އެމެރިކާއާއެކު ސޮއިކޮށްފައިވާ ދިފާއީ މުއާހަދާ އުވާލާނެކަމުގެ އިންޒާރު ފިލިޕީންސުން ދީފި

ޑުޓާޓޭ ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހުގައި ޓޯކިޔޯގައި

ޓޯކިޔޯ (އޮކްޓޯބަރ 27) : ދިފާޢީ ކަންކަމުގައި އެމެރިކާއަށް އެއްބާރުލުން ދިނުމަށާއި އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ފިލިޕީންސުން އަސްކަރީ ފަސޭހަތައް ދިނުމާބެހޭގޮތުން އެމެރިކާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އުވާލަންޖެހިދާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ދެއްވައިފިއެވެ.

ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ޑުޓާޓޭ ވިދާޅުވީ، ފިލިޕީންސްގައި މަރުކަޒުކޮށްގެންތިބޭ އެމެރިކާ ސިފައިން ދެއަހަރު ތެރޭގައި އެގައުމުން ބޭރުވާންޖެހޭނެ ކަމަށާ މިއާއެކު އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ފިލިޕީންސުން އަސްކަރީ ފަސޭހަތައް ދިނުމާބެހޭ އެއްބަސްވުންވެސް އުވާލަންޖެހޭ ކަމުގައެވެ. މިކަން އަވަސް ކުރަން ޖެހިއްޖެނަމަ އަވަސްކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް ޑުޓާޓޭ ވިދާޅުވިއެވެ.

ޑުޓާޓޭ ވިދާޅުވީ، ފިލިޕީންސަށް ބޭނުންވަނީ އަސްކަރީ ކަންކަމުގައި އެއްބާރުލުން ނޫންކަމަށާއި ފިލިޕީންސަށް ބޭނުންވަނީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކަމުގައެވެ. މިގޮތުން ފިލިޕީންސަށް ބޭނުންވަނީ މަދަނީ އިންފްރާސްޓްރަކްޗަރު ބިނާކޮށްދިނުމާއި ވަޒީފާނެތް މީހުންނަށް ވަޒީފާ ލިބޭނެގޮތް ހަދައިދިނުމާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކޮށްދީ ހަކަތައް އުފައްދައިދިނުންފަދަ ދާއިރާތަކުގައި އެހީތެރިކަމާއި އެއްބާރުން ދޭނެ ފަރާތްތަކެއް ކަމަށް ޑުޓާޓޭ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 65 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ފިލިޕީންސަކީ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭގައުމެކެވެ. އެގައުމުގެ ތައުލީމީ މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަޒީފާއެއްނެތި ބިކަ ހާލުގައި ދިރިއުޅެންޖެހިފައިވާއިރު ދެމިލިޔަނެއްހާ މީހުން ބޭރުގައުމުތަކުގައި އެކިއެކި ވަޒީފާތައް އަދާކުރަމުން ގެންދެއެވެ. އެމެރިކާއަކީ ފިލިޕީންސަށް މިނިވަންކަން ލިބުމަށްފަހު ފިލިޕީންސުން އެންމެ ގާތްވެގެންއުޅޭ ގައުމެވެ. ނަމަވެސް ފިލިޕީންސްގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެމެރިކާ މާބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. މީގެބަދަލުގައި އެމެރިކާ ގެންދިޔައީ ފިލިޕީންސާއެކު އަސްކަރީ މުއާހަދާއެއްގައި ސޮއިކޮށް ފިލިޕީންސްގެ ބިމުން އަސްކަރީ ފަސޭހަތައް ހޯދަމުންނެވެ.

ޑުޓާޓޭ ފިލިޕީންސްގެ ރައީސް ކަމަށް އިންތިޚާބު ކުރުމަށްފަހު އޭނާ ގެންދަވަނީ އެގައުމުގައި ފެތުރިފައިވާ ޖަރީމާތަކާ އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރައްވަމުންނެވެ. މިހަނގުރާމައަށް އެމެރިކާ އެއްބާރުލުން ނުދިނުމުގެ އިތުރުން އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ އިންސާނީ ހައްގުތައް ބަހަނާއަކަށް ހަދައިގެން މިހަނގުރާމައަށާއި ޑުޓާޓޭގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.

މިއާއެކު ޑުޓާޓޭ ވަނީ ފިލިޕީންސުން އެމެރިކާއާ ވަކިވެ ރަޝިޔާއާއި ޗައިނާ ގުޅުންތައް ބަދަހިކުރަން ގަސްދުކުރާކަން ހާމަކުރައްވާފައެވެ. އަދި އޭނާވަނީ ޗައިނާގެ އިގްތިސާދީ އެހީތައް ހޯދުމަށްޓަކައި މިދިޔަ ހަފްތާގައި ޗައިނާއަށް ޒިޔާރަތް ކުރައްވާފައެވެ.

އެމެރިކާވަނީ، ފިލިޕީންސުން އެމެރިކާއާ ވަކިވެ ރަޝިޔާއާއި ޗައިނާ ގުޅުންތައް ބަދަހިކުރަން ގަސްދުކުރާކަމަށް ވިދާޅުވެ ޑުޓާޓޭ ދެއްވި ބަޔާނާ އަދި އެއާގުޅިގެން ފިލިޕީންސުން އަމަލުކުރަން ގަސްދުކުރާގޮތް ސާފުކުރުމަށްޓަކައި އެގައުމުގެ އިސް މަސްއޫލުވެރިއަކު މިހަފްތާގައި ފިލިޕީންސަށް ފޮނުވާފައެވެ.

އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ފިލިޕީންސުން އަސްކަރީ ފަސޭހަތައް ދިނުމާބެހޭ މުއާހަދާ ފިލިޕީންސުން އުވާލައިފިނަމަ އޭޝިޔާ ފެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ބާރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް