ދިވެހި އުފެއްދުންތެރިންނާ ޓޫރިސްޓު އިންޑަސްޓްރީ ގުޅުވައިދޭ ފޯރަމެއް ނައިފަރުގައި

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކައި ގުޅުވައިދީ، އެ އުފެއްދުންތަކަށް މާކެޓު ހޯދައިދިނުމުގެ ގޮތުން ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

"ޕާޓްނަރިންގް ފޯރ ޑިވެލޮޕމެންޓް" ނުވަތަ "ޕީ4ޑީ"ގެ ނަމުގައި، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ޔުނިޓުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހު، ޅ. ނައިފަރުގައެވެ.

ނައިފަރުގައި ބާއްވާ ބައްދަލުވުމުގައި 70 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވާ އިރު، އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަނީސް ވިދާޅުވީ، މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތަކުން އުފައްދާ ތަކެއްޗަށް މާކެޓު ހޯދައިދިނުން ކަމަށެވެ.

ޅ. ނައިފަރުގައި ބުރާސްފަތި ދުވަހު ބާއްވާ ޕީ4ޑީ ފޯރަމްއަކީ މިފަދައިން ބައްވާ ފުރަތަމަ ފޯރަމެވެ. އެއީ އަޖުމަ ބެލުމުގެ ގޮތުން ބާއްވާ ޕައިލެޓް ފޯރަމެކެވެ. މި ސިލްސިލާގެ ދަށުން ދެން ބާއްވާ ބައްދަލުވުންތައް ބައްދަލުވާނީ، ނައިފަރުގައި ބާއްވާ ބައްދަލުވުމުން ފާހަގަވާ މައްސަލަތައް އިތުރަށް ރަނގަޅުކޮށް، ފުރިހަމަ ކުރުމަށްފަހެވެ.

ނައިފަރުގައި ބާއްވާ ޕީ4ޑީ ބައްދަލުވުން ބާއްވަނީ ސީދާ އިކޮނޮމިކް މިނިސްޓްރީގެ ބީޑީ ޔުނިޓުގެ ދަށުންނެވެ. ނަމަވެސް އެއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ބައްދަލުވުންތައް ބާއްވާނީ، އެކި ސަރަހައްދުތަކުގައި އިކޮނޮމިކް މިނިސްޓްރީން ގާޢިމުކޮށްފައިވާ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރުތަކުގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް