ސްމާޓް ގަޑިތަކުގެ ވިޔަފާރި 51 ޕަސެންޓު ދަށަށް!

ދުނިޔޭގެ ބާޒާރުގައި ސްމާޓް ވޮޗް ނުވަނަ ސްމާޓް ގަޑިތަކުގެ ވިޔަފާރި 51 ޕަސެންޓު ދަށަށް ގޮސްފިއެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުން އަހަރަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ސްމާޓް ވޮޗްގެ ވިޔަފާރި ވަނީ ބާރު ސްޕީޑެއްގައި ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ސްމާޓް ވޮޗްގެ ވިޔަފާރި ވަނީ 51.9 ޕަސެންޓް ދަށަށް ގޮސްފައިކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ސްމާޓް ވޮޗްގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ވާދަވެރި ދެކުންފުނި ކަމަށްވާ އެޕަލްއާއި ސެމްސަންގް އެވެ.

އަހަރުގެ ތިން ވަނަ ކުއާޓަރަށް ބަލާއިރު، ސްމާޓް ވޮޗް ވިޔަފާރީގެ މާކެޓުގެ އެންމެ މަތީގައި އުޅޭނީ އެޕަލް އެވެ. އެޕަލް އިން އެ ކުއާޓަރުގައި އެކި ގައުމުތަކަށް ފޮނުވާފައިވަނީ މިލިއަނެއްހާ އެޕަލް ވޮޗް އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނިން ވަނީ 3.9 މިލިއަން އެޕަލް ވޮޗް، ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކަށް ފޮނުވާފައެވެ.

ސެމްސަންގުން މިއަހަރުގެ މިހާތަނަށް، ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކަށް ފޮނުވާފައިވަނީ ހަތަރު ލައްކަ "ސެމްސަންގް ގިއަރ" އެވެ. އޭގެ ތެރޭގައި އެކުންފުނީގެ އެންމެ ފަހުގެ ސްމާޓް ވޮޗް، "ސެމްސަންގް ގިއާ 2" ވެސް ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސެމްސަންގުން ވިއްކާފައިވަނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނިން ސްމާޓް ވޮޗް ހަމަ ވިއްކި މިންވަރަށެވެ.

ސްމާޓް ވޮޗްގެ މާކެޓަށް ބަލާއިރު ގޫގަލް އިން ވަނީ އެކުންފުނީގެ "އެންޑްރޮއިޑް ވެއާ" ލޯންޗް ކުރުން ފަސްކޮށްފައެވެ. އަދި ސެމްސަންގުން ވަނީ އެކުންފުނީގެ އެންމެ ފަހުގެ ސްމާޓްވޮޗްތަކުގެ ޝިޕްމަންޓު ގައުމުތަކަށް ފޮނުވުން ލަސްކޮށްފައެވެ.

comment ކޮމެންޓް