އަދާލަތުގެ ފަރާތުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި

އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު (ވ): ސަން ފައިލް ފޮޓޯ

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އަދާލަތު ޕާޓީގެ ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޕާޓީގެ ފަރާތުން ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.

އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 31ވަނަ ދުވަހުގެ ހަވީރު 5:00އަށް ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތުން މީގެކުރިން ބުނެފައި ވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) މެދުވެރިކޮށް އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް 147 ކެނޑިޑޭޓުން ނެރުމަށް ނިންމާފައިވާ ކަމަށެވެ.

އެޕާޓީގެ ރަޖިސްޓްރާގެ ނައިބު ހުސެއިން ވަފީރު ވިދާޅުވީ، އެމްޔޫއޯ މެދުވެރިކޮށް 128 ރަށު ކައުންސިލްއަކަށާއި 16 އަތޮޅު ކައުންސިލްއެއްގެ އިތުރުން މާލޭ ސިޓީގެ ތިން ގޮނޑިއަކަށް އެޕާޓީން ކުރިމަތި ލުމަށް ނިންމައިފައިވާ ކަމަށެވެ.

އަދާލަތުން ބުނީ އެޕާޓީން ވާދަކުރާނީ އެމްޑީޕީއަށް ބައެއް ޖާގަތައް ދީގެން ކަމަށެވެ.

އަދާލަތުގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށެވެ.

އަންނަ އަހަރު ރަށު ކައުންސިލަރުންގެ ގޮތުގައި 563 މެމްބަރަކު އިންތިހާބުކުރާނެ އެވެ. އަދި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 މެމްބަރަކު އިންތިހާބު ކުރާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީ ކައުންސިލަރުންގެ ގޮތުގައި އަންނަ އަހަރު 23 މެމްބަރަކު އިންތިޚާބު ކުރާނެ ކަމަށެވެ.

comment ކޮމެންޓް