މާލޭ މަގުތަކަށް އައިސް ކްރީމް ބައިސްކަލެއް!

ބޭރު މަގަށް ނުކުތް އިރު ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވެގެން އުޅެ އެވެ. އެންމެން ވެސް ބަލަމުން ދިޔައީ މަތިން ސޯލާ ޕެނަލް ހަރުކޮށްފައިވާ މާފައްކާ ބައިސްކަލަކަށެވެ. އެންމެންވެސް ކިޔައިނީ "އައިސް ކްރީމް ބައިސްކަލް" އެކޭ އެވެ. އޭގައި ފުރިޖެއް ބަހައްޓައިގެން އައިސް ކްރީމާއި ތަފާތު ވައްތަރުގެ ފިނި ބުއިންތައް ވިއްކަނީ އެވެ. މިކަހަލަ ބައިސްކަލެއް އަދި މާލެއަކުން ނުފެނެ އެވެ. އެހެންވެ އެއްވެފައިވާ އެންމެން ފަދައިން އައިސްކްރީމް ބައިސްކަލަށް ދެވުނު ޝައުގުވެރިކަން ބޮޑުވީ އެހެން ވެގެނެވެ.

އައިސް ކްރީމް ބައިސްކަލެއް މާލޭގެ މަގުމައްޗަށް ނެރުނީ ފަހި އަރުތަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ އޮފިޝަލުން ބުނާ ގޮތުގައި މި އައިސް ކުރީމް ބައިސްކަލަކީ ރާއްޖޭގެ ފަރުމާއަކަށް ޗައިނާގައި އުފައްދައިގެން ގެނެސް މަގު މައްޗަށް ނެރުނު ބައިސްކަލެކެވެ. އެއީ 3000 އެމެރިކާ ޑޮލަރުގެ އަގު ހުރި ބައިސްކަލެކެވެ. މާލޭގައި އެކުން ފުނި އަންނަނީ އޭގެ އިތުރު ބައިސްކަލްތައް ޓެސްޓް ކުރަމުންނެވެ.

މާލެ ވަށައިގެން އަތުރާފައިވާ ކުރުނބާ ގާޑިޔާ ތަކުން ވިއްކާ ފިނި ބުއިން ތަކުގެ ބަދަލުގައި ދުއްވާފައި ގާތަށް އަންނަ ބައިސްކަލުން ދެން އައިސް ކުރީމާއި ފިނި ބުއިން ލިބޭނެ އެވެ. މި އައިސް ކްރީމް ބައިސްކަލް ދުއްވާލާފައި އަންނާނީ އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގާ ފުރިޖުވެސް ހިފައިގެނެވެ. ބޭނުން ކޮންމެ އައިސް ކްރީމް ފްލޭވާއެއް އަދި ލުއި ބުއިމެއް އައިސް ކްރީމް ބައިސްކަލުން ނެގިދާނެ އެވެ. ބައިސްކަލް މަތީގައި ބުއިންތައް ފޯރުކޮށްދޭ އައިސް ކްރީމް ބައިސްކަލު ވަނީ މާލޭގައި "ބާރަށް ދުވާ އެއްޗަކަށް" ވެފައެވެ.

"ދުއްވާނެ މީހަކު ލިބުނު ހާ އަވަހަކަށް އިތުރު ދެ ބައިސްކަލް އަޅުގަނޑުމެން ނެރޭނަން،" އައިސް ކުރީމް ބައިސްކަލްތައް ގެންގުޅޭ ކުންފުނީގެ އިސް ވެރިއެއް ކަމަށްވާ އަބުދުﷲ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އައިސް ކްރީމް ބައިސްކަލްގެ ހިޔާލަކީ ވަރަށް ކުރިން ފެށިގެން އެ ކުންފުނިން ވިސްނަމުން އައި ކަމަކެވެ. މައިގަނޑު ބޭނުމަކީ ފަސޭހަ ހިދުމަތް ތިމާވެއްޓާ ރައްޓެހިކޮށް ފޯރުކޮށް ދިނުމެވެ.

"މި ހިޔާލު އައިސްގެން އަޅުގަނޑުމެން ހުށަހެޅީ. އޭގެ ފަހުން ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް މި ބައިސްކަލްތައް ތައްޔާރު ކުރުވީ އަޅުގަނޑުމެން ބޮޑަށް އަމާޒުކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އުފެއްދުމަކަށް،" ގާސިމް ވިދާޅުވި އެވެ. " ރައީސް ނަޝީދު ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކޮށްފައިވާ ޓާގެޓަށް އަމާޒުކޮށް، އަޅުގަނޑުމެން މިކަމައިގެން ތެދުވީ،"

ފަހި އަރުތައިން ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި މާލޭގައި އައިސް ކްރީމާއި ލުއި ބުއިންތައް ވިއްކާ ތިން އައިސްކްރީމް ބައިސްކަލް މަގުމައްޗަށް ނެރޭނެ އެވެ.

"ތިން ބައިސް ކަލް ވެސް އައިސްކްރީމް ހިފައިގެން ދަތުރުކުރާނީ މާލޭގެ ތިން ސަރަހައްދެއްގައި،" ގާސިމް ވިދާޅުވި އެވެ.

އައިސް ކްރީމް ބައިސް ކަލްތަކުގެ ތެރެއިން ފުރަތަމަ ބައިސްކަލް އަބަދު ވެސް ބުރުޖަހާނީ އާޓިފިޝަލް ބީޗާއި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގަ އެވެ. ދެ ވަނަ ބައިސްކަލުގެ ދުއްވާނީ ސަރުކާރުގެ އޮފީސްތައް ހިމެނޭ ސަރަހައްދު، ވެލާނާގެ އާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގަ އެވެ. ތިން ވަނަ ބައިސްކަލު އައިސްކުރީމާއި ފިނިބުއިންތައް ހިފައިގެން ބުރު އަޅާނީ އެއްނަމްބަރު ފާލަން ކައިރީގަ އެވެ.

ފަހި އަރުތައިގެ އައިސްކްރީމް ބައިސްކަލް ވަނީ މާލޭގެ މަގުތަކުގައި ކާމިޔާބު ބުރުތައް އަޅަން ފަށައިފަ އެވެ. ބައެއް ފަހަރަށް ފުލުހުން ހުއްޓުވި ނަމަވެސް އައިސް ކްރީމް ބައިސްކަލްތައް ނުކުމެފައި ވަނީ ޓްރާންސްޕޯޓުގެ ހުއްދައާއެކު އެވެ.

<< ވީޑިއޯ ބެއްލެވުމަށް

http://www.youtube.com/watch?v=iDiMiZX5zR4
ގުޅޭ ޓެގު
comment ކޮމެންޓް