖެކެޓު ވަނީ އޮޔާ ދަނިކޮށް ފެނިފައެވެ. އެހެންކަމުން ކޯސްޓު ގާޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ކަމަށް ކޯސްޓު ގާޑުގެ ކެޕްޓަން ރޮބާޓް ހެންޑްރިކްސަން ވިދާޅުވި އެވެ.

ގޯ އަކީ ދުނިޔެ ވަށައި އެކަނިމާއެކަނި ކަނޑު ދަތުރު ކުރި ޗައިނާގެ ފުރަތަމަ ފަޅުވެރިޔާ އެވެ. (ބީބީސީ)

comment ކޮމެންޓް