އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ޕީޕީއެމް ވެއްޖެ

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: މެމްބަރުން އެންމެ ގިނަ ޕާޓީއަކަށް ޕީޕީއެމް މިހާރު ވަނީ ވެފައި -- ސަން ފައިލް ފޮޓޯ

ސިޔާސީ ޕާޓީގެ މެމްބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ނުޖަހާ މެމްބަރުން ޕާޓީތަކުން ވަކިކޮށް، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އަލުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލިއިރު، އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އަލުން ޕާޓީތަކުގެ ދަފްތަރު އެކުލަވާލީ މިދިޔަ އޯގަސްޓު މަހުގެ 16ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާ ގުޅިގެން ނެވެ.

ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު ޕީޕީއެމްގައި 37،633 މެމްބަރުން އެބަ ތިއްބެވެ. ކުރިން އެ ޕާޓީގައި ތިބީ 36،232 މެމްބަރުން ނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި ކުރިން 10،639 މެމްބަރުން ތިބިނަމަވެސް އަލުން ދަފްތަރު އެކުލަވާލިއިރު އެ ޕާޓީން ވަނީ 55 މެމްބަރަކު ވަކިވެފަ އެވެ. އެހެންކަމުން މިހާރު އެ ޕާޓީގައި ތިބީ 10584 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މީގެކުރިން އޮތް އިދިކޮޅު އެމްޑީޕީން ވަނީ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެފަ އެވެ. އެޕާޓީގައި ކުރިން 46،608 މެމްބަރުން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް ފިންގަ ޕްރިންޓު ނެތުމުން އެމްޑީޕީން ވަނީ 18،803 މެމްބަރުން ވަނީ ޕާޓީން ވަކިވެފަ އެވެ. އަލުން އެކުލަވާލި ދަފްތަރުގައި މިހާރު ތިބީ 27،805 މެމްބަރުންނެވެ.

އެންމެ ގިނަ މެމްބަރުން ދެން ވަކިވެފައިވާ ޕާޓީއަކީ ޑީއާރްޕީ އެވެ. އެ ޕާޓީން 10،784 މެމްބަރުން ވަކިވެފައިވާއިރު މިހާރު އެ ޕާޓީގައި ތިބީ 3966 މެމްބަރުންނެވެ. މީގެކުރިން އެ ޕާޓީގައި ތިބީ 14،750 މެމްބަރުންނެވެ.

އަދާލަތު ޕާޓީގައި މީގެކުރިން 9009 މެމްބަރުން ތިބިނަމަވެސް ފިންގަ ޕްރިންޓު ނެތުމުން އެޕާޓީން ވެސް 1414 މެމްބަރުން ވަނީ ވަކިވެފަ އެވެ. އިލެކްޝަނުން އަލަށް އެކުލަވާލި ސިޔާސީ ޕާޓީގެ ދަފްތަރުގައި ބުނެފައިވާ ގޮތުގައި އެ ޕާޓީގައި މިހާރު ތިބީ 7595 މެމްބަރުންނެވެ.

އަލަށް އެކުލަވާލި ދަފްތަރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި މިހާރު ތިބީ 10،989 މެމްބަރުންނެވެ. އެ ޕާޓީން 3000 މެމްބަރުން ވަނީ ވަކިވެފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޕާޓީގެ މެމްބަރަކަށްވުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކުން އެ މީހެއްގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއި އަދި އެ މީހެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާއިރު ފިންގަ ޕްރިންޓު ނެތް މެންބަރުން އުނިކޮށްފައިވާ ލިސްޓަށް ބަލަންޖެހެ އެވެ.

comment ކޮމެންޓް