ހެލޯ އެގެއިން - އެޕަލްގެ އާ މެކްބުކް ސީރީޒް މިމަހުގެ 27 ވަނަ ދުވަހު ދައްކާލާނެ!

އިލެކްޓްރޯނިކްސް ޕްރޮޑަކްޓްތައް އުފެއްދުމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ދުނިޔޭގެ އެނެމް މަގުބޫލު އެއް ކުންފުނިން ކަމަށްވާ އެޕަލް އިން މިމަހުގެ 27 ވަނަ ދުވަހު "ހެލޯ އެގެއިން"ގެ ނަމުގައި އިވެންޓެއް ބާއްވަން ހަމަޖައްސާފައިވާއިރު މި އިވެންޓާ މެދު ގިނަ ބައެއްގެ އުއްމީދުތައް ވަރަށް ބޮޑެވެ.

ގިނަ މީހުން އުއްމީދު ކުރަމުންދާ ގޮތުގައި މި އިވެންޓުގައި އެޕަލް އިން ދައްކާލާނީ އެކުންފުނީގެ އާ އައިމެކް އާއި އާ މެކް ޕްރޯ އެވެ. ނަމަވެސް ކޭޖީއައި ސެކިއުރިޓީސްގެ އެނަލިސްޓެއް ކަމަށްވާ މިންގް ޗީ ހާމަ ކުރާ ގޮތުގައި މި މަހުގެ 27 ވަނަ ދުވަހު ބާއްވާ އިވެންޓުގައި އެޕަލް އިން ދައްކާލާނީ އެ ކުންފުނީގެ މެކްބުކް ސީރީޒްގެ އާ އެޑިޝަނެވެ.

މިންގް ޗީ ކުއޯ އަކީ އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ތުންތުން މަތިން ދެކެވޭ ވާހަކަތަކުގެ އެންމެ ރަނގަޅު ޓްރެކެއް ގެންގުޅޭ އެއް ފަރާތެވެ. ކުއޯ ހާމަކުރާ ގޮތުގައި އެޕަލް އިން "ހެލޯ އެގެއިން" އިވެންޓުގައި ދައްކާލާ މެކްބުކް ޕްރޯގެ ފީޗާސްތައްވެސް ވަރަށް ބޮޑަށް އެޑްވާންސް ވާނެ އެވެ.

އެގޮތުން އާ މެކްބުކް ޕްރޯގައި ޔޫއެސްބީ-ސީ ޕޯޓްތަކާއި އޯއެލްއީޑީ ޓަޗް ސްޓްރައިޕްސްވެސް ހިމަނާފައިވާނެ އެވެ. އަދި ސްކައިލޭކްސް ބޭސްޑް ޕްރޮސެސަރަކާއި ވަރުގަދަ ބެޓަރީއެއްވެސް އާ މެކްބުކް ޕްރޯގައި ހިމަނާފައިވާނެ ކަމަށް ކުއޯ ހާމަ ކުރެއެވެ.

މީގެ އިތުރުން އެ ސީރީސްގެ ލެޕްޓޮޕްތަކުގެ ހާޑް ޑިސްކް ވާނީ ދެ ޓީބީއާ ހަމައަށް އަޕްގްރޭޑްކޮށްފައިކަމަށްވެސް އޭނާ ބުނެއެވެ.

މި އިވެންޓުގައި ދެން ދައްކާލާނެ ކަަމަށް ލަފާ ކުރެވޭ އެއް އުފެއްދުމަކީ އެކުންފުނީގެ އާ މެކްބުކް އެއާ އެވެ. ކުއޯ ބުނެފައިވާ ގޮތުގައި އަލަށް ނެރޭ މެކްބުކް އެއާގެ ސައިޒު މީގެ ކުރިން ނެރެފައިވާ އެ ސީރީސްގެ ލެޕްޓޮޕްތަކަށްވުރެ އެއް އިންޗް ބޮޑު ވާނެ ކަމަށެވެ. އެގޮތުން އާ މެކްބުކް އެއާގެ ސައިޒަކީ 13 އިންޗް ކަމަށް އޭނާ ބުނެއެވެ. މީގެ ކުރިން އެޕަލްއިން އުފައްދާފައިވަނީ 12 އިންޗީގެ މެކްބުކް އެއާގެ ލެޕްޓޮޕްތަކެކެވެ.

comment ކޮމެންޓް