އުންމީދު ކުރަނީ ރާއްޖެ އދ.ގެ މެމްބަރެއްގެ ގޮތުގައި ދެމިއޮތުމަށް: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އޭޕީ

އދއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައި އޮތް ޖަމިއްޔާއެއް ކަމަށާއި، އުންމީދަކީ ދިވެހިރާއްޖެ އދއާ އެކު ދެމިއޮވެ، ރާއްޖޭގެ ޖުޑީޝަރީ އާއި ޑިމޮކްރަސީ ވަރުގަދަވުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، އދގެ 71 ވަނަ އަހަރީ ދުވަސް ނުވަތަ "ޔުނައިޓެޑް ނޭޝަންސް ޑޭ"އާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން "ސަން" އަށް ވިދާޅުވީ، ރާއްޖެ އދގެ މެމްބަރެއްގެ ގޮތުގައި 51 އަހަރު ދުވަސް ވޭތުކޮށްފައިވާ އިރު، އދގެ ފަރާތުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ބައިނަލްއަގުވާމީ، ވަރަށް މުހިންމު ޖަމިއްޔާއެއް. ވަރަށް ގިނަ ފާޑުކިޔުންތަކެއް ހުރިކަމުގައި ވިޔަސް، ރާއްޖޭގެ ސެކިއުރިޓީ އާއި ޑިވެލޮޕްމެންޓަށް މުހިންމު މަސައްކަތްތަކެއް ކޮށްދީފައި، އަދި ކުރަމުން އަންނަ ޖަމިއްޔާއެއް،" ދުންޔާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ވިދާޅުވީ، އދ ބިނާވެ، މަސައްކަތްކުރަމުން އަންނަނީ ވަރަށް މުހިންމު އަސާސުތަކެއްގެ މައްޗަށް ކަމަށެވެ. އަދި އދ އަކީ މިހާރަށް ވުރެ ވަރުގަދަ ގޮތެއްގައި ގާއިމުވެފައި އޮންނަ ޖަމިއްޔާއަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"51 އަހަރު ވީ ރާއްޖެ ވެސް އދގެ މެމްބަރެއްގެ ގޮތުގައި އުޅޭތާ. ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ކޮށްދީފި ތަރައްގީގެ އެހީތެރިއެއްގެ ގޮތުން. ޔޫއެންޑީޕީ އާއި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުން ވެސް ރާއްޖޭގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ،"

"އަޅުގަނޑު އުންމީދުކުރަނީ ރާއްޖެ ވެސް އދގެ މެމްބަރު ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް، އަދި ރާއްޖޭގެ ޖުޑީޝަރީ އިންސާފުވެރިކޮށް، ޑިމޮކްރަސީ ވަރުގަދަ ވުމަށް،" ދުންޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަސައްކަތްތައް ކުރައްވަން ފެއްޓެވުމުގެ ކުރިން، އދގެ މާލެ އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ދުންޔާ ވަނީ ފޮރިން މިނިސްޓަރުކަމުގައި ހުންނަވައި، މިދިޔަ އަހަރު އދގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން، ތަގުރީރު ކުރައްވައިފައެވެ.

ދުންޔާ ވިދާޅުވީ، އޭރުވެސް އދއިން ރާއްޖެއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި ކަމަށާއި، ނަމަވެސް އެ ދަތުރުގައި އދއާ މަޝްވަރާތައް ބާއްވައި، ރާއްޖޭގައި ކަންކަން ހިނގަމުން ދިޔަ ގޮތް އޮޅުންފިލުވައިދެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވީ، މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން ސަރުކާރާ ޚިޔާލުތަފާތުވެވަޑައިގަތުމުގެ ސަބަބުން، މިއަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ.

އދއަކީ ދެވަނަ ބޮޑުހަނގުރާމަ ނިމުމާ އެކު، އެފަދަ އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމުގެ މަގްސަދުގައި ދުނިޔޭގެ ގައުމުތަކުން ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ. އދ އުފެއްދީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޖަމިއްޔާ އުފެދުނީ، 51 މެމްބަރު ގައުމާ އެކުގައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދު 193 އަށް އަރައެވެ.

comment ކޮމެންޓް