ސޯމާލިއާގެ ކަނޑުފޭރޭ މީހުން ރަހީނުކުރި 26 މީހުން ފަސް އަހަރު ފަހުން މިނިވަންކޮށްފި

ސޯމާލިއާ ކަނޑުފޭރޭ މީހުން މިނިވަންކުރި ފަޅުވެރިން ތިބި ބޯޓް ހައިޖެކްޓްކުރުމަށްފަހު އެ ބޯޓުގެ ތެރޭގައި ކަނޑުފޭރޭ މީހުން ފޯރި މަރަނިކޮށް ނަގާފައިވާ ފޮޓޯއެއް: އޮމާނަށް ނިސްބަތްވާ އެ ބޯޓުން ރަހީނުކުރި 26 މީހުން ވަނީ މިނިވަންކޮށްފަ --- ފޮޓޯ/ އޭއެފްޕީ

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ރަހީނުކޮށް، މަސްވެރި ކުޑަ ރަށެއްގައި ބައިތިބާފައި ތިބި އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ 26 ފަޅުވެރިއަކު ފަސް އަހަރު ފަހުން މިނިވަންކޮށްފި އެވެ.

ޗައިނާ، ފިލިޕީންސް، ކެމްބޯޑިއާ، އިންޑޮނޭޝިއާ އަދި ޓައިވާނަށް ނިސްބަތްވާ އެ ފަޅުވެރިން ދަތުރުކުރަމުންދިޔަ އޮމާނަށް ނިސްބަތްވާ ބޯޓު ހިފަހައްޓައި އެ އެންމެން ރަހީނުކޮށްފައިވަނީ 2012 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

އެމީހުން ދަތުރުކުރަމުންދިޔަ ބޯޓު ކަނޑުފޭރޭ މީހުންގެ ޝިކާރައަކަށްވީ، ކަނޑުފޭރުމުގެ ހާދިސާތައް ގިނަ ސީޝެލްސް ކައިރިންނެވެ. އެއަށްފަހު ސޯމާލިއާގެ އައްސޭރި ފަށަށް ގެނެސް ހައިޖެކްޓްކުރި ބޯޓު ފެތެންދެން ރަހީނުކޮށްފައިތިބި މީހުން ބޭތިއްބީ ބޯޓު ތެރޭގައެވެ.

އަދި ހައިޖެކްޓްކުރުމުގައި ބޯޓުގެ ދެ ފަޅުވެރިއަކު މަރުވިއިރު، ބަލިވެގެން ވެސް ދެ މީހަކު މަރުވި އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން މިނިވަންކުރި މީހުންނަކީ ދެހާހުގެ މެދު ތެރޭގައި ރަހީނުކޮށްފައިތިބި އެންމެ ފަހު މީހުން ކަމަށް ބެލެވެއެވެ. އަދި ސޯމާލިއާ ކައިރިން ކަނޑުފޭރުމުގެ ހާދިސާތައް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.

ސަބަބެއް ކަމަށް ކަމުގެ މާހިރު ވިދާޅުވަނީ، ޝިޕިން ކުންފުނިތަކުން އަމިއްލަ ސެކިއުރިޓީ ނެގުމާއި ބައިނަލްއަގްވާމީ މަނަވަރުތައް އެ ހިސާބުގައި ހަރަކާތްތެރިވުމެވެ.

އޯޝެންސް ބިޔޯންޑް ޕައިރަސީ ގްރޫޕުގެ އިރުމަތީ އެފްރިކާ ރީޖަންގެ މެނޭޖަރު ޖޯން ސްޓީޑް ވިދާޅުވީ، މިނިވަންކުރި މީހުންގެ ހާލަތު އަދި ބުނަން ދަތި ނަމަވެސް އެމީހުން ދިރިތިބި ކަމުގެ ހެއްކެ ގޮތުގައި ފޮނުވި ފޮޓޯތަކުން އެމީހުން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށެވެ.

އަދި އެ އެންމެން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ގެނައުމުގެ ކުރިން، އޭގެ ތެރެއިން ހާލުބޮޑު މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯން ސްޓީޑް ވިދާޅުވީ، އެމީހުން މިނިވަންކުރަން އެއްވެސް ފައިސާއެއް ދައްކާފައިވާކަން ބުނާކަށް ނޭނގޭ ކަމަށެވެ.

"މިއީ ފަގީރު މަސްވެރިންތަކެއް. އެމީހުން ދަތުރުކުރި ބޯޓުގެ އެއްވެސް އަގެއް ނެތް. އެމީހުންގެ އިންޝުރަންސެއް ނެތް. އަދި ހަމަގައިމުވެސް މިފަދަ މަޝްވަރާތަކެއްގައި ބައިވެރިވާކަށް ސަރުކާރުތަކަކުން ބޭނުމެއް ވެސް ނުވާނެ،" ޖޯން ސްޓީޑް ވިދާޅުވި އެވެ.

comment ކޮމެންޓް